އަހަރެއްގެ ތެރޭގައި ކާބޯތަކެތީގެ އަގު ހަތް ޕަސެންޓު އުފުލިއްޖެ

މަސްމާރުކޭޓު ސަރަހައްދުގައި ދޯނިން މަސް ބޭލުމުގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ވޭތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ކާބޯތަކެތީގެ އަގު ހަތް ޕަސެންޓު ބޮޑުވެއްޖެ ކަމަށް ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްކްސްގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްކިސް އިން އާންމުކުރާ ބާޒާރުގެ އަގުތަކުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، ނިމިދިޔަ އަހަރުގެ ޖެނުއަރީން މި އަހަރުގެ ޖެނުއަރީގެ ނިޔަލަށް، އެންމެ އަގު ބޮޑުވީ ދަތުރުފަތުރުގެއެވެ. އެގޮތުން ދަތުރުފަތުރުގެ އަގު 11 އިންސައްތަ ބޮޑުވެފައިވާއިރު، ދެވަނައަށް އެންމެ ބޮޑުވެފައިވަނީ 7.82 އިންސައްތަ އުފުލިފައިވާ ކާބޯތަކެތީގެ އަގެވެ.

ދަތުރުފަތުރުގެ އަގުތައް މިހާ ބޮޑުވުމުގެ އެންމެ ބޮޑު ހިއްސާއެއް ކުރަނީ ވައިގެ ދަތުރުފަތުރުތަކުގެ އަގުތަކެވެ. އެގޮތުން އެތެރޭގެ އުދުހުން ތަކުގެ އަގު 2.14 އިންސައްތަ ބޮޑުވެފައިވާއިރު، ބައިނަލްއަގުވާމީ ދަތުރުތަކުގެ އަގުތައް ވަނީ 4.34 އިންސައްތަ ބޮޑުވެފައެވެ.

ތިންވަނައަށް އަގުތައް އެންމެ ބޮޑުވެފައިވަނީ ފަރުނީޗަރު އަދި ގޭތެރޭ ސާމާނުތަކުގެ އިތުރުން، އެކި ކަހަލަ ކާޕެޓުތަކާއި ފްލޯ ކަވަރިންގެއެވެ. މި ތަކެތީގެ އަގުވަނީ 6.10 އިންސައްތަ ބޮޑުވެފައެވެ.

އޭގެ އިތުރުން، ނިމިދިޔަ އަހަރުގެ ޖެނުއަރީ އިން މި އަހަރުގެ ޖެނުއަރީއަށް އަގުތައް ބޮޑުވި ބައެއް ދާއިރާތަކަކީ:

  • ސިއްޚީ ދާއިރާ: 5.18 އިންސައްތަ ބޮޑު
  • ރެސްޓޯރަންޓް އަދި އެކަމޮޑޭޝަން: 5.59 އިންސައްތަ
  • ފޯއް އަދި ދުންފަތުގެ ބާވަތްތައް: 4.55 އިންސައްތަ ބޮޑު
  • ތަޢުލީމީ ދާއިރާ: 4.63 އިންސައްތަ ބޮޑު
  • އަންނައުނުގެ ބާވަތްތައް: 1.99 އިންސައްތަ

އެކި ދާއިރާ އަދި ބާވަތްތުގެ އަގަށް އައި އިތުރުވުމާއެކު، ނިމިދިޔަ އަހަރުގެ ޖެނުއަރީއިން މި އަހަރުގެ ޖެނުއަރީގެ ނިޔަލަށް ޢާންމުކޮށް 3.99 އިންސައްތައިގެ އަގު ބޮޑުވުމެއް އައިސްފައިވެއެވެ.

ދުނިޔޭގެ ބާޒާރުގައި އަގުތައް އުފުލެމުންދާ މައިގަނޑު ސަބަބަކީ ކޮވިޑަށް ފަހު ދުނިޔޭގެ އިގުތިސޯދަށް އައި ނުތަނަވަސްކަން މުޅިއަކުން ފިލައިގެން ނުދިޔުމެވެ. މި މައްސަލަ ގޯސްވީ ނިމުނު އަހަރުގެ ފެބްރުއަރީ މަހު ރަޝިއާ އިސްވެ ޔޫކްރެއިން ހަމަލާ ދިނުމާ ގުޅިގެން ފެށި ހަނގުރާމައާ ގުޅިގެންނެވެ.

ރާއްޖޭގައި ތަކެތީގެ އަގު އުފުލެން މެދުވެރިވެފައިވާ އަނެއް ސަބަބަކީ މުދަލާއި ހިދުމަތުގެ އަގުން ނަގަމުން އައި ޖީއެސްޓީ އަށް ޕަސެންޓަށް ބޮޑުކުރުމެވެ. މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ އަންދާޒާތަކުން ދައްކާ ގޮތުގައި މި އަހަރު ރާއްޖޭގައި ތަކެތީގެ އަގުތައް 5.4 ޕަސެންޓު އުފުލޭނެއެވެ.

comment ކޮމެންޓް