ގައުމީ ސަލާމަތާ ގުޅުވާ ސްކޭމް މައްސަލަތައް ބަލާ ކޮމިޓީ ސިއްރުކޮށްފި

ރައްޔިތުން މަޖިލީހުގެ އެސްއޯއީ ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން --- ފޮޓޯ މަޖިލިސް

ހުޅުވާލައިގެން ބާއްވާ ބައްދަލުވުމެއްގައި އެންމެ ފުރިހަމަ މައުލޫމާތު ހާމަކުރަން އުޒުރުވެރިވާ ކަމަށް ބުނުމުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އެކައުންޓްތަކުން ގިނަ އަދަދެއްގެ ފައިސާ ގެއްލެމުންދާ މައްސަލައިގައި މިއަދު ކުރިޔަށްދިިޔަ އެސްއޯއީ ކޮމިޓީ ސިއްރުކޮށްފިއެވެ.

އެސްއޯއީ ކޮމިޓީން ވަނީ މި މައްސަލައިގެ މައުލޫމާތު ހޯދަން ބީއެމްއެލް އާއި ދިވެހިރާއްޖޭގެ މަރުކަޒީ ބޭންކް (އެމްއެމްއޭ) އާއި ކޮމިއުނިކޭޝަންސް އޮތޯރިޓީގެ އިތުރުން މޯލްޑިވްސް ޕޮލިސް ސާވިސްއާ ކޮމިޓީއަށް ހާޒިރުކޮށްފައެވެ. ކޮމިޓީއަށް ހާޒިރުކުރި ފަރާތްތަކުގެ ތެރެއިން ބީއެމްއެލް ފިޔަވައި ދެން ތިބި ފަރާތްތަކުން ބޭނުންވީ ކޮމިޓީ ސިއްރުކުރާށެވެ.

އެގޮތުން ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް)އިން ބުނީ މި މައްސަލައިގެ ތެރޭގައި ގައުމީ ސަލާމަތާ ކޮންމެސް ވަރަކަށް ގުޅުން ހުރި ވާހަކަތަކާއި ވާހަކައިގެ ބާވަތުން އެފަދަ ކަންކަން ކުރާ މީހުންނަށް އެހީއަކަށްވެ ފުރުސަތުތައް ފަހިވެދާނެތީ ކޮމިޓީ ސިއްރުކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމުގައި ދެކޭ ކަމަށެވެ. އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ވެސް ވިދާޅުވީ ކޮމިޓީ ހުޅުވާލައިގެން ކުރިއަށް ގެންދާނަމަ ހާމަ ކުރާނީ އާއްމުކުރެވޭ މައުލޫމާތު އެކަނި ކަމަށެވެ.

އެމްއެމްއޭ އާއި ކޭމްގެ ވާހަކަތަކަށް ތާއީދުކުރައްވަމުން ފުލުހުންގެ ޗީފް ސުޕްރިންޓެންޑެންޓް ޝާފިއު ވެސް އެދިވަޑައިގަތީ ކޮމިޓީ ސިއްރުކޮށްދޭށެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ސްކޭމް ފަދަ ކަންކަމަކީި ސައިބާ ސްޕޭސްގައި ކުރެވޭ ކަމަކަށް ވާތީ، މި މައުލޫމާތު އާންމުވުމުން އޭގެ ނުރަނގަޅު އަސަރެއް ކޮށްފާނެ ކަމަށް ބުރަވެވޭ ކަމަށެވެ.

ނަމަވެސް ބީއެމްއެލްއިން ބުނީ ކޮމިޓީ ހުޅުވާލައިގެން ގެންދިއުމަކުން އެއްވެސް އިއުތިރާޒެއް ނެތް ކަމަށެވެ. އެކަމަކު އެއްވެސް ކަސްޓަމަރެއްގެ ޒާތީ މައުލޫމާތެއް ހުޅުވާލައިގެން ކުރިޔަށްދާ ކޮމިޓީއެއްގައި ހާމަކުރަން އުޒުރުވެރިވާ ކަމަށް ބީއެމްއެލްއިން ވެސް ބުނެފައިވެއެވެ.

މި ފަރާތްތަކުގެ ވާހަކަތައް އަޑުއެހުމަށް ފަހު ކޮމިޓީ މެމްބަރުން އިއްތިފާގުވީ ކޮމިޓީ ސިއްރުކޮށްގެން ގެންދިއުމަށެވެ.

މިކަން ހުށަހެޅުއްވީ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމެވެ. އޭނާ ވިދާޅުވީ އިދާރާތަކުން ބައްދަލުވުން ސިއްރު ކުރަން އެދެތީ އާއި ވަކިވަކި މައްސަލަތަކަކާ ބެހޭ ގޮތުން ވާހަކަދައްކަން ޖެހޭތީ އެކަން ހައްސާސް ކަމަކަށް ވެދާނެ ކަމަށާއި އެހެންކަމުން ރަނގަޅީ ކޮމިޓީ ސިއްރުކުރުން ކަމަށެވެ.

ޝިޔާމްގެ ވާހަކަތަކަށް ތާއީދުކުރައްވާ ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވީ މައްސަލައަކީ ރައްޔިތުންނާ ވަރަށް ބޮޑަށް ގުޅިފަ އޮތް ކަމެއް ވީމަ ސިއްރު ކުރަން ތާއީދު ކަމަށެވެ. އެހެންކަމުން ކޮމިޓީގެ މުގައްރަރު ނިންމެވީ ބައްދަލުވުން ސިއްރުކޮށްގެން ގެންދިއުމަށެވެ.

އެސްއޯއީ ކޮމިޓީއަށް ބީއެމްއެލްއާއި ކަމާބެހޭ އިދާރާތަށް ހާޒިރުކުރީ، ބޭންކުގެ އިހުމާލުން ކަސްޓަމަރުންގެ އެކައުންޓުގައި ހުރި ފައިިސާތައް ގެއްލެމުންދާ ކަމަށް ބުނެ އާންމުންގެ ޝަކުވާ ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ. ބޭންކުން މި ތުހުމަތުތައް ދޮގުކުރަމުން ބުނެފައިވަނީ ބޭންކުގެ އިހުމާލުން އެއްވެސް ކަސްޓަމަރެއްގެ ފައިސާ ނުގެއްލޭ ކަމަށެވެ.

comment ކޮމެންޓް