ކޯލިޝަން ހެދުމާއި ޕްރައިމަރީ ބޭއްވުމާ ބެހޭ ދެ ގަވާއިދެއް އިސްލާހު ކުރުމުގެ މަސައްކަތް މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް)އިން ފަށައިފިއެވެ.
އެކަމާ ގުޅިގެން އެ ޕާޓީގެ ނައިބު ރައީސް އައިމިނަތު ނާދިރާ 'ސަން'އަށް ވިދާޅުވީ ރިޔާސީ އިންތިޚާބާ ގުޅޭ ގޮތުން އެ ޕާޓީ ތެރޭގައި މަޝްވަރާ ކުރަން ފަށާފައިވަނީ މި އަހަރުގެ ޖެނުއަރީ މަހުގައި ކަމަށެވެ. އެގޮތުން، އެ ޕާޓީގެ އެކްސޯގެ ތިން ބައްދަލުވުމެއްގައި އެކަމުގެ މަޝްވަރާތައް ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ނާދިރާ ވިދާޅުވީ ޕާޓިގެ އެހެން ގުނަވަންތަކުގައި ވެސް އިންތިޚާބާ ގުޅޭ މަޝްވަރާތައް ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. އަދި އެކަމާ ގުޅިގެން އާންމު މެމްބަރުންގެ ޚިޔާލު ވެސް ހޯދަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
އެގޮތުން ޕާޓީގެ އާންމު މެމްބަރުންގެ ޚިޔާލު ހޯދުމަށްޓަކައި ފޯން ސާވޭތަކާއި ބައްދަލުވުންތައް ބާއްވަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި މިހާރު އެނާލިސިސް ހަދާ ކޮމިޓީއެއް ހަދައި، ދިރާސާތައް ކުރަމުން ދާ ކަމަށް ވެސް ނާދިރާ ވިދާޅުވިއެވެ.
ނާދިރާ ވިދާޅުވީ ޕްރައިމަރީ ބޭއްވުމާއި، ކޯލިޝަން ހެދުމާ ގުޅޭ ގޮތުން ވެސް މަޝްވަރާތައް ކުރެވެމުންދާ ކަމަށެވެ. އަދި ކޯލިޝަން ހެދުމާއި ޕްރައިމަރީއާ ގުޅޭ ދެ ގަވާއިދެއް އިސްލާހު ކުރުމުގެ މަސައްކަތް މިހާރު ވެސް ކުރިޔަށް ދާ ކަމަށް ނާދިރާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެމްއާރްއެމްއިން އަބަދުވެސް އިސްކަން ދޭނީ އިސްލާހުގެ މަސައްކަތަށް ކަމަށާއި ޕާޓީ އެދޭ ސިޔާސަތުތައް ގެނެވޭނެ ގޮތަކަށް މަސައްކަތް ކުރުމަށް ކަމަށެވެ. އަދި ޕާޓީން އިސްކަން ދޭނީ ޕާޓީއަށް ލިބޭ ސްލޮޓްތަކަކަށް ނޫން ކަމަށް ވެސް ނާދިރާ ވިދާޅުވިއެވެ.
ރިޔާސީ އިންތިޚާބާ ގުޅޭ މަޝްވަރާތައް އެމްއާރްއެމްއިން ފަށާފައިވާއިރު އެ އިންތިޚާބުގައި އެކުގައި ވާދަކުރުމަށް، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވަނީ އެމްއާރްއެމް ހިމެނޭހެން ވެރިކަން ކުރާ ކޯލިޝަނުގައި ހިމެނޭ ޕާޓީތަކަށް ދައުވަތު އަރުވާފައެވެ. އެކަމާ މެދު އަދި އެ ޕާޓީން ވަކި ގޮތެއް ނުނިންމައެވެ.