ނަޝީދު، ގާސިމްގެ އެޑްވައިޒަރު އިލްހާމްއާ ބައްދަލުކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ކުރިޔަށް ދިޔަ އެ ބައްދަލުވުމުގައި ރައީސް ނަޝީދާއެކު ޝިފާޒާއި، ޙަސަން ލަތީފްގެ އިތުރުން، އިލްޔާސް ލަބީބް ބައިވެރިވެވަޑައިގެންނެވި--- ފޮޓޯ/ ސޯޝަލް މީޑިއާ

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް، މުޙައްމަދު ނަޝީދު، ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އެޑްވައިޒަރު، އިލްހާމް އަޙްމަދާ ބައްދަލު ކުރައްވައިފިއެވެ.

އެ ބައްދަލުވުމުގައި ރައީސް ނަޝީދުގެ އަރިހުގައި އެމަނިކުފާނަށް ތާއީދުކުރައްވާ، އެމްޑީޕީގެ މެމްބަރުން ބައިވެރިވެވަޑައިގެންނެވިއެވެ. އެގޮތުން އެމްޑީޕީގެ ނައިބު ރައީސް މުޙައްމަދު ޝިފާޒާއި، ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ޙަސަން ލަތީފްގެ އިތުރުން، ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ކުރިއަށްދިޔަ އެ ބައްދަލުވުމުގެ ތަފްސީލެއް އެއްވެސް ޕާޓީއަކުން އަދި ހާމަކޮށްފައެއް ނުވެއެވެ.

ރައީސް ނަޝީދާއި އެމަނިކުފާނަށް ތާއީދުކުރައްވާ ބޭފުޅުން އިލްހާމްއާ ބައްދަލުކުރައްވާފައިވާއިރު ނަޝީދުގެ ފަރާތުން ދެ ބޭފުޅަކު ދާދިފަހުން ވަނީ ގާސިމްއާ ވެސް ބައްދަލު ކުރައްވާފައެވެ.

ސަން އައިލެންޑްގައި ބޭއްވި އެ ބައްދަލުވުމުގައި ނަޝީދުގެ ފަރާތުން ގާސިމާ ބައްދަލުކުރެއްވީ، ރައްޔިތުންގެ މަޖިލީހުގެ ގދ. އަތޮޅުގެ ކުރީގެ މެންބަރު މުހައްމަދު ރަޝާދު ހުސައިނާއި މަޑަވެލީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނާޒިމެވެ. އެ ބައްދަލުވުމުގެ ތަފްސީލެއް ވެސް ހާމަކޮށްފައެއް ނުވެއެވެ.

މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ގާސިމް ވާދަކުރެއްވުމަށް ނަޝީދު ގެންދަވަނީ ލޮބީ ކުރައްވަމުންނެވެ.

މި ރިޔާސީ އިންތިޚާބުގައި ގާސިމް ވާދަކުރަން ޖެހޭ ކަމަށާއި މިއީ އޭނާ ވެރިކަމަށް އައުމަށް "ރަނުގެ ފުރުސަތެއް" ކަމަށް ވެސް އެ މަނިކުފާނު ވަނީ މީގެ ކުރިން ސިފަ ކުރައްވައިފައެވެ. އަދި، މިދިޔަ ހަފުތާ ބަންދުގައި އޮތް ޖޭޕީގެ ކޮންގްރެސްގައި ގާސިމް ވެސް ވަނީ ނަޝީދަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައި، އެ ޕާޓީގެ ހިއްސާ ވެސް އޮތް ސަރުކާރަށް ނުސީދާ ގޮތެއްގައި ފާޑު ވިދާޅުވެފައެވެ.

comment ކޮމެންޓް