ޑްރަގް ފަރުވާ ވަށާޖައްސަން ރީއިންޓަގްރޭޝަން މަރުހަލާ ފަށަނީ

ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޝަނުން ބޭއްވި ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ/ މަޖިލިސް

މަސްތުވާތަކެތީގެ ފަރުވާ ވަށާޖެހޭ ނިޒާމެއްގެ ތެރެއިން ފޯރުކޮށްދިނުމަށް ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)އިން ކުރަމުންދާ މަސައްކަތުގެ ތެރެއިން ރީއިންޓަގްރޭޝަން މަރުހަލާ ފެށުމަށް ނިންމާފައިވާ ކަމަށް އެންޑީއޭއިން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން އެންޑީއޭ ހާޒިރުކޮށް މިދިޔަ ބުދަ ދުވަހު ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެންޑީއޭގެ ބޯޑުގެ ޗެއާޕާސަން ޝަމާލް ޝަރީފް ވިދާޅުވީ، ޑްރަގުގެ ފަރުވާ ހޯދާ މީހުންނަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ މުޖުތަމައުއިން އެ މީހުން ބަލައިނުގަންނަ މައްސަލަ ކަމަށެވެ.

އެހެންކަމުން އެންޑީއޭގެ އޮނިގަނޑަށް ގެނައި ބަދަލުގެ ތެރެއިން ރީއިންޓެގްރިޝަނަށް ހާއްސަ ބައެއް މިހާރު އެކުލަވާލާފައި ވާނެ ކަމަށް ޝަމާލް ވިދާޅުވިއެވެ. އަދި ފަރުވާއަށް ފަހު މުޖުތަމައުއަށް ނުކުންނަ މީހުންނަށް މި މަރުހަލާގެ ތެރެއިން ވަޒީފާ ހޯދައިދީ، އާއިލީ ގުޅުންތައް ރަނގަޅުކޮށްދީ އިތުރު ވަރަށް ގިނަ ހިދުމަތްތައް ދޭނެކަމަށް ޝަމާލް ވިދާޅުވިއެވެ.

"އެއީ ފަރުވާގެ ކޮންމެ ބައެއް ނިންމާފަ ނުކުތް މީހުން ވެސް މި ރީއިންޓަގްރޭޝަން ފޭސް އިން މުޖުތަމައުއާ ގުޅުވާނީ،" ޝަމާލް ވިދާޅުވިއެވެ.

ޑްރަގު ފަރުވާ ހަރުދަނާކުރުމުގެ ގޮތުން މި ސަރުކާރުން ގެންގުޅޭ އެެއް ސިޔާސަތަކީ ސިއްހީ ނަޒަރަކުން ޑްރަގުގެ ފަރުވާ ފޯރުކޮށްދިނުން ކަމަށް ޝަމާލް ވިދާޅުވިއެވެ. އެގޮތަށް އެންޑީއޭގެ ކަންކަން އަލުން އެކުލަވާލުމަށް ކުރަމުންދާ މަސައްކަތްތައް އޭނާ ވަނީ އެ ބައްދަލުވުމުގައި ހިއްސާކުރައްވާފައެވެ.

"އަޅުގަނޑުމެން މިނިސްޓްރީ އޮފް ހެލްތުގެ ތެރޭގައި ރިވިއު ޓީމެއް އެކުލަވާލާ އަޅުގަނޑުމެން ބޭނުންވާ އެހީތެރިކަން ހޯދަން ބައިނަލްއަގްވާމީ ކޮންސަލްޓެންޓެއްގެ އެހީތެރިކަން ހޯދާފައި ވާނެ،" ޝަމާލް ވިދާޅުވިއެވެ.

ޝަމާލް ވިދާޅުވި ގޮތުގައި ބައިނަލްއަގުވާމީ މާހިރުންގެ ލަފަޔާއެކު އެކުލަވާލި ގަވާއިދުތަކަކީ ޒަމާނާ ގުޅޭ ހަރުދަނާ ގަވާއިދުތަކެކެވެ. މި ގަވާއިދުތަކާ އެކީ ޑްރަގުގެ ފަރުވާ މިހާރަށް ވުރެ ހަރުދަނާ ވާނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އޭނާ ދެއްވިއެވެ.

އެންޑީއޭއިން ކުރަމުން ގެންދާ އަނެއް މަސައްކަތަކީ ޑްރަގު މައްސަލަތަކުގައި ޖަލަށް ލާފައި ތިބި މީހުން ޖަލުގައި ބައިތިއްބައިގެން ފަރުވާ ދިނުމެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މާފުށީ ޖަލުގައި ތިބި 80 ޕަސެންޓު މީހުންނަކީ ޑްރަގުގެ މައްސަލަތަކުގައި ތިބި މީހުންނެވެ.

މިކަމަށް ރިއާޔަތްކުރައްވަމުން ޝަމާލް ވިދާޅުވީ އެންޑީއޭ އާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސް ގުޅިގެން ޖަލުތަކުގައި މުޅިން އަލަށް ޑްރަގަށް ފަރުވާދިނުމުގެ ޕްރޮގްރާމެއް ހިންގާފައި ވާނެ ކަމަށެވެ.

މި ޕްރޮގްރާމްގެ ދަށުން މިދިޔަ އަހަރު 35 މީހަކަށް ފަރުވާ ދިނުމަށްފަހު ރައީސްގެ މާފާއެކު ވަނީ ދޫކޮއްލާފައެވެ. އަދި މިއަހަރުގެ ފުރަތަމަ ބެޗުގެ ފަރުވާ މިމަހު ފަށަން މަސައްކަތް ކުރާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"މިފަހަރު އަޅުގަނޑުމެން 100 ގައިދީންނަށް ފަރުވާދޭން ނިންމާފަ ވަނީ،" ޝަމާލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މި ޕްރޮގްރާމަކީ ވަރަށް ކާމިޔާބު ޕްރޮގްރާމެއްކަމަށެވެ. ރާއްޖޭގައި މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންނަށް އެކަށީގެންވާ ފަރުވާ ނުލިބުމުގެ ސަބަބުން އެ މައްސަލަ ވަނީ އިންތިހާއަށް ބޮޑުވެފައެވެ.

ކަރެކްޝަންސްގެ ތަފާސްހިސާބުތައް ދައްކާގޮތުގައި މިދިޔަ މަހު ޖަލަށް ގެންދިޔަ މީހުންގެ ތެރެއިން ވެސް އެންމެ ގިނަ މީހުން ގެންގޮސްފައިވަނީ މަސްތުވާތަކެއްޗާ ގުޅޭ މައްސަލަތަކުގައެވެ. އެގޮތުން 55.8 ޕަސެންޓް މައްސަލަތަކަކީ މަސްތުވާތަކެއްޗާ ގުޅޭ މައްސަލަތަކެވެ.

comment ކޮމެންޓް