މަލަސް ރެސިޑެންސް އިފްތިތާހުކޮށް އެމްޑަބްލިޔުއެސްސީގެ 127 މުވައްޒަފަކަށް ބޯހިޔާވަހިކަން

އެމްޑަބްލިޔުއެސްސީގެ މަލަސް ރެސިޑެންސް -- ސަން ފޮޓޯ/އިބްރާހިމް ޝަމްވީލް

ސަރުކާރު ކުންފުނިތައް ހިމެނޭގޮތަށް ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި ކުރިޔަށް ގެންދިޔަ ހިޔާ މަޝްރޫއުގެ ދަށުން މާލެ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕަނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިޔުއެސްސީ) އިން، ގާއިމު ކުރި 15 ބުރީގެ "މަލަސް ރެސިޑެންސް" އިފްތިތާހުކޮށްފިއެވެ.

މިކަމަށް މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ފްލެޓް އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރު އަޙްމަދު ސަމީރެވެ. އޭނާގެ އަރިހުގައި އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު ޙަސަން ޝާޙް ބައިވެރިވެވަޑައިގެންނެވިއެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ފްލެޓްގެ މަޝްރޫއުގެ މަސައްކަތް ކުރަމުންދިޔަ ޗައިނާގެ ކުންފުނި "ދި 23rd މެޓަލާނޖިކަލް ކޮންސްޓްރަކްޝަން ގުރޫޕް ކޯ ލިމިޓެޑް އޮފް މިނެމެޓަލްސް" އިން ވަނީ ފްލެޓުގެ ރަމްޒީ ތަޅުދަނޑި އެމްޑްބްލިޔުއެސްސީއާ ހަވާލުކޮށްފައެވެ. އަދި އެމްޑަބްލިޔުއެސްސީން ވަނީ ފްލެޓް ލިބުނު ކުންފުނީގެ މުވައްޒަފުންނާ ތަޅުދަނޑި ހަވާލުކޮށްފައެވެ.

މަލަސް ރެސިޑެންސް އިފްތިތާހުކުރުމުގެ ތެރެއިން --- ސަން ފޮޓޯ/ އިބްރާހީމް ޝަމްވީލް

ފްލެޓް ލިބުން މީހުންނާ ތަޅުދަނޑި ހަވާލުކުރެއްވީ ޝަރަފުވެރި މެހެމާނު މިނިސްޓަރު ސަމީރެވެ. އަދި ފްލެޓު ލިބުނު މީހުންގެ ފަރާތުން ރަމްޒީ ތަޅުދަނޑިއާ ހަވާލުވީ އެމްޑަބްލިޔުއެސީ ހިޔާ ކޮމިޓީގެ ޗެއާމަން ޝަހީނާ އަބްދުﷲ އެވެ.

އެމްޑަބްލިޔުއެސްސީގެ 127 މުވައްޒަފަކަށް ފްލެޓު ތަޅުދަނޑި ހަވާލުކޮށްފައިވާއިރު އެ ކުންފުނިން ބުނީ ހަތަރު މީހަކަށް ތަޅުދަނޑި ހަވާލުކުރުމުގެ އެންމެ ފަހުގެ މަރުހަލާގައި މިހާރުވާ ކަމަށެވެ. އަދި 25 މީހަކު އިވެލުއޭޝަން މަރުހަލާގައި އުޅޭއިރު 36 ފްލެޓަށް އަލުން އިއުލާނުކުރާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމްޑަބްލިޔުއެސްސީގެ އެމްޑީ ޝާޙް ވިދާޅުވީ، އެ ކުންފުނީގެ މުވައްޒަފުންނަށް ޙާއްސަކޮށްގެން ޤާއިމްކުރި "މަލަސް ރެސިޑެންސް" ރަސްމީކޮށް ހުޅުވުމަކީ މުވައްޒަފުންނަށް ބޯހިޔާވަހިކަމުގެ ފުރުސަތު ފަހިވެ، ހެޔޮ އަގުގައި އަމިއްލަ ތަނެއް ލިބުމަށް މަގުފަހިވެގެންދިޔަ ކަމެއް ކަމަށެވެ.

"ސަރުކާރު ހިއްސާވާ ކުންފުނި ތަކުގެ މުވައްޒަފުންނަށް ހައުސިން މަޝްރޫއެއް ކުރިއަށް ގެންދިއުމަށް މަގު ފަހިކޮށްދިނުމަކީ، މިކަމަށް އެދި އެދި ތިބި ފަރާތްތަކަށް ސަރުކާރުން ހުޅުވާލަދިން ރަނުގެ ފުރުސަތެއް،" ޝާޙް ވިދާޅުވިއެވެ.

މަލަސް ރެސިޑެންސް އިފްތިތާހުކުރުމުގެ ތެރެއިން --- ސަން ފޮޓޯ/ އިބްރާހީމް ޝަމްވީލް

މި ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާން މިނިސްޓަރު ސަމީރު ވިދާޅުވީ މިހާރުވެސް ސަރުކާރުން ދަނީ ބޯހިޔާވަހިކަމުގެ މައްސަލަތައް ހައްލުކުރުމަށް އެކި މަޝްރޫއުތައް ހިންގަމުން ކަމަށެވެ. އަދި އެމްޑަބްލިޔުއެސްސީގެ މުވައްޒަފުންނަށް ފްލެޓުގެ ގޮތުގައި ލިބުނީ ހަދިޔާއެއް ކަމަށާއި އެގޮތަށް ދެކިގެން ރައްޔިތުންނަށް އެންމެ އެކަށޭނެ ޚިދުމަތް ދިނުމުގައި ދެމިތިބުމަށް އޭނާ ވަނީ އެ ކުންފުނީގެ މުވައްޒަފުންނަށް ނަސޭހަތްތެރިވެފައެވެ.

އެމްޑަބްލިޔުއެސްސީގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ގާއިމުކުރި "މަލަސް ރެސިޑެންސް" ގައި ޖުމްލަ 192 އެޕާޓްމަންޓް ހިމެނޭއިރު، މީގެ ތެރޭގައި ތިން ކޮޓަރީގެ 60 އެޕާޓްމަންޓާއި ޓޫ ޕްލަސް ވަން ކޮޓަރީގެ 40 އެޕާޓްމަންޓުގެ އިތުރުން އެއް ކޮޓަރީގެ 92 އެޕާޓްމަންޓް ހިމެނެއެވެ.

މަލަސް ރެސިޑެންސްގައި ކުޑަކުދިންނަށް ޚާއްސަ ކުރެވިގެން ކުޅޭ އޭރިއާއަކާއި ފިހާރައެއްގެ އިތުރުން އެއްގަމުގައި ދުއްވާ އުޅަނދުފަހަރު ޕާކް ކުރުމަށް އިމާރާތުގެ ދެ ފަރާތުން ޕާކިން ޒޯނެއް ވެސް ގާއިމްކުރެވިފައިވެއެވެ.

މަލަސް ރެސިޑެންސް އިފްތިތާހުކުރުމުގެ ތެރެއިން --- ސަން ފޮޓޯ/ އިބްރާހީމް ޝަމްވީލް

އެމްޑަބްލިޔުއެސްސީން ބުނީ "މަލަސް ރެސިޑެންސް" ގައި ހިމެނޭ އެޕާޓްމަންތަކުގެ ވެރިންނަށް ތަޅުދަނޑި މިހާރު ހަވާލުކޮށްފައިވާ ކަމަށެވެ. އަދި އެ ކުންފުނިން އެޕާޓްމަންޓް ލިބުނު މުވައްޒަފުންނަށް މަހުން މަހަށް ދައްކަންޖެހޭ ފައިސާ ދެއްކުމުގައި ލުއި ގޮތްތަކެއް ހޯދައިދިނުމުގެ ގޮތުން، އިސްލާމިކް ބޭންކް މެދުވެރިކޮށް ފްލެޓަށް ފައިސާ ދެއްކޭނެ އިންތިޒާމުތައް ވަނީ ހަމަޖެހިފައެވެ.

އެމްޑަބްލިޔުއެސްސީން ބުނި ގޮތުގައި ހިޔާ މަޝްރޫއުގެ ސަބަބުން އެ ކުންފުނީގެ ގިނަ މުވައްޒަފުނަށް ބޯހިޔާވަހިކަން ޔަގީންވެގެންދާނެއެވެ.

comment ކޮމެންޓް