އަންބަރާއަށް ގެއްލުން ދިނީ ވެރިފަރާތުން ނޫންކަމަށް އީޕީއޭއިން ނިންމައިފި

އަންބަރާގެ ތިމާވެއްޓަށް ދީފައިވާ ގެއްލުންތައް ބަލަން ވ. އަތޮޅު ކައުންސިލުން ކުރި ދަތުރެއްގައި ކަނޑޫފާއަށް ފަސްއަޅާފައިވާ މަންޒަރު -- ފޮޓޯ/ ޝުޖާއު އަލީ

ރިސޯޓެއް ތަރައްގީކުރަން ކުއްޔަށް ދޫކޮށްފައިވާ ވ. އަންބަރާއަށް ލިބިފައިވާ ގެއްލުންތަކަށް އެ ރިސޯޓު ކުއްޔަށް ނަގާފައިވާ ފަރާތުން ޒިންމާވާން ނުޖެހޭނެ ކަމަށް އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން ނިންމައިފިއެވެ.

އަންބަރާގެ ތިމާވެއްޓަށް ގެއްލުން ދީފައިވާ މައްސަލަ އީޕީއޭއަށް ރިޕޯޓުކުރީ ވ. އަތޮޅު ކައުންސިލުންނެވެ. ކައުންސިލުން މައްސަލަ ހުށަހެޅީ އަންބަރާގެ ގުދުރަތީ ސިފަތައް ނައްތާލުމުގެ ގޮތުން އެ ރަށުގައި އޮންނަ ކަނޑޫފާ ކުޅިއަށް ފަސްއަޅައި ފޮރުވާފައިވާތީއެވެ.

މި މައްސަލައިގައި އީޕީއޭއިން ފުރަތަމަ ނިންމީ ފާސްކުރި އެންވަޔަރަމެންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ރިޕޯޓާ ހިލާފަށް އެ ރަށުގައި މަސައްކަތްތަކެއް ކޮށްފައިވާ ކަަމަށެވެ.

އީޕީއޭއިން މިގޮތަށް ނިންމީ މިދިޔަ އޮކްޓޫބަރު މަހުގެ 23ގައި އެ ރަށަށް ކުރި އިންސްޕެކްޝަން ދަތުރަކަށް ފަހުއެވެ. ނަމަވެސް އޭރު ފާހަގަކުރެވުނު ކަންކަމަކީ ރަށް ކުއްޔަށް ނަގާފައިވާ ހަނދުވަރު އޯޝަން ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑުން ކޮށްފައިވާ ކަންތައްތަކެއް ނޫންކަމަށް އީޕީއޭއިން ވަނީ ނިންމާފައެވެ.

ވ. އަންބަރާގެ ކަނޑޫފާ ކުޅިއަށް ފަސްއަޅާފައިވާ މަންޒަރު. --- ފޮޓޯ/ ޝުޖާއު އަލީ

އެގޮތުން، ވ. އަތޮޅު ކައުންސިލަށް މިކަން އަންގާ އީޕީއޭއިން ފޮނުވި ސިޓީއެއްގައިވާ ގޮތުގައި އެ ރަށުގެ ތިމާވެއްޓަށް ގެއްލުންދޭން ކޮށްފައި ހުރި ކަންކަމަކީ، ރިސޯޓު ތަރައްގީކުރާ ފަރާތުން ކޮށްފައިވާ ކަންތައްތަކެއް ނޫންކަން ސާބިތުވެފައިވާތީ އެ އެޖެންސީން ބަލަމުން ދިޔަ މައްސަލަ ވަނީ ނިންމާލާފައެވެ.

"ނަމަވެސް، މައްސަލައާ ގުޅިގެން އެއްކުރެވުނު މައުލޫމާތުތަކުންނާއި، އެޖެންސީން އިތުރަށް ބެލިބެލުންތަކުން، [އިންސްޕެކްޝަން ދަތުރުން] ފާހަގަކުރެވުނު ކަންކަމަކީ، ވ. އަންބަރާގައި ޓޫރިސްޓު ރިސޯޓެއް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން މަޝްރޫއުގެ އެދިޔާރު ކޮށްފައިވާ ކަންތައްތަކެއް ނޫންކަމަށް މި އެޖެންސީއަށް ސާބިތުވެފައިވެއެވެ," އީޕީއޭއިން ފޮނުވި ސިޓީގައިވެއެވެ.

https://sun.mv/155134

ފާހަގަކޮށްލަން ޖެހޭ ގޮތުގައި ތިމާވެށީގެ ގޮތުން ހާއްސަ ސިފަތަކެއް ލިބިފައިވާ އަންބަރާގައި ރިސޯޓެއް ހެދުމާ ވ. އަތޮޅު ކައުންސިލް ދެކޮޅެވެ. އެގޮތުން އެ ރަށުގައި ރިސޯޓެއް ތަރައްގީކުރުމާ މެދު ދެވަނަ ވިސްނުމަކަށް ދާން އެދި އެ ކައުންސިލުން ވަނީ 2021 ވަނަ އަހަރުގެ ތެރޭގައި ރައީސް އޮފީހަށާއި ޓޫރިޒަމް މިނިސްޓްރީއަށާއި އީޕީއޭއަށް ސިޓީއެއް ފޮނުވާފައެވެ.

comment ކޮމެންޓް