ވ. އަތޮޅު އަންބަރާ އަކީ ތިމާވެށީގެ ހާއްސަ ސިފަ ތަކެއް ލިބިފައިވާ ވަރަށް ކުޑަ އަދި އެހާމެ، ނާޒުކު ރަށެއް ކަމަށާއި އެހެންކަމުން އެ ރަށް، ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމާއިމެދު ސަރުކާރުން ދެވަނަ ވިސްނުމަކަށް ދިއުމަށް ވ. އަތޮޅު ކައުންސިލުން އެދިއްޖެއެވެ.
އަންބަރާގައި ރިސޯޓެއް ތަރައްގީ ކުރަން ކައުންސިލުން ދެކޮޅު ހަދާ، މިހާރު ވަނީ އެންވަޔަރަންމެންޓް މިނިސްޓްރީ އަށާއި ޓޫރިޒަމް މިނިސްޓްރީ އަދި ރައީސް އޮފީހަށް ސިޓީއެއް ވެސް ފޮނުވާފަ އެވެ.
ވ. އަތޮޅު ކައުންސިލްގެ ރައީސް ސުޖާއު އަލީ "ސަން" އަށް ވިދާޅުވީ އެ އަތޮޅުގައި އިތުރަށް ރިސޯޓެއް ތަރައްގީ ވެގެން ދިއުމަކީ އަތޮޅު ރައްޔިތުންވެސް އެދޭ ކަމެއް ނޫން ކަމަށެވެ.
ވ. އަތޮޅުގައި ޖުމުލަ 19 ރަށް އޮތްއިރުގައި މީހުން ދިރިއުޅެނީ އެންމެ ފަސް ރަށުގައެވެ.
ސުޖާއު އަލީ ވިދާޅުވީ ވ. އަތޮޅުގައި މިގުތުވެސް ފަސް ރިސޯޓެއް އޮޕަރޭޝަންގައި އޮންނަ އިރު އަދި އިތުރު ތިން ރިސޯޓެއް ތަރައްގީ ކުރަން މިހާރު ދީފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ އަންބަރާ ކަހަލަ ރަށަކީ ރިސޯޓެއް ހަދަން އެކަށީގެންވާ ރަށެއް ނޫން ކަމަށެވެ. ސުޖާއު ވިދާޅުވީ އެ ރަށަކީ ތިމާވެށީގެ ވަރަށް ހާއްސަ ސިފަ ތަކެއް ލިބިފައިވާ ކުޑަ އަދި އެހާމެ ނާޒުކު ރަށެއް ކަމަށެވެ.
"އެ ރަށުގަ އެބަހުރި ތިމާވެށީގެ ވަރަށް ހާއްސަ ސިފަ ތަކެއް. ހާއްސަކޮށް ކަނޑޫފަލެއް އޮންނަ ރީތި ރަށެއް. އެ ސަރަހައްދު މަސްވެރިކަމާއި އެންވެރިކަމާއި އަދި ޑައިވިން ކަހަލަ ކަންތަކާ ގުޅިފަ ހުރީމަ އޭގެ ނޭދެވޭ އަސަރު މުޅި އަތޮޅުގެ ރައްޔިތުންނަށް ކުރާނެ. އަދި އެ ހިދުމަތްތައް ހޯދާ ހުރިހާ ފަރާތްތަކަށްވެސް ކުރާނެ،" ސުޖާއު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ތިމާވެށީގެ މުއްސަނދިކަމެއް ލިބިފައިވާ އަންބަރާ ކަހަލަ ރަށެއްގައި ރިސޯޓު ތަރައްގީ ކުރުމުގެ ބަދަލުގައި އެ ރަށުގެ އަސްލު ނުގެއްލި ގުދުރަތީ ވެށި އޮތް ގޮތަށް ބާއްވައިގެން މަސައްކަތް ކޮށްދިނުމަކީ ރައްޔިތުންނަށް އެންމެ ފައިދާވާނެ ގޮތް ކަމަށް ސަރުކާރުގައި ދަންނަވާފައިވާނެ ކަމަށެވެ.
އަންބަރާ ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަން ދީފައިވަނީ 2016 ވަނަ އަހަރު އެވެ.
"މި ހުރިހާ ދުވަހުވެސް އެ ރަށް ހަމަ އޮތީ. އެހެން ބާއްވާފަ ރަށް ބަލަހައްޓަން އެފަރާތުން އެއްވެސް ކަމެއް ނުކުރެ. ރަށަށް ދީފަ އޮތީ ގެއްލުން ތަކެއް. ތިމާވެށީގެ ގޮތުން ހާއްސަ ސިފަ ތަކެއް ލިބިފަ ހުރި ރަށެއްގަ އޭގެ އަސްލު ގެއްލުވާލަން ފަސް އަޅާ ގެއްލުން ދިނުމަކީ ހަގީގަތުގަ ރައްޔިތުންގެ މުދަލަށް ގެއްލުން ދިނުން،" ސުޖާއު އަލީ ވިދާޅުވި އެވެ.
ސުޖާއު ވިދާޅުވީ އަންބަރާގައި ރިސޯޓެއް ތަރައްގީ ކުރުމަކުން އެ އަތޮޅުގެ ރައްޔިތުންނަށް ކުރާނެ އެއްވެސް ފައިދާއެއް ނޯންނާނެ ކަމަށެވެ.
އޭނާ ވިދާޅުވީ ފަތުރުވެރިން ރާއްޖެ އަންނަނީ ހަމައެކަނި ރިސޯޓުގައި ހުންނަން ނޫން ކަމަށާއި އަތޮޅު ތެރޭގައި ލޯކަލް ޓޫރިމް ކުރި އަރަމުން އަންނައިރު ދަތުރު ދިއުން ފަދަ ކަންކަމަކީ ރިސޯޓުތަކުންވެސް ކުރާ ކަމެއް ކަމަށެވެ.
ސުޖާއު އަލީ ވިދާޅުވީ އެ އަތޮޅު ރިސޯޓު ތަކަށް އަންނަ ފަތުރުވެރިންނަށް ދައްކާނެ، އަންބަރާ ކަހަލަ ގުދުރަތީ ރީތި ސިފަތަކެއް ހިމެނޭ ހިތްގައިމު ރަށެއްގައި ސިނާއީ މަސައްކަތެއް ކުރުމަކީ ފޫ ނުބެއްދޭނެ ވަރުގެ ގެއްލުން ތަކެއް އަތޮޅުގެ ރައްޔިތުންނަށް ލިބޭނެ ކަމެއް ކަމުގައެވެ.