ޤައުމީ ތާރީޚް ދުވަސް ދިވެހި ބަހުގެ އެކެޑަމީން ފާހަގަ ކޮށްފި

ދިވެހި ބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް އަބްދުއްރަޙީމް ޚަފުލާގެ ބައިވެރިންނާ ވާހަކަ ދައްކަވަނީ --- ފޮޓޯ/ ދިވެހި ބަހުގެ އެކަޑަމީ

ގައުމީ ތާރީޚް ދުވަސް ދިވެހި ބަހުގެ އެކެޑަމީ އިން ފާހަގަކޮށްފިއެވެ. މި ދުވަސް އެކެޑަމީ އިން ފާހަގަ ކުރީ ރޭ ކިންގް ސަލްމާން މިސްކިތުގެ ހޯލުގައި ބޭއްވި ޚާއްސަ ޙަފުލާއެއްގައެވެ.

މި ޚާއްސަ ޙަފުލާގައި ދިވެހި ބަހުގެ އެކެޑަމީގެ އެކި ފަރާތްތަކުގެ އިތުރުން، ދިވެހި ތާރީޚު ދިރާސާކުރައްވާ ބޭފުޅުންނާއި އަދި މަދަރުސާތަކުގެ ދަރިވަރުން ބައިވެރިވިއެވެ. އެގޮތުން މި ޙަފުލާއަށް ހާޒިރުވެ ސްކޫލުތަކުން ދަރިވަރުން ބައިވެރިވިއިރު، ޒޫމް މެދުވެރިކޮށް 70 ސްކޫލަކުން 2،000 އަށް ވުރެ ގިނަ ދަރިވަރުން ވަނީ ބައިވެރިވެފައެވެ.

މި ޙަފުލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ދިވެހި ތާރީޚު ދިރާސާ ކުރައްވާ އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު މުހައްމަދު އާދަމް ސަލީމް ވަނީ ރާއްޖޭގެ ހަޟާރާތު ފެށުނު ގޮތާއި އަދި ތާރީޚުގެ ތެރެއިން ދިވެހީންގެ ހަޟާރާތް ބިނާކުރި ގޮތުގެ މައްޗަށް ގިނަ މައުލޫމާތުތަކެއް ދެއްވާފައެވެ.

މުހައްމަދު އާދަމް ސަލީމް ޚަފުލާގެ ބައިވެރިންނާ ވާހަކަ ދައްކަވަނީ --- ފޮޓޯ/ ދިވެހި ބަހުގެ އެކަޑަމީ

މި ޙަފުލާގައި ވާހަކަފުޅު ދައްކަވަމުން ދިވެހި ބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް ޢަބްދުއްރަޙީމް ވެސް ވަނީ އިހު ރާއްޖޭގައި ނެތް، އެކަމަކު މި ޒަމާނުގެ ތަހުޒީބީ ދުނިޔޭގައި ހުރި ބައެއް ފަސޭހަ ކަންކަމުގެ މައްޗަށް އަލިއަޅުއްވައި ވާހަކަފުޅު ދައްކަވާފައެވެ.

ޤައުމީ ތާރީޚު ދުވަސް ފާހަގަ ކުރަން ފެށީ 2018 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހުއެވެ. މި ދުވަސް ނިސްބަތްކުރެވިފައިވަނީ އަލްގާޟީ ޙަސަން ތާޖުއްދީން ދުނިޔެ ދޫކުރެއްވި ދުވަސް ކަމުގައިވާ 27 ފެބްރުއަރީ 1727 އަށެވެ. މިއަހަރު މި ފާހަގަ ކުރަނީ ހަވަނަ ޤައުމީ ތާރީޚު ދުވަހެވެ.

comment ކޮމެންޓް