މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް)އިން 3،000 މެމްބަރުން ހަމަކުރަން އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ފޯމް ހުށަހަޅައިފިއެވެ.
ކުރީގެ ރައީސް މައުމޫން ޢަބްދުލްގައްޔޫމް އިސްވެ ހުންނަވައި އުފެއްދެވި އެމްއާރުއެމްގައި 3،000 މެމްބަރުން ހަމަނުވާކަން އީސީއިން ހާމަކުރީ މީގެ ދެ ދުވަސް ކުރިންނެވެ. ގާނޫނުގައި ބަޔާންކޮށްފައި އޮންނަނީ، މެމްބަރުން ހަމަނުވާ ޕާޓީތަކަށް ތިން މަސް ދިނުމަށް ފަހު، އެ މުއްދަތުގައި މެމްބަރުން ހަމަނުވާ ނަމަ ޕާޓީ އުވާލުމަށެވެ.
އީސީއިން އެންމެ ފަހުން އާންމުކުރި ލިސްޓުގައިވާ ގޮތުން އެމްއާރުއެމްގައި ތިބީ 2،981 މެމްބަރުންނެވެ.
އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު މިރޭ "ސަން"އަށް ވިދާޅުވީ އެމްއާރުއެމްއިން 28 ފޯމް ހުށަހަޅާފައިވާ ކަމަށެވެ.
"މި ފޯމުތައް އަޅުގަނޑުމެން މި އަންނަ އާދިއްތަ ދުވަހު ޝަކުވާއަށް ހުށަހަޅާނަން އެއް ހަފުތާގެ މުއްދަތަށް. ދެން އެއް ހަފުތާގެ މުއްދަތުގައި އަންނަ ޝަކުވާތަކަށް ބަލައިފައި އޭގެ ސައްހަ ފޯމު އަޅުގަނޑުމެން އެކްސެޕްޓް ކުރާނީ،" ހަބީބު ވިދާޅުވިއެވެ.
އެމްއާރްއެމްއާއެކު 3،000 މެމްބަރުން ހަމަނުވާ ޖުމްލަ ތިން ޕާޓީއެއް އީސީއިން އާންމު ކުރި ލިސްޓުގައި ހިމެނެއެވެ. އެއީ އެމްއާރްއެމްގެ އިތުރުން މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އާއި ދާދިފަހުން އުވާލަން ނިންމި ޑީއާރްޕީއެވެ.
ގާނޫނުގައި ބަޔާންކޮށްފައިވާ 3،000 މެމްބަރުން ހަމަނުވާ ޕާޓީތަކަށް ތިން މަސް ދުވަހުގެ މުއްދަތެއް ދިނުމަށް ފަހު އުވާލާނެ ކަމުގެ ނޯޓިސް އިލެކްޝަންސް އިން މިދިޔަ އަހަރުގެ ޖޫން މަހު ދިން އިރު، އެ ޕާޓީ ތަކުގެ ތެރޭގައި ވެސް އެމްއާރްއެމް ހިމެނެއެވެ. އެގޮތުން އޭރު އެޕާޓީގައި ތިބީ 2،300 މެމްބަރުންނެވެ.
އެކަމާ ގުޅިގެން އެމްއާރުއެމުން އޭރު ބުނީ އެ ޕާޓީގެ މެމްބަރުންގެ އަދަދު ދަށްވީ އެންގުމަކާ ނުލައި އެ ޕާޓީގެ މެމްބަރުން އެހެން ޕާޓީތަކަށް ގެންދިއުމުން ކަމަށެވެ.
އީސީއިން ހާމަކުރި މައުލޫމާތަށް ބަލާއިރު، 57،000އަށް ވުރެ ގިނަ މެމްބަރުންނާއެކު މިވަގުތު ރާއްޖޭގައި އެންމެ ގިނަ ބަޔަކު ތިބި ސިޔާސީ ޕާޓީއަކީ އެމްޑީޕީއެވެ. ދެވަނައަށް އެންމެ ބޮޑު ޕާޓީގެ ގޮތުގައި 38،704 މެމްބަރުންނާއެކު އޮތީ ޕީޕީއެމްއެވެ. ޖުމްހޫރީ ޕާޓީގައި ތިބީ 22،607 މެމްބަރުންނެވެ.
އެމްއާރްއެމް އަކީ 2005 ވަނަ އަހަރު ސިޔާސީ ޕާޓީތައް އުފެއްދުމުގެ ހުއްދަ ދިންފަހުން ކުރީގެ ރައީސް މައުމޫން އިސްވެ ހުންނަވައި އުފެއްދެވި ތިން ވަނަ ސިޔާސީ ޕާޓީއެވެ.