ހޮންކޮންގެ މޮޑެލްގެ މަރުގެ މައްސަލައިގައި ކުރީގެ ފިރިމީހާއަށް ދައުވާކޮށްފި

ހޮންކޮންގައި މަރާލާފައި އޮއްވާ ފެނުނު މޮޑެލް އެބީ ޗޯއި --

ހޮންކޮންގެ މޮޑެލްއެއް ކަމަށްވާ އެބީ ޗޯއީ މަރާލައި، އޭނާގެ ހަށިގަނޑުގެ ބައިތައް ވަކިކުރި މައްސަލައިގައި އޭނާގެ ކުރީގެ ފިރިމީހާގެ މައްޗަށް ދައުވާކޮށްފިއެވެ.

ޗޯއިގެ ކުރީގެ ފިރިމީހާ އެލެކްސް ކްވޮންގް އާއި އޭނާގެ އާއިލާގެ ތިން މީހަކު ވެސް ހައްޔަރުކޮށް، އެ މީހުންނަށް ވަނީ ދައުވާކޮށްފައެވެ. އޭގެ ތެރެއިން ކޮވޮންގް އާއި އޭނާގެ ބޭބެ އާއި ބައްޕަގެ މައްޗަށް ކޮށްފައި ވަނީ ޗޯއި މަރާލުމުގެ ދައުވާއެވެ.

އެ މައްސަލައިގައި ދެން ހައްޔަރުކޮށްފައި ވަނީ ކްވޮންގްގެ މަންމަ، ޖެނީ ލީ އެވެ. އޭނާގެ މައްޗަށް ކޮށްފައި ވަނީ ތަހުގީގަށް ހުރަސް އެޅުމުގެ ދައުވާއެވެ.

އުމުރުން 28 އަހަރުގެ ޗޯއީ ގެއްލިފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ. އޭނާގެ ހަށިގަނޑުގެ ބައިތަކެއް ފެނުނީ ހުކުރު ދުވަހުއެވެ.

ހޮންކޮންގެ ފުލުހުން ބުނި ގޮތުގައި އޭނާގެ ހަށިގަނޑުގެ ބައިތައް ފެނިފައި ވަނީ އެ ސިޓީގެ ޓައި ޕޯ ޑިސްޓްރިކްޓްގައި، ކުއްޔަށް ދޫކޮށްފައި ހުރި ގެއެއްގެ ތެރޭ ހުރި އައިސްއަލަމާރިއެއްގެ ތެރެއިންނެވެ. އެތަނުން ކަރަންޓު ކީހަކާއި މަސް ކޮށަން ބޭނުންކުރާ މެޝިނެއް ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ޗޯއިގެ ހަށިގަނޑުގެ އިތުރު ބައިތައް ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

އެ މައްސަލައާ ގުޅިގެން ހޮންކޮންގެ ޕޮލިސް ސުޕްރިންޓެންޑެންޓް އެލަން ޗަންގް ވިދާޅުވީ ޗޯއިއާއި އޭނާގެ ކުރީގެ ފިރިމީހާއާ ދެމެދު 100 މިލިއަން ހޮންކޮން ޑޮލަރުގެ މައްސަލައެއް އުޅޭ ކަމަށް ބެލެވިފައިވާ ކަމަށެވެ. އަދި ޗޯއިގެ ފައިސާގެ މުއާމަލާތްތަކާ މެދު "ކޮންމެވެސް ބަޔަކު" ނުރުހުންވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޗޯއި އާއި އޭނާގެ ކުރީގެ ފިރިމީހާގެ ދެ ދަރިން ތިބެއެވެ. ފުލުހުން ބުނި ގޮތުގައި އެ ދެކުދިން ތިބީ ޗޯއީގެ މަންމަގެ ބެލުމުގެ ދަށުގައެވެ.

މޮޑެލްއެއްގެ ގޮތުގައި ޗޯއި ވަނީ ބައިނަލްއަގްވާމީ ފެންވަރުގައި ގިނަ ބައެއްގެ ތައުރީފު ހޯދާފައެވެ. އެންމެ ފަހުން މިދިޔަ މަހު ވެސް ޗޯއި ވަނީ ފްރާންސްގެ ޕެރިހުގައި ބޭއްވި 'އެލީ ސާބް ސްޕްރިންގް ސަމާ 2023' ފެޝަން ޝޯގައި ބައިވެރިވެފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް