އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން އެމްއެންޑީއެފްގެ ނަވީނަށް ދައުވާކުރަން ޕީޖީގައި އެދިއްޖެ

އެމްއެންޑީއެފް މެރިން ކޯގެ ޑައިރެކްޓަރު، ލެފްޓިނެންޓް ކާނަލް އިބްރާހީމް ނަވީން ޒުބައިރު ---

އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައާ ގުޅިގެން އެމްއެންޑީއެފްގެ ލެފްޓިނަންޓް ކާނަލް އިބްރާހީމް ނަވީން ޒުބައިރުގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަނުން ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހަށް މިއަދު ފޮނުވައިފިއެވެ.

އޭސީސީން މީޑިއާތަކަށް ފޮނުވި މެސެޖެއްގައިވާ ގޮތުގައި ނަވީންގެ މައްޗަށް ހަ ދައުވާއެއް ކޮށްދޭން އެދިފައިވެއެވެ. އެއީ:

  • ރިޝްވަތު ހިފުން
  • ރިޝްވަތު ލިބިގަތުމަށް އެދުން

  • ރިޝްވަތު ލިބިގަތުމަށް އެއްބަސްވުން

  • މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި މީހަކަށް ނުވަތަ ފަރާތަކަށް ނާޖައިޒު ފައިދާ ހޯދައިދިނުން

  • ރިޝްވަތުގެ ކުށުން ހޯދާފައިވާ ފައިސާ އަތުގައި ބަހައްޓައި ބޭނުންކުރުން
  • މަނީ ލޯންޑަރިން

އޭގެ އިތުރުން ދައުލަތަށް ލިބެންޖެހޭ 100،000 އެމެރިކާ ޑޮލަރު އަނބުރާ ހޯދަން އޭސީސީން ވަނީ އެމްއެމްޕީއާރުސީއަށް އަންގާފައެވެ.

އެމްއެމްޕީއާރުސީ ޚިޔާނާތުގެ މައްސަލައާ ގުޅިގެން 2019 ވަނަ އަހަރު ނަވީން ސަސްޕެންޑުކުރި އެވެ. އޭރު އޭނާ ހުންނެވީ މޭޖާއެއްގެ މަގާމުގައެވެ. އޭގެ ފަހުން އޭނާއަށް ޕްރޮމޯޝަނެއް ލިބިފައިވާއިރު، ނަވީން މިހާރު ހުންނެވީ އެމްއެންޑީއެފް މެރިން ކޯގެ ޑައިރެކްޓަރު، ލެފްޓިނެންޓް ކާނަލްގެ މަގާމުގައެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ސަބަބުން ދައުލަތަށް ގެއްލުނު ފައިސާގެ އަދަދު 3.4 ބިލިއަން ރުފިޔާއަށް އަރާ ކަމަށް އެ މައްސަލަ ތަހުގީގު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އެކުލަވާލެއްވި އެސެޓް ރިކަވަރީ ކޮމިޝަނުން ކުރިން ބުނެފައިވެއެވެ.

ތަހުގީގުތަކުން ހާމަވެފައިވާ ގޮތުގައި އެމްއެމްޕީއާރްސީގެ ފައިސާ ލިބިވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގެ ބައެއް އިސްވެރިންނާއި ޕީޕީއެމާއި އެމްޑީޕީގެ މަޖިލިސް މެންބަރުންނާއި އަމިއްލަ ފަރުދުން ހިމެނެއެވެ.

މި ސަރުކާރުގެ ދައުރު ހަމަވާން ކައިރިވާއިރު ވެސް ޚިޔާނާތުގެ ފައިސާ ހޯދިފައިނުވާތީ ގިނަ ބައެއްގެ ފާޑުކިޔުން އަންނަނީ ސަރުކާރަށް އަމާޒުވަމުންނެވެ. އެ ފާޑުކިޔުންތައް އެންމެ ބޮޑުވީ ހިޔާނާތް ތަހުގީގުކުރަން އެކުލަވާލީ އެސެޓް ރިކަވަރީ ކޮމިޝަން އުވާލުމުންނެވެ.

ފަހުން ސަރުކާރުން ބުނީ ކޮމިޝަން އުވާލި ނަމަވެސް ހިޔާނާތާ ގުޅޭ ތަހުގީގުތަކާއި ދައުވާކުރުމާ ގުޅޭ ކަންކަން އޭސީސީން ކުރިޔަށް ގެންދާނެ ކަމަށެވެ.

އެގޮތުން، އޭސީސީން ވަނީ ހިޔާނާތުގެ ފައިސާގެ ތެރެއިން ހ. ސްނޫޕީ، އަބްދުﷲ އާސިމަށް ލިބުނު 2.46 މިލިއަން ޑޮލަރު ނުވަތަ 37.93 މިލިއަން ރުފިޔާ އަނބުރާ ހޯދުމަށްޓަކައި މިދިޔަ ހަފުތާގައި ފޮނުވާފައެވެ.

comment ކޮމެންޓް