ޖޭޕީގެ ފުރަތަމަ އަންހެން ނައިބު ލީޑަރުގެ އުންމީދީ މެސެޖެއް އަންހެނުންނަށް

ސަން ފޮޓޯ / އަހުމަދު އަވްޝަން އިލްޔާސް

ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު ކަމަށް ފުރަތަމަ ފަހަރަށް އަންހެނަކު އިންތިހާބުވެ ސިޔާސީ މައިދާނުގައި މަސައްކަތް ކުރަން ފެށުމަކީ، ގައުމީ މަސައްކަތުގައި އަންހެނުންގެ ދައުރާއި އަންހެނުންގެ ފިކުރަކީ ވެސް މުހިންމު އެއްޗެއް ކަމުގައި ޕާޓީން ދެކޭ ކަމުގެ އަލިގަދަ ހެއްކެއް ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

ޖޭޕީގެ ކޮންގްރެސް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަލަށް އިންތިހާބުވެވަޑައިގެންނެވި އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު ނަހުލާ ވިދާޅުވީ، މި ނަތީޖާއިން ފެނުނީ ޖޭޕީން މިންތީގެ ހަމަހަމަކަމަށް ދޭ އަހައްމިޔަތުކަން ކަމަށެވެ.

އެގޮތުން ޕާޓީގެ އިސް ސަފުގައި އަންހެނުންނަށް ފުރުސަތުތައް ހޯދައިދީ އަންހެނުން ބާރުވެރި ކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވަމުން ނަހުލާ ވިދާޅުވީ، ސިޔާސީ ކަންކަމުގައި އަދި ގައުމީ މުހިންމު ކަންކަމުގައިވެސް އަންހެނުންގެ ބައިވެރިވުމާއި އަންހެނުންގެ ބަހަކީ މުހިންމު އެއްޗަކަށް ވީނަމަވެސް މިއަދު އަންހެންނަށް ހުރި ގޮންޖެހުންތައްވެސް ވަރަށް ގިނަ ކަމަށެވެ.

މިއަދު މިހާހިސާބަށް އަޅުގަނޑަށް އާދެވިފައި މިވަނީ ވަރަށްވެސް ގިނަ ފަރާތްތަކެއްގެ އެއްބާރުލުމާއިއެކު. އެގޮތުން އަޅުގަނޑަށް ވެސް ގޮންޖެހުންތަކާއި ދިމާވޭ. ދަތި ތަކާއި ވެސް ކުރިމަތިލާން ޖެހޭ. ނަމަވެސް ކޮންމެ ދަތިކަމެއް ﷲ ތަޢާލާގެ ރަހްމަތް ފުޅާއި އެކު ތަނަވަސް ވެގެން ދަނީ އަޅުގަނޑަށް އެއްބާރުލުންދޭނެ އާއިލާއެއް އަޅުގަނޑުގެ ފަހަތުގައި ވާތީ. ކޮންމެ ކަމަކީ ވެސް އަޅުގަނޑަށް ކުރެވޭނެކަމެއް ކަމުގެ ހިތްވަރު ދޭނެ ފިރިއަކު އަޅުގަނޑުގެ އެންމެ ގާތުގައި ވާތީ. ޖޭޕީގެ ޑެޕިއުޓީ ލީޑަރު އަދި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ

ނަހުލާ ވިދާޅުވީ އެ ކަމަނާ އެކޭވެސް އެއްފަދައިން އަންހެނުން ކުރިޔަށް ދާން ބޭނުންވާ ދާއިރާއަކުން ކުރިޔަށް ގޮސް ކާމިޔާބާއި ހަމަޔަށް ހާސިލްވުމަށް ހުރި ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި ފުރިހަމަ އެއްބާރުލުން ބޭނުންވާ ކަމަށެވެ. އަދި ކޮންމެ ޕާޓީއެއްގެ ވެސް އެންމެ މުހިންމު އެއް އަސާސަކަށް ވާންވާނީ އެޕާޓީއެއްގެ އާންމު މެންބަރުންގެ ހިޔާލާއި މަޝްވަރާ އާއި ބައިވެރިވުން ކަމަށާއި، މިއަދު ގިނަ ޕާޓީތަކުގައި އަޅުގަނޑުމެންނަށް ފެންނަމުންދާ ހަގީގަތަކީ ޕާޓީތަކުގެ ނިންމުން ތަކުގައި ހަމައެކަނި އިސް ސަފުގެ މަޝްވަރާ އާއި އެކު ކަންކަން ތަންފީޒު ވެގެން ދާތަން ކަމަށްވެސް ނަހުލާ ވަނީ ވިދާޅުވެފައެވެ.

ނަމަވެސް ސިޔާސީ ޕާޓީއެއްގެ އެންމެ މުހިންމު ރައުސުލްމާލަކީ އެ ޕާޓީއެއްގެ އާންމު މެމްބަރުން ކަން ފާހަގަކުރައްވައި އެކަމަނާ ވިދާޅުވީ، ޕާޓީގެ ކޮންމެ ނިންމުމެއްގައިވެސް ޕާޓީ ގެ އާންމު މެމްބަރުންގެ ހިޔާލާއި ފިކުރު އަދި އެންމެންގެ ބައިވެރިވުން އޮންނަންވާނެކަމުގައި ދެކެވަޑައިގަންނަވާ ކަމަށެވެ.

ޕާޓީއެއް ދެމެހެއްޓެނިވި ގޮތެއްގައި ކުރިޔަށް ގެންދިޔުމަށްޓަކައި ޕާޓީގެ ކުރިއެރުމަށް އާންމު މެންބަރުންގެ ބަސް އެއީ ޕާޓީގެ އެންމެ މަތިން ތިރިއަށް، އަދި ތިރިން މައްޗަށްވެސް ހިއްސާ ކުރެވޭ އެއްޗެއް ކަމުގައި ވާންޖެހޭ. އެގޮތުން ޕާޓީގެ ގްރާސް ރޫޓަކީ ޕާޓީ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަރައި ރައްޔިތުންގެ އުންމީދާއި ގުޅިފައިވާ އެތައް ނިންމުންތަކަކަށް ވާސިލުވުމަށްޓަކައި ބާރުވެރި ފަރާތަށް ހަދަން ޖެހޭ. ޖޭޕީގެ ޑެޕިއުޓީ ލީޑަރު އަދި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ

މީގެ އިތުރުން، ނަހުލާ ވަނީ ޕާޓީގެ މަގްސަދު ހާސިލް ކުރުމަށްޓަކައި ޕާޓީގެ ސިޔާސަތުތަކާއި އެއްގޮތަށް ކަންކަން ތަންފީޒު ކުރުމަށްޓަކައި ކުރެވޭ ހުރިހާ މަސައްކަތްތަކަކަށް އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވާފައެވެ.

ނަހުލާގެ ވާހަކައިގައި އެ ކަމަނާ ވަނީ ކޮންގްރެސްގައި ޖުމްހޫރީ ޕާޓީގެ ކައުންސިލްގެ އެކި މަޤާމުތައް ކާމިޔާބު ކުރެއްވި އެންމެހާ މެމްބަރުންނަށް މަރުހަބާ އާއި ތަހުނިޔާ ރައްދުކުރައްވާފައެވެ.

comment ކޮމެންޓް