ކައުންސިލްތަކަށް އިތުރު ބާރުތައް ދިނުމާއެކު ދިމާވާ ގޮންޖެހުންތައް ގިނަ: އަފްޝަން

ލޯކަލް ގަވަމަންޓް އޮތޯރިޓީގެ ސީއީއޯ އަފްޝަން ލަތީފް -- ސަން ފޮޓޯ

ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒުކުރުމުގެ ގާނޫނުން، ކައުންސިލްތަކަށް އިތުރު ބާރުތައް ދިނުމާއެކު ކައުންސިލްތައް ހިންގުމަށް އިތުރު ދަތިތައް ކުރިމަތިވާކަމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީގެ ސީއީއޯ އަފްޝަން ލަތީފް ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަ ކުރާ ލާމަރުކަޒީ ދުވަހާ ގުޅިގެން "ސަން"އާ ވާހަކަދައްކަވަމުން އަފްޝަން ވިދާޅުވީ ގާނޫނަށް އަންނަ ބަދަލާއެކު ކައުންސިލްތަކުގެ ޒިންމާތައް އިތުރުވެ ފުޅާވާކަމަށެވެ. އެއީ ކުރިއެރުމެއްކަމަށް ވެސް އަފްޝަން ވިދާޅުވިއެވެ.

އެހެންނަމަވެސް އެއާއެކު ދިމާވާ ގޮންޖެހުމަކީ އެ ފަދަ މަސައްކަތްތައް ކުރާނެ ވަސީލަތްތަކާއި އެކަމުގެ ޓެކްނިކަލް ތަޖުރިބާ ހުރި މީހުން މަދުވުމުން ދިމާވާ ދަތިތައް ކަމަށް އަފްޝަން ވިދާޅުވިއެވެ.

"ނަމަވެސް ބައެއް ކަައުންސިލްތަކަށް އެ ކަން ފުރިހަމަކޮށްދޭން ބޭނުންވާ ރިސޯސަސް މަދުވީމާ އެ ބޭފުޅުންނަށް ދިމާވާ ދަތިތައް އެބަހުރި. މިސާލަކަަށް ދަންނަވަނީނަމަ ލޭންޑް ޔޫސް ޕްލޭން ހެދުން. ލޭންޑް ޔޫސް ޕްލޭން ވެސް މިހާރު އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުން ފަންސާހަކަށް ރަށް މި ސަބްމިޓްކޮށްފައިވީ ނަމަވެސް ވަރަށް ގިނަ ރަށްރަށުން އަދިވެސް އެ މަސައްކަތް ކުރައްވަމުން އެ ގެންދަވަނީ. އެ ކަމުގެ މާލީ ދަތިކަން ވެސް އެބަހުރި. އަދި ޓެކްނިކަލް އެކްސްޕަޓީޒް ވެސް ރާއްޖޭގައި މަދު،" އޭނާ ވިދާޅުވިއެވެ.

އެލްޖީއޭގެ ބައްދަލުވުމެއްގެ ތެރެއިން -- ސަން ފޮޓޯ

އަފްޝަން ވިދާޅުވީ ކައުންސިލްތަކުގެ ކަންބޮޑުވުންތައް ވަރަށް ގާތުން އަބަދުވެސް އެލްޖީއޭއާ ހިއްސާކުރާކަ މަށެވެ. އަދި އެލްޖީއޭއިން ވެސް އެންމެ ބޮޑު އިސްކަމެއް ދީގެން ކުރިއަށްގެންދާ މަސައްކަތަކީ ކައުންސިލްތަކާ މަޝްވަރާ ކުރުމާއި ގާތް ގުޅުމެއް އުފެއްދުން ކަމަށް އަފްޝަން ވިދާޅުވިއެވެ.

"ޚާއްސަކޮށް ފާއިތުވި ދެ އަހަރު ދިން އެންމެ ބޮޑު އަހަންމިއްޔަތުކަމެއް ދީގެން ކުރި މަސައްކަތަކީ ކައުންސިލްތަކާއި މައި ސަރުކާރާ މި އޮންނަ ގުޅުން ހަރުދަނާކޮށް އަދި އެހެން މިނިސްޓްރީތަކާއެކީ ކުރެވޭ މަސައްކަތްތައް ވެސް ތަންކޮޅެއް ކޯޑިނޭޓްކޮށްގެން، ރަނގަޅަށް ވިލަރެސް ކުރެވިގެން ކުރިއަށް ގެންދެވޭކަން ޔަގީންކުރުން،" އަފްޝަން ވިދާޅުވިއެވެ.

އެގޮތުން 2021 އާއި 2022ވަނަ އަހަރުގެ ތެރޭގައި ވެސް 100އަށްވުރެ ގިނަ ކައުންސިލާ ބައްދަލުކޮށް ކަންބޮޑުވުންތައް އަހައި، މަޝްވަރާކޮށްފައިވާކަމަށް އަފްޝަން ވިދާޅުވިއެވެ.

އަފްޝަން ވިދާޅުވީ ހުރިހާ ކައުންސިލްތަކުން ވެސް ލިބޭ އާންމު ޝަކުވާއަކީ އިދާރާގެ ޖާގައިގެ ދަތިކަމުގެ ވާހަކަ ކަމަށެވެ. އެ ޝަކުވާއާއެކު ހުރިހާ ކައުންސިލްތަކެއްގެ އިދާރާތަކުގެ ހާލަތާ ގުޅޭ މައުލޫމާތު ވެސް އެއްކޮށްފައިވާކަމަށް އަފްޝަން ވިދާޅުވިއެވެ.

އެ މައުލޫމާތުތަކުން 60 ރަށުގެ ކައުންސިލް އިދާރާއެއްގެ ޖާގަ ތަނަވަސްކޮށް ރަނގަޅު ފެންވަރަށް ތަރައްގީކުރަން ޖެހިފައިހުރިކަން ފާހަގަވިކަމަށް އަފްޝަން ވިދާޅުވިއެވެ. އެއީ އެއްވެސް ސަރުކާރަކަށް ވަގުތުން ހައްލު ގެނެވޭނެކަމަކަށް ނުވާނެކަމަށް ގަބޫލުކުރައްވާ ކަމަށާއި އެހެން ނަމަވެސް ދުރު ރާސްތާގެ ޕްލޭނަކާއެކު އެ ކަމަށް ހައްލު ގެނެވޭނެކަމަށް އޭނާ ވިދާޅުވިއެވެ.

އަފްޝަން ވިދާޅުވީ ކައުންސިލްތަކުގެ ކައުންސިލަރުންނާއި ވެރިން ތަމްރީނުކޮށް ހޭލުންތެރިކުރުމަށް ޚާއްސަ އިސްކަމެއް އެލްޖީއޭއިން ދޭނެ ކަމަށެވެ. އެއީ އެ މީހުންގެ ގާބިލްކަން އިތުރުކުރެވި މަސައްކަތް ރަނގަޅުވާނެތީ ކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް