ހޮންކޮންގެ މޮޑެލްއެއް މަރާލައިފި، ހަށިގަނޑުގެ ބައިތައް ފެނުނީ އައިސްއަލަމާރިއެއް ތެރެއިން

ހޮންކޮންގެ މޮޑެލްއެއް ކަމަށްވާ އެބީ ޗޯއީ -- ފޮޓޯ/ އޭޕީ

ހޮންކޮންގެ މޮޑެލްއެއް ކަމަށްވާ އެބީ ޗޯއީ ގެއްލުނުތާ ދުވަސްތަކެއް ފަހުން އޭނާ މަރާލާފައި އޮއްވާ ފެނިއްޖެއެވެ.

އުމުރުން 28 އަހަރުގެ ޗޯއީ ގެއްލިފައިވަނީ ބުދަ ދުވަހުއެވެ. އޭނާގެ ހަށިގަނޑުގެ ބައިތަކެއް ފެނުނީ ހުކުރު ދުވަހުއެވެ.

ހޮންކޮންގެ ފުލުހުން އިއްޔެ ބުނީ އޭނާގެ ހަށިގަނޑުގެ ބައިތައް ފެނިފައި ވަނީ އެ ސިޓީގެ ޓައި ޕޯ ޑިސްޓްރިކްޓްގައި، ކުއްޔަށް ދޫކޮށްފައި ހުރި ގެއެއްގެ ތެރޭ ހުރި އައިސްއަލަމާރިއެއްގެ ތެރެއިން ކަމަށެވެ.

ޗޯއިގެ ހަށިގަނޑުގެ އިތުރު ބައިތައް ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

ސީއެންއެންއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ފުލުހުން ވަނީ، ޗޯއީގެ ހަށިގަނޑާއެކު، ކަރަންޓު ކީހަކާއި މަސް ކޮށަން ބޭނުންކުރާ މެޝިނެއް ފެނިފައިވާ ކަމަށް ބުނެފައެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ ޗޯއީގެ ކުރީގެ ފިރިމީހާ ހައްޔަރު ކޮށްފައެވެ. އަދި އެ ފިރިހެން މީހާގެ މައިންބަފައިންނާއި ބޭބެ ވެސް ވަނީ ހައްޔަރުކޮށްފައެވެ.

އެ މައްސަލައާ ގުޅިގެން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕޮލިސް ސުޕްރިންޓެންޑެންޓް އެލަން ޗަންގް ވިދާޅުވީ ޗޯއީގެ ކުރީގެ ފިރިމީހާ ހައްޔަރުކޮށްފައި ވަނީ ކަނޑުމަގުން ފިލަން އުޅެނިކޮށް، ހޮންކޮންގެ ބަނދަރެއް ކައިރިން ކަމަށެވެ.

އޭނާ ވިދާޅުވީ، ޗޯއިއާ އޭނާގެ ފިރިމީހާއާ ދެމެދު 100 މިލިއަން ހޮންކޮން ޑޮލަރުގެ މައްސަލައެއް އުޅޭ ކަމަށް ބެލެވިފައިވާ ކަމަށެވެ. އަދި ޗޯއިގެ މާލީ މުއާމަލާތްތަކާ މެދު "ކޮންމެވެސް ބަޔަކު" ނުރުހުންވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

ޗޯއީ އާ އޭނާގެ ކުރީގެ ފިރިމީހާގެ ދެ ދަރިން ތިބެއެވެ.

ފުލުހުން ބުނި ގޮތުގައި އެ ދެކުދިން ތިބީ ޗޯއީގެ މަންމަގެ ބެލުމުގެ ދަށުގައެވެ.

މޮޑެލްއެއްގެ ގޮތުގައި ޗޮއި ވަނީ ބައިނަލްއަގްވާމީ ފެންވަރުގައި ގިނަ ބައެއްގެ ތައުރީފު ހޯދާފައެވެ. އެންމެ ފަހުން މިދިޔަ މަހު ވެސް ޗޯއި ވަނީ ފްރާންސްގެ ޕެރިހުގައި ބޭއްވި 'އެލީ ސާބް ސްޕްރިންގް ސަމާ 2023' ގެ ހޯޓް ކޮޗުއާ ޝޯގައި އޭނާގެ ފޮޓޯ ނަގާފައެވެ.

މި ފަހުން ލަގްޒަރީ މެގަޒިންއެއްގެ ޑިޖިޓަލް ކަވާ މޮޑެލްއެއްގެ ގޮތުގައިވެސް ޗޯއީ ވަނީ ފެނިފައެވެ. މިއަހަރުގެ ޕެރިސް ފެޝަން ވީކްގައި ވެސް ޗޯއީ ވަނީ ބައިވެރިވެފައެވެ.

comment ކޮމެންޓް