އއ. މާޅޮހުގައި އަނިޔާވެރި ގޮތަކަށް މަރާލި އުމުރުން 65 އަހަރުގެ އަބްދުއްރަހުމާން އާދަމްގެ މަރުގެ މައްސަލައިގެ ޝަރީއަތް އެހެން ފަނޑިޔާރަކާ އެކު އަލުން ފެށިއިރު، އަދިވެސް ޑީއެންއޭ ރިޕޯޓު ނުނިމޭކަމަށް ބުނެފިއެވެ.
ގޭގައި ނިދާފައި އޮއްވާ އަނިޔާވެރި ގޮތަކަށް އަބްދުއްރަހުމާނު މަރާލީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 13 ވަނަ ދުވަހެވެ. މި މައްސަލައާ ގުޅިގެން، އެ ރަށު ތިން ޒުވާނުން ހައްޔަރުކުރީ މިދިޔަ އަހަރުގެ އޮގަސްޓު މަހު 21 ގައެވެ. އެއީ، އއ. މާޅޮސް، ފިޔަ، އަހްމަދު އާޝިދާއި، އއ. މާޅޮސް، ލިލީފެހި، މުޙައްމަދު ވިސާމާއި އއ. މާޅޮސް، ފިނިވާގެ، އަހުމަދު ފާރިސެވެ.
މި ތިން މީހުންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް، އަލުން މިއަދު ފެށީ މައްސަލަ ބަލާ އާ ފަނޑިޔާރަކާ އެކުއެވެ. މިހާރު މި މައްސަލަ ބަލާ ފަނޑިޔާރަކީ އަހްމަދު ނިޔާޒެވެ. ކުރިން މި މައްސަލަ ބެއްލެވި ފަނޑިޔާރު އިސްމާއިލް ޝަފީއު ވަނީ ފަހުން ހައިކޯޓަށް ޕްރޮމޯޓްކޮށްފައެވެ.
މި ތިން މީހުންގެ ތެރެއިން އާޝިދުގެ މައްޗަށް ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ ދަށުން، ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާ ކުރާއިރު، ވިސާމާއި، ފާރިސްގެ މައްޗަށް ކުރަނީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ ދަށުން، ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާއެވެ.
މި މައްސަލައިގައި މިއަދު އޮތް ޝަރިއަތުގައި މައްސަލައިގައި މިހާތަނަށް ކަންކަން ގޮސްފައިވާ ހިސާބު، އާ ފަނޑިޔާރު އޮޅުންފިލުއްވިއެވެ. އަދި، ފަނޑިޔާރު މި މައްސަލައިގައި ކުރިއަށްދާނީ އިބުތިދާއީ މަރުޙަލާ ފެށިގެން ކަމަށް ފަނޑިޔާރު މިއަދު ނިންމެވުން ދައުލަތުން ވަނީ އަލުން މިއަދު ދައުވާ އިއްވާފައެވެ.
ދައުލަތުން ދައުވާ އިއްވަމުން ވަނީ ދައުވާ ލިބޭ ތިން މީހުން އަބްދުއްރަޙުމާނުގެ ގެއަށް ވަދެ، އޭނާ ނިދާފައި އޮއްވައި ބޮލަށް ޙަމަލާދީގެން މަރާލާފައިވާ ކަމަށް ބުނެފައެވެ. ދައުލަތުގެ ދައުވާއަށް ޖަވާބުދާރީ ވުމަށް، ދިފާއުން ވަނީ މައްސަލައިގެ ޑީއެންއޭ ރިޕޯޓު ހޯދުމަށް އެދިފައެވެ. އެ ރިޕޯޓް އަދި މިހާތަނަށް ނިމިފައިނުވާ ކަމަށްވަނީ މައުލޫމާތު ލިބިފައެވެ.
މި މައްސަލައިގައި ދައުލަތުން ދައުވާ ކުރާ ތިން މީހުންނަކީ ވެސް އަބްދުއްރަހްމާނާ މައްސަލައެއް ޖެހިފައިވާ ބައެއް ނޫން ކަމަށާއި އެ ތިން މީހުންނަކީ ވެސް ރަށުން ފެންނައިރު ވެސް ވާހަކަދައްކާ އުޅޭ ބައެއް ކަމަށް ޢަބްދުއްރަޙްމާންގެ އާއިލާއިން މީގެ ކުރިން ބުންޏެވެ. އެ ރަށުން 'ސަން'އާ ވާހަކަދެއްކި މީހަކު ކުރިން ބުނި ގޮތުގައި އެ ތިން ޒުވާނުންނަކީ ވެސް ސަރުކާރު ވަޒީފާތަކުގައި އުޅޭ ޒިންމާދާރު ބައެކެވެ. އަދި، އޭގެ ތެރެއިން ވިސާމަކީ ރައީސުލްޖުމްޙޫރިއްޔާ އައްޔަނުކުރައްވާފައިވާ ސިޔާސީ މަގާމެއް ކަމަށްވާ ޔޫތު އެސޯސިއޭޓްގެ މަގާމުގައި އޭރު ހުރި ޒުވާނެކެވެ. އަދި، ފާރިސަކީ މާޅޮހުގެ ސްޓެލްކޯ ގޮފީގައި މަސައްކަތްކުރި ޒުވާނެކެވެ. އާޝިދަކީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ ވަޒީފާއެއްގައި އުޅުނު ޒުވާނެކެވެ.
އެނގިފައިވާ ގޮތުގައި އަބްދުއްރަހްމާން މަރާލި ހާދިސާ ހިނގިއިރު އާޝިދު ހުރީ މާޅޮހުގައެވެ. އެކަމަކު، އޭނާ ހައްޔަރުކުރީ މާލެއިންނެވެ. އޭނާ ދިރިއުޅެނީ މާލޭގައެވެ. މި ތިން މީހުންނަކީ ވެސް މީގެ ކުރިން ކުށުގެ ވެށީގައި އުޅެފައިވާ ބައެއް ވެސް ނޫން ކަމަށް އެ ރަށުން ވާހަކަދެއްކި މީހުން ބުންޏެވެ. އެ ރަށު މީހުން ބުނާ ގޮތުންނަމަ އަބްދުއްރަހްމާނަކީ ސިހުރުގެ ތުހުމަތު ވެސް ކުރެވޭ މީހެކެވެ. އެކަމަކު، އާއިލާއިން އެ ތުހުމަތު ދޮގުކުރެއެވެ.