ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން އޭޕްރީލް 15 ވަނަ ދުވަހު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.
ގުރައިދޫ ދާއިރާގެ ކޮނޑި ހުސްވީ އެ ދާއިރާގެ މެމްބަރު ކަމުގައި ހުންނެވި އިބްރާހީމް ރިޒާ މި މަހުގެ 23 ވަނަ ދުވަހުގެ ރޭ އަވަހާރަވުމުންނެވެ.
ރިޒާ އަވަހާރަވީ ކެންސަރު ބައްޔަށް މެލޭޝިޔާގެ ހޮސްޕިޓަލެއްގައި ފަރުވާ ހޯއްދަވަމުން ދަނިކޮށެވެ.
އޭނާ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވާތާ ދެ އަހަރެއްހާ ދުވަސް ވަނީ ވެފައެވެ.
އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއީލް ހަބީބު އަބްދުއްރަހީމް ވިދާޅުވީ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރައްވަން ހުށަހަޅުއްވާ ފޯމު ބަލައިގަތުން މާދަމާ އިން ފެށިގެން ކުރިއަށްދާނެ ކަމަށެވެ.
ރިޒާ ވަނީ މެދުނުކެނޑި 13 އަހަރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރައްވާފައެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އޭނާ ވަނީ ޖޭއެސްސީގެ ނައިބު ރައީސްކަން ވެސް ކުރައްވާފައެވެ.
މިހާރު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގައި މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އާއި ޖުޑިޝަރީ ކޮމިޓީ އާއި ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީގެ މެންބަރެއްގެ ގޮތުގައި ހުންނެވި ރިޒާ އަކީ ގާނޫނީ ވަކީލެކެވެ.
ދެހާސް ނުވަ ވަނަ އަހަރު އެންމެ ފުރަތަމަ އޭނާ ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވެވަޑައިގެންނެވީ އަމިއްލަގޮތުންނެވެ. އެއަށްފަހު ޕީޕީއެމް އުފެދުމުން އެ ޕާޓީއާ ގުޅިވަޑައިގަތެވެ.