'އިންޑިއާ އައުޓް' އަކީ ފައިދާއެއް ނެތް ގެއްލުންހުރި ޖަރީމާއެއް: ރަފިއްޔާ

އެމްޑީއޭގެ ނައިބު ރައީސް އައިޝަތު ރަފިއްޔާ -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

'އިންޑިއާ އައުޓް' ހަރަކާތަކީ ފައިދާއެއް ނެތް، ގެއްލުންހުރި "ސިޔާސީ ޖަރީމާއެއް" ކަމަށް މޯލްޑިވްސް ޑިވޮލަޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ނައިބު ރައީސާ ޑރ. އައިޝަތު ރަފިއްޔާ ވިދާޅުވެއްޖެއެވެ.

ރަފިއްޔާ މިހެން ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިންޑިއާ ސިފައިން ގާއިމްވެ ތިބޭ ކަމަށާއި އެ ގައުމުން ރާއްޖޭގެ ދާޚިލީ ކަންކަމަށް އަތްބާނާ ކަމަށް ތުހުމަތުކޮށް، ކުރިއަށް ގެންދާ ކެމްޕޭނަށް ފާޑު ވިދާޅުވަމުންނެވެ.

އެގޮތުން ރަފިއްޔާ ވިދާޅުވީ އިންޑިއާ އައުޓް ކިޔާތާ އަހަރަކަށްވުރެ ގިނަ ދުވަސް ވެފައިވާއިރު އެ ގައުމުން ރާއްޖެއަށް ފޯރުވާ ނުފޫޒެއް ބުނެ ނުދެވޭ ކަމަށާއި ދިރާސީ ގޮތެއްގައި އެ ގައުމުގެ ސިފައިން ތިބެގެން ދޭ ގެއްލުމެއް ވެސް ބުނެދެވިފައިނުވާ ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ އެއް ގައުމުން އަނެއް ގައުމަށް ސިފައިން ފޮނުވާ، ބޭތިއްބުމަކީ އިންޑިއާއިން އެކަނި ކުރާ ކަމެއް ނޫން ކަމަށެވެ. ރާއްޖޭގެ ސިފައިން އިންޑިއާ އެމެރިކާ ފަދަ ގައުމުތަކުގައި ތިބޭކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ އެއީ، ސަލާމަތަށް ގެއްލުންވާނެ ކަންކަން ނޫން ކަމަށެވެ. އޭގެ ބަދަލުގައި ރަފިއްޔާ މިކަން ސިފަކުރެއްވީ ދިފާއީ ކަންކަން ހަރުދަނާ ކުރުމަށް ދެ ގައުމުގެ ގުޅުމުގެ ތެރެއިން ކުރާ ޚާރިޖީ ކަމެއްގެ ގޮތުގައެވެ.

"ޑިފެންސް އެޓާނީއެއް ހުންނާނެ އިންޑިއާގެ ދެއްލީގައި ވެސް، ޓްރިވަންޑްރަމްގައި ވެސް ކޮލޮމްބޯގައި ވެސް ހުންނާނެ. އަޅުގަނޑުމެންގެ އިންޓްރެސްޓް ހުރި ގައުމުތަކަށް އަޅުގަނޑުމެންނަށް އެފޯޑު ކުރެވޭ މިންވަރަކުން މީހުން ފޮނުވާފައި ތިބޭނެ." ރަފިއްޔާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ ދިފާއީ ކަންކަން ހަރުދަނާ ކުރުމަށް އެހެން ގައުމުތަކުގެ އެހީތެރިކަން ބޭނުންވާނެ ކަމަށެވެ. އެގޮތުން، އިންޑިއާ، އެމެރިކާ ފަދަ ގައުމުތަކުގެ އަސްކަރިއްޔާއިން ރާއްޖޭގެ އަސްކަރިއްޔާއާ ގުޅިގެން ތަމްރީނު ޕްރޮގްރާމުތައް ކުރިއަށް ގެންދާކަން ފާހަގަކުރެއްވިއެވެ.

"އިންޑިއާ އައުޓް ގޮވާތާ މިހާރު އަހަރަކަށް ވުރެ ގިނަ ދުވަސް ވެއްޖެ. އިންޑިއާ އައުޓް ގޮވީއިރު ވެސް އެއްވެސް ވަރަކަށް ފިގާސް އަކުން އިންޑިއާ މިލިޓަރީ މިތާ ހުރީ ކިހާ ވަރަކަށް ކަމާއި އެ މީހުން މިތާގެ ދާޚިލީ ކަންތައްތަކާ ބެހިފައި ހުރީ ކިހާ މިންވަރަކަށްތޯ ނުވަތަ ބެހޭތޯ މި ސުވާލުގެ ޖަވާބެއް މިއަދާ ހަމައަކަށް ވެސް ނުލިބޭ." އޭނާ ވިދާޅުވިއެވެ.

ރަފިއްޔާ ވިދާޅުވީ ރާއްޖެއަށް އެއްވެސް ގައުމަކާ ދުރުހެލިވެގެން ނޫޅެވޭނެ ކަމަށާއި އެހެން އެ ކަން ކޮށްފި ނަމަ، ގެއްލުން ވާނީ އެ ގައުމެއްގައި އުޅޭ ނިކަމެތި ރައްޔިތުންނަށް ކަމަށެވެ.

"އިންޑިއާއަށް ޕްރެޝަރު ކުރުމަށްޓަކައި ސީދާ ސިޔާސީ ގޮތުން ރޭވިގެން ގެންދާ ބޮޑު ޖަރީމާއެއް. ހަގީގަތަށް ބުނަންޏާ ބަޔަކު މީހުން ހީކުރީއޭ އިންޑިއާއަށް ޕްރެޝާ ކޮށްގެން އެ މީހުންނަށް ސަލާމަތްތެރިކަން ލިބޭނެ ކަމަށް. އެކަމު މުޅި ކެމްޕޭން މިއޮތީ އަތަށް ގޮވާފައި." އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރާއްޖެއަށް މިނިވަންކަން ހޯދައިދިނުމުގައި ވެސް އަދި އެ މިނިވަންކަން ދެމެހެއްޓުމަށް ވެސް އިންޑިއާއިން އެހީތެރިކަން ފޯރުކޮށްދިން ކަމަށެވެ. އެހެންވެ، އިންޑިއާއާ ދެކޮޅަށް ހިންގި އެ ކެމްޕޭނަށް އޭނާ ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައެވެ.

comment ކޮމެންޓް