ރާއްޖޭގައި އުފައްދާފައިވާ ސިޔާސީ ޕާޓީތަކުގެ ތެރެއިން ތިން ހާސް މެމްބަރުން ހަމަނުވާ ޕާޓީތަކުގެ ލިސްޓުގައި ކުރީގެ ރައީސް މައުމޫން ޢަބްދުލްގައްޔޫމް އިސްވެ ހުންނަވައި އުފެއްދެވި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ހިމެނިއްޖެއެވެ.
ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ ދަފްތަރު އަޕްޑޭޓްކޮށް އިލެކްޝަންސް ކޮމިޝަނުން އިއްޔެ އާންމުކޮށްފައިވާއިރު، ތިން ހާސް މެމްބަރުން ހަމަނުވާ ޖުމްލަ ތިން ޕާޓީއެއް އެލިސްޓުގައި ހިމެނެއެވެ. އެއީ އެމްއާރްއެމް އާއި، މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އާއި ދާދިފަހުން އުވާލަން ނިންމި ޑީއާރްޕީއެވެ.
މިއީ މިމަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ސިޔާސީ ޕާޓީތަކަށް މެމްބަރުންގެ ގޮތުގައި ދަފްތަރު ކުރެވިފައިވާ އަދަދެވެ.
ގާނޫނުގައި ބަޔާންކޮށްފައިވާ ތިން ހާސް މެމްބަރުން ހަމަނުވާ ޕާޓީތަކަށް ތިން މަސް ދުވަހުގެ މުއްދަތެއް ދިނުމަށް ފަހު އުވާލާނެ ކަމުގެ ނޯޓިސް އިލެކްޝަންސް ވަނީ މިދިޔަ އަހަރުގެ ޖޫން މަހު ދީފައެވެ. އެގޮތުން އޭރު ނޯޓިސް ދިން ޕާޓީތަކުގެ ތެރޭގައިވެސް އެމްއާރްއެމް ހިމެނޭއިރު، އޭރު އެޕާޓީގައި ތިބީ 2،300 މެމްބަރުންނެވެ.
އެކަމާ ގުޅިގެން އެމްއާރުއެމުން މީގެކުރިން ބުނީ އެ ޕާޓީގެ މެމްބަރުންގެ އަދަދު ދަށްވީ އެންގުމަކާ ނުލައި އެ ޕާޓީގެ މެމްބަރުން އެހެން ޕާޓީތަކަށް ގެންދިއުމުން ކަމަށެވެ. އެއަށްފަހު އެމްއާރްއެމުން ތިން ހާސް މެމްބަރުން ހަމަކޮށްފައިވެއެވެ.
އިލެކްޝަންސް ކޮމިޝަނުން ހާމަކުރި މައުލޫމާތަށް ބަލާއިރު، 57،000 އަށް ވުރެ ގިނަ މެމްބަރުންނާއެކު މިވަގުތު ރާއްޖޭގައި އެންމެ ގިނަ ބަޔަކު ތިބި ސިޔާސީ ޕާޓީއަކީ އެމްޑީޕީއެވެ. ދެވަނައަށް އެންމެ ބޮޑު ޕާޓީގެ ގޮތުގައި 38،704 މެމްބަރުންނާއެކު އޮތީ ޕީޕީއެމްއެވެ. ޖުމްހޫރީ ޕާޓީގައި ތިބީ 22،607 މެމްބަރުންނެވެ.
އެމްއާރްއެމް އަކީ 2005 ވަނަ އަހަރު ސިޔާސީ ޕާޓީތައް އުފެއްދުމުގެ ހުއްދަ ދިންފަހުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިސްވެ ހުންނަވައި އުފެއްދެވި ތިން ވަނަ ސިޔާސީ ޕާޓީއެވެ.