ވޭތުވެދިޔަ ތިން އަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ޗެމްޕިއަން، ތިމަރަފުށި ބަލިކޮށް ކނިބިދޫން ތ. އަތޮޅުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖު 2023ގެ ތ. އަތޮޅު ފައިނަލްގައި ކިނބިދޫން ތިމަރަފުށި ބަލިކުރީ 3-2 ގެ ނަތީޖާއަކުންނެވެ.
ދެ ޓީމުގެ ފަރާތުން ފޯރިގަދަ ކުޅުމެއް ފެނުނު އެ މެޗުގައި އެންމެ ފުރަތަމަ ގޯލުޖަހައި ލީޑު ނެގީ ވެސް ކިނބިދޫންނެވެ. ފުރަތަަމަ ހާފުގެ 13 ވަނަ މިނެޓުގައި ކިނބިދޫއަށް އެ ގޯލު ޖަހައިދިނީ އަލީ ފަލާހުއެވެ.
ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ތިމަރަފުށިން ވަނީ ގޯލެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. ފުރަތަމަ ހާފު ނިމެން ތިން މިނެޓަށްވެފައިވަނިކޮށް އެ ގޯލު ޖެހީ އަލީ ޝިފާއު (ރޮނާ)އެވެ.
ދެވަނަ ހާފު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް ކިބިދޫން ވަނީ އަނެއްކާވެސް ގޯލެއް ޖަހައި މެޗުގެ ލީޑު ނަގައިފައެވެ. މުހައްމަދު ޝަހާއު ތަނަވަސް ކުރި ފުރުސަތެއްގެ ބޭނުން ހިފައިގެން އެ ގޯލް ޖެހީ މުހައްމަދު ޝިފާއުއެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތުގެ ތެރޭގައި ކިބިދޫން އިތުރު ގޯލެއްޖަހައި މެޗުގެ ލީޑު ފުޅާކުރިއެވެ. އެ ގޯލަކީ އަހުމަދު ހަމްދާން ހުސައިން ޖެހި ގޯލެކެވެ. މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތު ކޮޅު ތެރޭގައި ތިމަރަފުށީގެ އިބްރާހިމް ސިނާހް (ސިނާ) ވަނީ ގޯލެއް ޖަހައި މެޗުގެ ނަތީޖާގެ ފަރަގު ހަނިކޮށްފައެވެ.
ގޯލްޑެން ފުޓްސަލް ޗެލެންޖު 2023 ގެ ހުރިހާ މެޗެއް "އެސްއެސް ޓީވީ"ގެ ފޭސްބުކް ޕޭޖުންނާއި "އެސްއެސް ޓީވީ"އިން ލައިވް ކުރާނެއެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖަކީ މީހުން ދިރިއުޅޭ ކޮންމެ ރަށަކުން ވެސް އެރަށަކަށް ނިސްބަތްވާ އެއް ޓީމަށް ހުޅުވާލައިގެން ކުރިއަށްގެންދާ މުބާރާތެކެވެ. ނަމަވެސް މާލެއާއި ފުވައްމުލަކުގެ ކޮންމެ އަވަށަކުން ޓީމެއް ބައިވެރިކުރުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފައެވެ.
މިއަހަރުގެ ގޯލްޑެން ފުޓްސަލް ޗެލެންޖުގައި 102 ޓީމު ވަނީ ބައިވެރިވެފައެވެ. އެ މުބާރާތުގައި މި އަހަރު 242 މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ.
މި ފަހަރުގެ މުބާރާތްވެސް ކުރިއަށްދާނީ ކުރިންވެސް މުބާރާތް ކުރިއަށް ގެންދިޔަ އުސޫލުންނެވެ. ފުރަތަމަ އެ އަތޮޅެއް ނިސްބަތްވާ އަތޮޅު ބުރެއް ކުޅެން ޖެހޭއިރު އެ ބުރުން އެންމެ މޮޅު ޓީމުތައް ވާދަކުރަން ޖެހޭނީ ޒޯން ބުރުގައެވެ. ޒޯން ބުރުން އެންމެ މޮޅު 16 ޓީމު ދެން ވާދަކުރަން ޖެހޭނީ މުބަރާތުގެ ގަދަ 16ގައެވެ. އަދި އެ ބުރުން ކާމިޔާބު ހޯދާ ޓީމުތައް ކުއާޓާ، ސެމީ އަދި ފައިނަލް ކުޅެ މުބަރާތުގެ އެންމެ މޮޅު ޓީމެއް ހޮވޭނެއެވެ. އެ މުބާރާތުގެ ހުރިހާ މެޗެއް ކުޅޭނީ ހުޅުމާލެ ރެހެންދި ޓާފު ދަނޑުގައެވެ.
މިއަހަރު ކުޅޭ ގޯލްޑެން ފުޓްސަލް ޗެލެންޖުގެ ބްރޯޑްކާސްޓިން ޕާޓްނަރެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ސަން ސިޔާމް މީޑިއާއެވެ.