ޖޫސް ޓައިމަށް ގެއްލުން ދިން މީހުން ދުއްވި ސައިކަލު އަތުލައިފި

މޫނު ނިވައިކޮށްގެން ތިބި ދެ މީހަކު 'ޖޫސް ޓައިމް' އަށް ގެއްލުން ދެނީ -- ފޮޓޯ/ އެމްވީ ކްރައިސިސް

ބުރާސްފަތި ދުވަހުގެ އިރުއޮއްސުނު ވަގުތު ހުޅުމާލޭގައި ހުންނަ 'ޖޫސް ޓައިމް'އަށް ގެއްލުންދިން، މޫނު ނިވާ ކޮށްގެން ތިބި މީހުން އެ ވަގުތު ދުއްވި ކަމަށް ބެލެވޭ ސައިކަލު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް ފުލުހުން ބުނެފިއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކުން ފެންނަ ގޮތުގައި 'ޖޫސް ޓައިމް' އަށް ހަމަލާ ދީފައި ވަނީ ހެލްމެޓް އަޅާ މޫނު ނިވާކޮށްފައިވާ ދެ ފިރިހެނުންނެވެ.

އެ މީހުން ވަނީ އެތަނުގެ ބިއްލޫރިތައް ތަޅާލައި އެތެރެއަށް ވަދެ އެތެރޭގައި ހުރި ތަކެއްޗަށް ވެސް ވަރަށް ބޮޑަށް ގެއްލުން ދީފައެވެ. އެވަގުތު އެތަނުގައި އިން ސޭޓު މީހާ ވަނީ ވަގުތުން އެތަނުން ނުކުމެފައެވެ.

ހަމަލާ ދިނުމަށް ފަހު އެ މީހުން ވަނީ ފިލާފައެވެ. އެ މީހުން ފިލީ އެ މީހުން އެ ވަގުތު ދުއްވަން ގެންގުޅުނު ސައިކަލުގައެވެ.

މިކަމާ ގުޅިގެން ފުލުހުން އަންނަނީ އެ ކަން ތަހުގީގުކޮށް މީހުން ދެނެގަތުމުގެ މަސައްކަތް ކުރަމުންނެވެ.

މިފަދަ ހާދިސާއެއް ހިނގައިފައިވާއިރު ހުކުރު ދުވަހުގެ ރޭ ވެސް މާލޭގައި ދެ މީހަކުވަނީ ޒުވާނެއްގެ ގަޔަށް ވަޅި ޖަހައި ޒަޚަމްކޮށްލައިފައެވެ.

comment ކޮމެންޓް