ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ރާއްޖެ ތަރައްގީކުރުމަށް ޓަކައި ފަށައިފައިވާ މަސައްކަތް ނިންމައި ކުރިއަށް ދިއުމަށް އިތުރު ދައުރެއް ދިނުމަށް މަސައްކަތް ކުރުން މުހިންމު ކަމަށް މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ނައިބު ރައީސާ ޑރ. އާއިޝަތު ރަފިއްޔާ ވިދާޅުވެއްޖެއެވެ.
އެމްޑީއޭއިން އެމްޑީޕީއާއެކު ކޯލިޝަން ހަދަން ނިންމިކަން އިއުލާންކުރުމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރަފިއްޔާ ވިދާޅުވީ ރާއްޖޭގެ ކޮންމެ ރަށެއްގެ ރައްޔިތަކު ވެސް މި ސަރުކާރާ މެދު ހިތްހަމަޖެހޭކަމަށެވެ.
އެގޮތުން ރަށްރަށުގެ ރައްޔިތުން ވެސް ފާހަގަކުރާ އެއް ކަމަކީ އެއްވެސް ރަށެއް ތަފާތުކުރުމެއް ނެތި ހަމަހަމަކަމާއެކު ތަރައްގީ ގެނެސްދިނުންކަމަށް އޭނާ ވިދާޅުވިއެވެ.
އެންމެ އަސާސީ ޚިދުމަތްތައް މި ފަސް އަހަރުގެ ތެރޭ ޔަގީންކޮށްދިނުމަށް ރައީސް ކުރައްވާ މަސައްކަތަށް އެއްބާރުލުން ދިނުމަކީ ވެސް މުހިންމު ކަމެއް ކަމަށް ރަފިއްޔާ ވިދާޅުވިއެވެ.
"އަޅުގަނޑަށް ހަމަ އެކި ރަށްރަށުން ވެސް ހަމަ އެބަހުރި ވިދާޅުވެފައި ކުޑަ، މެދު ރަށެއް ބޮޑު ރަށެއް ނުބައްލަވައި ރައީސުލްޖުމްހޫރިއްޔާ އެ ބޭފުޅާގެ ވައުދުތައް ގާއިމްކުރެއްވިކަމަށް. އެގޮތުން ނަރުދަމާއާއި ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ގާއިމްކުރުމަށް ޓަކައި ޕްރޮޖެކްޓުތައް ފައްޓަވައިފައިވާކަމަށް. އެ ޕްރޮޖެކްޓުތައް ނިންމަވައިލުމަކީ ހަމަގައިމުވެސް ރައްޔިތުންނަށް ލިބޭނެ ތަސައްލީއަކަށްވާނެ،" ރަފިއްޔާ ވިދާޅުވިއެވެ.
ހަމައެއާއެކު އެ މަނިކުފާނަކީ ވާހަކަދައްކަވައި، އަމަލުފުޅުން ކަން ކުރައްވަން ޖެހިވަޑައިގަންނަވާ ހިސާބުން އެ ކަން ކުރައްވަން ފަސްޖެހިވަޑައިނުގަންނަވާނެ ވެރިއެއްކަން ޔަގީންވާކަމަށް ވެސް ރަފިއްޔާ ވިދާޅުވިއެވެ.
ނަމަވެސް އެހެން ވެރިންނާ ޚިލާފަށް މާ ބައިވަރު ބަސްތަކެއް ރައީސް ވިދާޅުވެ ނުލައްވައިކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"ބައެއް ބޭފުޅުން ވިދާޅުވޭ ރިއެކްޓުނުކުރައްވާ ބޭފުޅެކޭ ވެސް. އެހެންނަމަވެސް އެ ރިއެކްޝަނަކީ ހަގީގަތުގައި ކުރައްވަން ޖެހޭ ތަންތަނުގައި ކުރައްވައިފައި ހުރި ރިއެކްޝަންތައް. ރަނގަޅު ޑިސިޝަންތައް ނަންގަވައިފައި އެބަހުރި،" ރަފިއްޔާ ވިދާޅުވިއެވެ.
އިތުރަށް ވާހަކަދައްކަވަމުން ރަފިއްޔާ ވިދާޅުވީ މުޅި ދުނިޔެއަށް ވެސް ކުރިމަތިވި ކޮވިޑުގެ ބަލިމަޑުކަމުގެ ތެރެއިން ރާއްޖޭގެ އިގްތިސާދު ކޮޅަށް ޖެހުމަށް ޓަކައި ރައީސް ޞާލިޙު ނިންމެވީ ވަރަށް އުނދަގޫ ނިންމުންތަކެއް ކަމަށެވެ.
އެ ނިންމެވުންތަކަކީ ވިޔަފާރިވެރިންނާ މަޝްވަރާކުރުމަށް ފަހު އިގްތިސާދީ ހާލަތު ރަނގަޅުކުރުމަށް ނިންމެވި ނިންމެވުންތަކެއްކަމަށް ވެސް ރަފިއްޔާ ވިދާޅުވިއެވެ.
އެއީ ދުނިޔޭގެ އެއްވެސް އެހެން ވެރިއަކު ނުނަންގަވާ ފަދަ ރިސްކެއް ނަންގަވައިގެން ނިންމެވި ނިންމުންތަކެއްގެ ގޮތުގައި ރަފިއްޔާ، ރައީސްގެ އެ ނިންމެވުންތައް ސިފަކުރެއްވިއެވެ.
އަދި އެ ނިންމުންތަކަށް ބޭރުގެ ވެރިންގެ ތައުރީފު ލިބި، ރާއްޖެއަކީ ކޮވިޑުން އަރައިގަތުމަށް ޓަކައި ނަމޫނާ މިސާލެއް ދެއްކި ގައުމެއްގެ ގޮތުގައި ބޭރުގެ ގައުމުތަކުން ބަަލައިގަތް ކަމަށް ވެސް ރަފިއްޔާ ފާހަގަކުރެއްވިއެވެ.