ފަސޭހަކަމާއެކު އިސްދޫ ބަލިކޮށް ލ.ގެ ތަށި ގަމަށް

ގަމުން ލ. އަތޮޅުގެ ތަށި އުފުލާލަނީ --- ފޮޓޯ/ ސިޑިބަރި

ގޯލްޑެން ފުޓްސަލް ޗެލެންޖު 2023ގެ ލ. އަތޮޅުގެ ޗެމްޕިއަންކަން ގަމުން ހޯދައިފިއެވެ.

މިރޭ ހުޅުމާލެ ރެހެނދި ފުޓްސަލް ދަނޑުގައި ކުޅުނު ލ. އަތޮޅުގެ ފައިނަލް މެޗުގައި ގަމުން އިސްދޫ ބަލިކުރީ 4-0ގެ ފަސޭހަ ނަތީޖާއަކުންނެވެ.

އެ މެޗުގައި ގަމުގެ ފަރާތުން މޮޅު ކުޅުމެއް ފެނިފައިވާއިރު، އެ ޓީމުން މެޗުގައި ޖެހި ފުރަތަމަ ގޯލަކީ ގަމުގެ ހުސައިން ޝަރީފް (އޮންލީ) ފޮނުވާލި ހަމަލާ އިސްދޫގެ ކުޅުންތެރިއްގެ ގައިގައި ޖެހިފައި ވަތް ގޯލެކެވެ.

މެޗުގައި ގަމުން ޖެހި ދެވަނަ ގޯލަކީ ފުރަތަމަ ހާފު ނިމެން ސިކުންތު ކޮޅަކަށް ވެފައިވަނިކޮށް އޮންލީ ކާމިޔާބުކުރި ގޯލެކެވެ.

އެ ނަތީޖާއިން ފުރަތަމަ ހާފު ނިމުނު ނަމަވެސް ދެވަނަ ހާފު ފަށައިގެން ދެވަނަ މިނެޓުގައި ގަމުން ވަނީ އެ ޓީމުގެ ތިން ވަނަ ގޯލު ޖަހައިފައެވެ. އެ ގޯލަކީ އަލީ ޝާމިސް ތަނަވަސްކުރި ފުރުސަތެއްގެ ބެނުން ހިފައިގެން އަބްދުﷲ ޖުނައިދު ކާމިޔާބުކުރި ގޯލެކެވެ.

ގަމުން މެޗުގައި ޖެހި ހަތަރުވަނަ ގޯލު ޖެހީ ދެވަނަ ހާފުގެ ހަވަނަ މިނެޓުގައެވެ. އެ ގޯލު ޖެހީ ޝާމިސްއެވެ.

ގޯލްޑެން ފުޓްސަލް ޗެލެންޖު 2023 ގެ ހުރިހާ މެޗެއް "އެސްއެސް ޓީވީ"ގެ ފޭސްބުކް ޕޭޖުންނާއި "އެސްއެސް ޓީވީ"އިން ލައިވް ކުރާނެއެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖަކީ މީހުން ދިރިއުޅޭ ކޮންމެ ރަށަކުން ވެސް އެރަށަކަށް ނިސްބަތްވާ އެއް ޓީމަށް ހުޅުވާލައިގެން ކުރިއަށްގެންދާ މުބާރާތެކެވެ. ނަމަވެސް މާލެއާއި ފުވައްމުލަކުގެ ކޮންމެ އަވަށަކުން ޓީމެއް ބައިވެރިކުރުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފައެވެ.

މިއަހަރުގެ ގޯލްޑެން ފުޓްސަލް ޗެލެންޖުގައި 102 ޓީމު ވަނީ ބައިވެރިވެފައެވެ. އެ މުބާރާތުގައި މި އަހަރު 242 މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ.

މި ފަހަރުގެ މުބާރާތްވެސް ކުރިއަށްދާނީ ކުރިންވެސް މުބާރާތް ކުރިއަށް ގެންދިޔަ އުސޫލުންނެވެ. ފުރަތަމަ އެ އަތޮޅެއް ނިސްބަތްވާ އަތޮޅު ބުރެއް ކުޅެން ޖެހޭއިރު އެ ބުރުން އެންމެ މޮޅު ޓީމުތައް ވާދަކުރަން ޖެހޭނީ ޒޯން ބުރުގައެވެ. ޒޯން ބުރުން އެންމެ މޮޅު 16 ޓީމު ދެން ވާދަކުރަން ޖެހޭނީ މުބަރާތުގެ ގަދަ 16ގައެވެ. އަދި އެ ބުރުން ކާމިޔާބު ހޯދާ ޓީމުތައް ކުއާޓާ، ސެމީ އަދި ފައިނަލް ކުޅެ މުބަރާތުގެ އެންމެ މޮޅު ޓީމެއް ހޮވޭނެއެވެ. އެ މުބާރާތުގެ ހުރިހާ މެޗެއް ކުޅޭނީ ހުޅުމާލެ ރެހެންދި ޓާފު ދަނޑުގައެވެ.

މިއަހަރު ކުޅޭ ގޯލްޑެން ފުޓްސަލް ޗެލެންޖުގެ ބްރޯޑްކާސްޓިން ޕާޓްނަރެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ސަން ސިޔާމް މީޑިއާއެވެ.

comment ކޮމެންޓް