ރާއްޖޭގެ ސިލްމާއި ސަލާމަތަށް އެންމެފަހި ގޮތް ނޫނީ އަދާލަތުން ނުނިންމާނެ: އިމްރާން

ގައުމީ ދުވަހުގެ ރަަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ -- ފޮޓޯ / ހޯމް މިނިސްޓްރީ

އިސްލާމް ދީނާއި ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިލްމާއި ސަލާމަތަށް އެންމެ ފަހި ގޮތެއް ނޫނީ އަދާލަތު ޕާޓީން ނުނިންމާނެ ކަމަށް އެޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ތާއީދު ކުރަން އެޕާޓީން ނިންމާފައިވާއިރު، އެކަމާ ގުޅޭގޮތުން މިނިސްޓަރު އިމްރާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ކަމަކަށް އިގުރާރުވަނީ ވަރަށް ގިނަ ވިސްނުންތައް ވިސްނައި ވަރަށް ގިނަ ގޮތްގޮތަށް ފިކުރު ކުރުމަށްފަހު ކަމަށެވެ.

އަދި، އިސްލާމް ދީނާއި ރާއްޖޭގެ މިނިވަންކަމާއި ސުލްހަ ސަލާމަތަށް އެންމެ ފަހިވާ ގޮތަށް ނޫނީ އެ ޕާޓީގެ މަޝްވަރާ މަޖިލީހުން އިގުރާރެއް ނުވާނެ ކަމަށްވެސް އިމްރާން ވަނީ ވިދާޅުވެފައެވެ.

ރިޔާސީ އިންތިޚާބުގައި އެމްޑީޕީއާއެކީ ކޯލިޝަން ހަދަން ދިން ދައުވަތު ގަބޫލުކޮށް، ރައީސް ޞާލިޙަށް ތާއީދުކުރަން އަދާލަތު ޕާޓީން ނިންމީ މިދިޔަ ބުދަ ދުވަހުއެވެ. އަދާލަތުން ބުނީ ރައީސް ޞާލިޙަށް ތާއީދުކުރަން ނިންމީ މި ހާލަތުގައި އެ ޕާޓީން ގަބޫލުކުރާ މަސްލަހަތުތައް ހިމާޔަތްކުރަން އެންމެ ފަހިކޮށް މަސައްކަތްކުރެވެން އޮތީ ދެވަނަ ދައުރަކަށް އެ މަނިކުފާނު އިންތިޚާބުކޮށްގެން ކަމަށް އެ ޕާޓީގެ މަޝްވަރާ މަޖިލީހަށް ފެންނާތީ ކަމަށެވެ.

މާޒީގައި އެހެން ސިޔާސީ ޕާޓީތަކާއެކީ ކުރެވުނު ތަޖުރިބާ އާއި ސަރުކާރުތަކުގައި އަދާލަތު ޕާޓީގެ ސިޔާސަތުތައް ތަންފީޒުކުރަން ލިބުނު ފުރުސަތުތަށް ވެސް، ރައީސްއަށް ދެވަނަ ދައުރެއް ހޯދައިދޭން މަސައްކަތް ކުރަން ނިންމި ސަބަބެއްގެ ގޮތުގައި އަދާލަތުން ވަނީ ފާހަގަކޮށްފައެވެ.

ރައީސް ޞާލިޙްގެ ދައުވަތު އަދާލަތުން ގަބޫލުކުރި ނަމަވެސް، ކޯލިޝަނުގައި ދެން ހިމެނޭ ދެ ޕާޓީ ކަމުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) އާއި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް)އިން އަދި ގޮތެއް ނިންމާފައެއް ނުވެއެވެ.

ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިޙަށް ތާއީދުކުރަން ނިންމާފައިވާ ކަން މޯލްޑިވިއަން ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)އިން މިއަދު ވަނީ ހާމަކޮށްފައެވެ.

comment ކޮމެންޓް