މޫނު ނިވާކޮށްގެން ވަދެ ފިހާރައަކަށް ބޮޑެތި ގެއްލުންތަކެއް ދީފި

ރޭ އިރުއޮއްސުނު ވަގުތު ހުޅުމާލޭގައި ހުންނަ 'ޖޫސް ޓައިމް'އަށް މޫނު ނިވާ ކޮށްގެން ތިބި ބަޔަކު ވަދެ ގެއްލުންތަކެއް ދީފިއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކުން ފެންނަ ގޮތުގައި 'ޖޫސް ޓައިމް' އަށް ހަމަލާ ދީފައި ވަނީ ހެލްމެޓް އަޅާ މޫނު ނިވާކޮށްފައިވާ ދެ ފިރިހެނުންނެވެ.

އެމީހުން ވަނީ އެތަނުގެ ބިއްލޫރިތައް ތަޅާލައި އެތެރެއަށް ވަދެ އެތެރޭގައި ހުރި ތަކެއްޗަށް ވެސް ވަރަށް ބޮޑަށް ގެއްލުން ދީފައެވެ. އެވަގުތު އެތަނުގައި އިން ސޭޓު މީހާ ވަނީ ވަގުތުން އެތަނުން ނުކުމެފައެވެ.

ހަމަލާ ދިނުމަށް ފަހު އެ މީހުން ވަނީ ފިލާފައެވެ. އަދި ވަގުތުން އާންމުންގެ މީހުން ވަނީ އެތަނަށް އެއްވެފައެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ ހުޅުމާލެ 'ޖޫސް ޓައިމް' އަށް ބަޔަކު ވަދެ ގެއްލުން ދީފައިވާ މައްސަލަ ރޭގެ ވަގުތެއްގައި ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

މި މައްސަލަ ތަހުގީގުކޮށް މީހުން ދެނެގަތުމުގެ މަސައްކަތް ފުލުހުން އަންނަނީ މިހާރު ކުރަމުންނެވެ.

comment ކޮމެންޓް