ދެކުނު ކޮރެއާގެ ދަރިމައިވުމުގެ ނިސްބަތް އަނެއްކާވެސް ދަށަށް

ދުނިޔޭގެ ނިސްބަތުން ބަލާއިރު ދަރިމައިވުން އެންމެ ދަށް ގައުމެއްގެ ގޮތުގައި އޮތް ދެކުނު ކޮރެއާއިން، އަނެއްކާވެސް އަމިއްލަ ރެކޯޑް މުގުރާލައިފިއެވެ.

ސްޓެޓިސްޓިކްސް ކޮރެއާއިން އިއްޔެ ޝާއިއުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ދެކުނު ކޮރެއާގެ ދަރިމައިވުމުގެ ނިސްބަތް 2021 ވަނަ އަހަރު ހުރީ 0.81ގައެވެ. އެއާ އަޅާބަލާއިރު މިދިޔަ އަހަރު އެ އަދަދު ވަނީ 0.78އަށް ވެއްޓިފައެވެ.

މިއީ އޯގަނައިޒޭޝަން ފޯ އިކޮނޮމިކް ކޯޕަރޭޝަން އެންޑް ޑިވެލޮޕްމަންޓް (އޯއީސީޑީ)ގައި ހިމެނޭ ގައުމުތަކުގެ ދަރިމައިވުމުގެ ރޭޓްތަކުގެ ތެރެއިން އެންމެ ދަށް އަދަދެވެ.

އެ ގައުމުތަކުގައި 2020 ވަނަ އަހަރު ދަރިމައިވުމުގެ އެވަރެޖު ރޭޓް ހުރީ 1.59ގައެވެ. އެ ރޭޓު އެންމެ ދަށީ ދެކުނު ކޮރެއާގެ ވެރިރަށް ސޯލްގައެވެ. އެއީ 0.59އެވެ.

މިދިޔަ ޑިސެމްބަރު މަހު ދެކުނު ކޮރެއާގެ ސަރުކާރުން ވަނީ އެ ގައުމުގެ އުފަންވާ ރޭޓް އިތުރު ކުރުމުގެ ގޮތުން ސިލްސިލާ ފިޔަވަޅުތަކެއް އަޅާފައެވެ.

އެގޮތުން ކުދިން ހޯދުމަށް ބާރުއެޅުމާއި މަސައްކަތުގެ މާހައުލުގައި އަންހެނުންނާ މެދު ތަފާތުކުރުން ނައްތާލުމަށް އަޅަންޖެހޭ ފިޔަވަޅުތައް ހިމެނެއެވެ. އަދި ޒުވާނުންނަށް އަގުހެޔޮކޮށް ބޯހިޔާވަހިކަމާއި އިތުރު ވަޒީފާތައް ފޯރުކޮށްދިނުމަށް ފިޔަވަޅު އެޅުމަށް އެ ގައުމުގެ ސަރުކާރުން ވަނީ ވައުދުވެފައެވެ.

ކޮރެއާގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރު އެގައުމަށް 249،000 ކުދިން އުފަންވިއިރު އެއީ އޭގެ ކުރީ އަހަރާ އަޅާ ބަލާއިރު 260،000 ކުދިންގެ ދަށްވުމެކެވެ.

އަދި ދަރިން ވިހާ އަންހެނުންގެ އުމުރު އެވްރެޖް ގޮތެއްގައި އުޅެނީ 33 އަހަރުން މަތީގައެވެ.

ދެކުނު ކޮރެއާގެ އާބާދީ 2020 ވަނަ އަހަރު 51.84 މިލިއަނަށް އަރާފައިވާއިރު، 2021 ވަނަ އަހަރު އެގައުމުގެ އާބާދީ ވަނީ 51.74 މިލިއަނަށް ވެއްޓިފައެވެ.

comment ކޮމެންޓް