މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)އިން ލެބޯޓަރީގައި ބޭނުންކުރާ އިކުއިޕްމަންޓް ޓެސްޓުކޮށް ކެލިބަރޭޓްކޮށްދިނުމުގެ ޚިދުމަތް މިއަދު ތައާރަފުކޮށްފިއެވެ.
މި ޚިދުމަތް ތައަރާފްކޮށްދެއްވީ އެ ކަމަަށް ޓަކައި ބޭއްވި ޚާއްސަ ހަފުލާއެއްގައި، ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަނެވެ.
ހަފުލާގައި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ޙަސަން ޝާހާއި، ބޯޑް ޑިރެކްޓަރުންގެ އިތުރުން އެ ކުންފުނީގެ މެނޭޖްމަންޓާއި މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.
މި ޚިދުމަތުގެ ސަބަބުން ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއް ގޮތަށް ލެބް އިކުއިޕްމެންޓްތަކުގައި ކޮންމެހެން ހުރުން ލާޒިމް ކަންކަން ހުރިތޯ ޔަގީން ކުރެވޭނެއެވެ. އަދި އެ އިކުއިޕްމަންޓުތަކުން ހަދާ ޓެސްޓުތަކުން ލިބޭ ނަތީޖާއަކީ އެންމެ އިތުބާރު ހިފޭ ނަތީޖާއަކަަށް ވުމުގެ ޔަގީންކަން ވެސް އިތުރުވާނެއެވެ.
ހަފުލާގައި ވާހަކަދައްކަވަމުން ޝާހްވަނީ އަލަަށް ތައާރަފުކުރި މި ޚިދުމަތަކީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޔުޓިލިޓީ ޚިދުމަތް ދެމުން އަންނަ ކުންފުނިތަކުން، ފޯރުކޮށްދޭ ފެނާއި ނަރުދަމާ ޚިދުމަތްތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް މުހިންމު ޚިދުމަތެއްކަމަށް ވިދާޅުވެފައެވެ.
މި ހަފުލާގައި މިނިސްޓަރު ޑރ. ހުސައިން ރަޝީދު ވިދާޅުވީ މި ޚިދުމަތަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އެގޮތުން އިންސާނުން ބޯން ބޭނުންކުރާ ފެން ތަހުލީލުކޮށް، ފެނުގައި ހުންނަ މިންގަނޑުތައް ކަށަވަރުކުރުމުގައި ބޭނުންކުރާ އިކުއިޕްމަންޓު ރަނގަޅުތޯ ބެލުން މުހިންމު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"ހަގީގަތުގައި މި ބޯ ފެނަކީ ސިއްހީ ގޮތުން ރައްކާތެރި ފެނެއްހޭ. އެ ކަށަވަރުކަން ޔަގީންކޮށްދޭ، ކަށަވަރުކަން އެ ޔަގީނާ އެއްވަރަށް އޭނައަށް ލިބިދޭ ކަމަކީ މެޝިންތައް ކެލިބަރޭޓްކޮށް ބަލަހައްޓައި ބެލެހެއްޓުން. އެހެންވީމާ ދޭތެރެ ދޭތެރެއިން އެބަޖެހޭ މި މެޝިންތައް ކެލިބަރޭޓް ކުރަން. އެ ކެލިބަރޭޓްކުރަން ގެންދާނެ އެހެން ތަނެއް ރާއްޖެއަކު ނެތް މިހާރު. އެހެންވީމާ މިއަދު މި ފެށޭ ޚިދުމަތުގެ ސަބަބުން އިރާދަކުރެއްވިއްޔާ އެ ޚިދުމަތް، އެ ޚިދުމަތް ދޭ ހުރިހާ އެންމެންނަށް ލިބިގެންދާނެ،" މިނިސްޓަރު ވިދާޅުވިއެވެ.
އެމްޑަބްލިއުއެސްސީން މި ޚިދުމަތް ފޯރުކޮށްދޭނީ އެ ކަމުގެ ތަޖުރިބާ ހުރި ދިވެހި މުވައްޒަފުންނާއެކުގައެވެ.
ފަސޭހަކަމާއެކު ޚިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން، މި ޚިދުމަތް ފޯރުކޮށްދޭ އިކުއިޕްމެންޓްތަކާއި ޕެރެމީޓަރުތަކުގެ ތެރެއިން ކަސްޓަމަރު ބޭނުންވާ ގޮތަށް ޕެކޭޖް ތައްޔާރުކުރެވޭނެއެވެ.
ލެބް އިކުއިޕްމަންޓް ކެލިބަރޭޝަން ޚިދުމަތް އެމްޑަބްލިއުއެސްސީ ޝޯރޫމަށް ދިޔުމުން ނުވަތަ އެ ކުންފުނީގެ ޝޯރޫމްގެ ހޮޓަލްއިނާ ގުޅައިގެން ލިބޭނެ ގޮތް ހަމަޖެއްސޭނެއެވެ.