ޕީޕީއެމާއެކު ކޯލިޝަން ހަދަން ސިޔާމާއި ގާސިމާއި ނަޝީދަށް ދައުވަތު ދީފި

މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު، ކުރީގެ ރައީސް ޔާމިން އަބްދުލްގައްޔޫމާ އެކު -- ފައިލް ފޮޓޯ/ ރައީސް އޮފީސް

މި އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި އެކުގައި މަސައްކަތް ކުރެއްވުމަށް، އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދާއި، އެމްޑީއޭގެ ރައީސް އަދި ދ. މީދޫ ދާއިރާގެ މެންބަރު އަޙުމަދު ސިޔާމް މުޙައްމަދާއި ޖުމްހޫރީ ޕާޓީގެ ރައީސް އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމަށް، ޕީޕީއެމުން ދައުވަތު ދީފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ދަރަނި ރީސްޓްރަކްޗާ ކުރުމާ ބެހޭ ގޮތުން ވާހަކަދައްކަވަމުން މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު (ޓޮމް) ވަނީ މި އަހަރުގެ އިންތިޚާބުގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ނޫން ގޮތެއް ހޯދަން ޖެހޭ ކަމަށް ވިދާޅުވެ، އެ ޕާޓީތަކުގެ ލީޑަރުންނަށް ދައުވަތު އަރުވައިފައެވެ. އޭނާ ވިދާޅުވީ ރަނގަޅު ގޮތަކީ ޕީޕީއެމާ އެކު މަސައްކަތް ފެށުން ކަމަށެވެ.

މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގު (ޓޮމް) --- ފޮޓޯ/ މަޖިލިސް

ތޯރިގު އެންމެ ފުރަތަމަ ފާހަގަކުރެއްވީ ސިޔާމްގެ ނަންފުޅެވެ. އޭނާ ވިދާޅުވީ ސިޔާމަކީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވަރަށް އަރިސް ބޭފުޅެއް ކަމަށާއި އެމްޑީއޭއިން މި އަހަރުގެ އިންތިޚާބުގައި ޕީޕީއެމާ އެކު މަސައްކަތް ކުރަން ދައުވަތު ދޭ ކަމަށެވެ.

ޔާމީންގެ ސަރުކާރުގައި ވެރިކަން ނިމެންދެން ކޯލިޝަން ޕާޓުނަރެއްގެ ގޮތުގައި އެމްޑީއޭއިން ދެމި އޮތެވެ. އެކަމަކު، ފަހުން ވަނީ ކޯލިޝަން އުވާލައިފައެވެ.

އެއަށް ފަހު ތޯރިގު ވަނީ ޖުމްހޫރީ ޕާޓީއަށް ވެސް މި ފަހަރުގެ އިންތިޚާބުގައި ޕީޕީއެމާ އެކު ކޯލިޝަން ހެދުމަށް ދައުވަތު ދެއްވާފައެވެ. އެގޮތުން، މަޖިލީސް އިންތިޚާބެއްގައި އެ ޕާޓީއާއެކު މަަސައްކަތް ކުރީ ހަމައެކަނި ޕީޕީއެމުންކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ އެމްޑީޕީއާ ކޯލިޝަން ހެދި ކޮންމެ ފަހަރަކު ވެސް ޖުމްހޫރީ ޕާޓީއަށް ލިބިފައި އޮތީ ލަނޑެއް ކަމަށެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި ނަޝީދު އެކައްޗެއް ކިޔުއްވައިގެން ނުކުންނަވައިފި ނަމަ ރައީސް ޞާލިޙަށް އިންތިޚާބުން ލިބިވަޑައިގަންނަވާނީ ތިން ވަނަ ކަމަށް ތޯރިގު ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބަށް ވަގުތު ކުޑަތަން ވަމުން އަންނައިރު، ކުރިމަތިލައްވާނެކަން އިއުލާނު ކުރައްވާފައިވާ ރިޔާސީ ކެންޑިޑޭޓުން ގެންދަވަނީ ކޯލިޝަން ހެދުމުގެ މަސައްކަތް އެކި ސިފަސިފައިގައި ކުރައްވަމުންނެވެ.

comment ކޮމެންޓް