73 އަހަރުގައި ދެ ލައްކަ ރުފިޔާ އެކައުންޓުން ގެއްލި، ގޮތްހުސްވެއްޖެ!

ރަށެއްގައި ދުވަސްވީ މީހަކާއި ކުޑަ ދެ ކުދިން ހިނގާފައި ދަނީ: އިންނަމާދޫ ދުވަސްވީ ވިޔަފާރިވެރިއެއްގެ އެކައުންޓުން މިވަނީ ދެ ލައްކައަށް ވުރެން ގިނަ ރުފިޔާ ފޭރިފައި-- ސަން ފައިލް ފޮޓޯ

އުމުރުން 73 އަހަރުގެ އެ ވިޔަފާރި ވެރިޔާ މިހާރު އޮތްތަނުން ތެދުވަނީ ވަރަށް ހާލުންނެވެ. އަބަދުމެ ރޮވެނީއެވެ. އޭނާއަށް ނޭނގި، އޭނާގެ އެކައުންޓުން ބަޔަކު 203،999.94 ރުފިޔާ ވަގަށް ނަގާފައިވާތީއެވެ. މިކަމުގެ ސަބަބުން ރ. އިންނަމާދޫގެ ވިޔަފާރިވެރިޔާ، މުހައްމަދު ނަސީރު (ނަސީރުބޭ) ވަނީ ގޮތްހުސްވެފައެވެ.

ނަސީރުބޭއަކީ އިންނަމާދޫގައި ވަރަށް ފުޅާކޮށް ވިޔަފާރި ކުރާ މީހެކެވެ. އެތައް އަހަރެއް ވެއްޖެއެވެ. ކާބޯތަކެތިން ފެށިގެން ހާޑްވެއާ ސާމާނަށް ދާންދެން އޭނާ ވިއްކައެވެ. ބޭންކުގައި ފައިސާ ބަހައްޓާފައި ހުންނަނީ މާލޭ ފިހާރަތަކުން މުދާ ގަތުމަށެވެ. މުދާ ގަންނަން ބަހައްޓާފައި ހުރި ދެ ލައްކައަށް ވުރެން ގިނަ ރުފިޔާ ފޭރުމާއެކު މުޅި ވިޔަފާރި ވަނީ ހުއްޓުމަކަށް އައިސްފައެވެ.

ނަސީރުބޭގެ އެކައުންޓުގައި ހުރި ހުރިހާ ފައިސާތަކެއް ފޭރުނުކަން އެނގުނީ މިމަހުގެ 12 ވަނަ ދުވަހުއެވެ. ފައިސާތައް ކަނޑާފައި ހުރީ މިމަހު ނުވަ ވަނަ ދުވަހާއި 10 ވަނަ ދުވަހުގެ އިތުރުން 11 ވަނަ ދުވަހާއި 12 ވަނަ ދުވަހުއެވެ. ކިޔުއާރް ކޯޑް މެދުވެރިކޮށް ފައިސާ ދައްކާ ގޮތަށް، މާލެއާއި ހުޅުމާލޭގެ ތިރީސް ހަތް ފިހާރައަކުން އެތައް ހާސް ރުފިޔާއެއްގެ މުދާ ވަގުން ވަނީ ގަނެފައެވެ. ފައިސާ ކެނޑިކަމުގެ މެސެޖްތައް ވެސް ނަސީރުބޭގެ ފޯނަށް ދިޔައީ އަންނަމުންނެވެ. އެކަމަކު އޭނާއަށް އޮތީ އެކަން ނޭނގިއެވެ. ނަސީރުބޭ ބުނާގޮތުގައި އޭނާގެ ކާޑުގެ މައުލޫމާތެއް ދަރިއަކާ ވެސް ހިއްސާއެއް ނުކުރެއެވެ.

މި ބޮޑު ފޭރުން ހިނގި ކަން ނަސީރުބެއަށް އެނގުނީ ބޭންކުން ގުޅުމުންނެވެ.

"ބޭންކުން ގުޅާފައި ބުނީ ނަސީރުބޭގެ އެކައުންޓުން، ކާޑުން ކަނޑައިގެން މި ތިން ދުވަހުގެ ތެރޭގައި ހާދަ ބޮޑު އަދަދެއްގެ ފައިސާއިން މުދާތަކެއް ގަނެފިއޭ. އަމިއްލައަށްހޭ ބުނީމަ ދެން އަޅުގަނޑު ބެލީ. އެކައުންޓްތައް ބެލިއިރު އެކައްޗެއް[އެއްވެސް ފައިސާއެއް] ނެތް. އެންމެ ލާރިއެއް ވެސް ނެތް އެކައުންޓްގައެއް،" ނަސީރުބެ ކިޔައިދިނެވެ.

އެހާ ހިސާބުން ވެގެން އުޅޭގޮތް ސާފު ކުރުމަށް ބޭންކްގެ ނަމްބަރަށް އެތައް ފަހަރަކު ނަސީރުބެ ގުޅަން މަސައްކަތް ކުރިއެވެ. އެކަމަކު ބޭންކުން ފޯނަށް ޖަވާބު ނުދޭތީ އަވަހަށް ފުރައިގެން އެއަތޮޅު އުނގޫފާރަށް ދިޔައީއެވެ. ގޮސް ބޭންކަށާއި ފުލުހުންނަށް މައްސަލަ ހުށަހެޅުމުން ލިބުނީ ހިތްދަތި ޖަވާބެކެވެ. ނަސީރުބޭ ބުނިގޮތުގައި ބޭންކުން ކުށްވެރިކުރީ އޭނާއެވެ.

"އަޅުގަނޑުގެ ހަތަރު ދަރިންނާއި އަޅުގަނޑު ދިޔައީ. ދިޔައީމަ ބޭންކްގެ ސްޓާފް ބުނީ ކިހިނެއްހޭ ހޯދާނީ. ކަލޭމެންގެ އިހުމާލުންނޭ ތި ގެއްލިފައި އޮންނާނީ. ކަލޭމެން ކޮންމެވެސް ތަނަކަށް ވަދެގެންނޭ. ނޫނީ ކޮންމެވެސް އެއްޗަކަށް [ލިންކަކަށް] އޮބާލައިގެންނޭ[ފިތައިގެން]. އަޅުގަނޑު ބުނިން އަޅުގަނޑު ގެންގުޅެނީ ފިތާ ފޯނެއް [ސްމާޓް ފޯނެއް] ނޫނޭ،" ނަސީރުބޭ ކިޔައިދިނެވެ.

އެހާ ހިސާބުން އިންސާފު ހޯދުމުގެ މަސައްކަތް ފެށީ ނަސީރުބޭގެ އުފަން ދަރިންނާއި ކާފަ ދަރިން ގުޅިގެންނެވެ. އެގޮތުން ތިރީސް ހަތް ފިހާރައިން ނަސީރުބޭގެ ކާޑުން ވިޔަފާރި ކޮށްފައި ހުރިކަން އިންޓަނެޓް ބޭންކިންއިން އެނގުމުން އެ ފިހާރަތަކަށް ގުޅައިގެން ވިޔަފާރި ކުރަން ދިޔަ މީހުންގެ ސީސީޓީވީ ވީޑިއޯއާއި ފޮޓޯތައް ހޯދިއެވެ. އޭގެން ފެންނަނީ ދެ މީހަކު އެކި ފިހާރަތަކަށް ގޮސް ކިޔުއާރް ކޯޑް ބޭނުން ކޮށްގެން ވިޔަފާރި ކުރާ މަންޒަރެވެ.

އެކި މީހުން ކައިރި އަހައިގެން އެ ދެ މީހުން ހޯދައި އެ އާއިލާއިން އެ މީހުންނާ ސުވާލު ކުރިއެވެ. އެ މީހުން އެކަން ކުރާ ގޮތެއް އަހާއަހާވެސް ކިޔައެއް ނުދިނެވެ. އާއިލާއިން ބުނީ ފުލުހުން މިހާރު އެ ދެ މީހުން ހައްޔަރު ކޮށްފައިވާ ކަމަށެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ރޭ ވިދާޅުވީ އިންޓަނެޓް ބޭންކިން އެޕްލިކޭޝަންގައިވާ ކިއުއާރު ކޯޑް ސްކޭން ފީޗާ ބޭނުންކޮށްގެން ދެ ލައްކަ ރުފިޔާގެ ވިޔަފާރި ކުރި މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެ މީހުން ހައްޔަރުކުރީ މިދިޔަ ހޮނިހިރު ދުވަހުއެވެ. އެ މައްސަލައިގައި ހައްޔަރު ކޮށްފައި ވަނީ، އުމުރުން 25 އަހަރުގެ މީހަކާއި 27 އަހަރުގެ މީހެކެވެ. އެ ދެ މީހުންގެ ބަންދަަށް ކްރިމިނަލް ކޯޓުން 15 ދުވަހުގެ މުއްދަތު ވަނީ ދީފައެވެ. އަދި މި މައްސަލަ ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ގެންދަނީ ތަހުގީގު ކުރަމުންނެވެ. އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.

ނަސީރުބޭ ބުނިގޮތުގައި އޭނާގެ ބޭންކް ކާޑުގެ މައުލޫމާތު ދުވަހަކު ވެސް ދަރިއަކާ ވެސް ހިއްސާއެއް ނުކުރެއެވެ. އެހެންކަމުން މާލޭގައި ތިބި ލޯވެސް ނުދެކޭ ބަޔަކަށް އެ މައުލޫމާތު ލިބޭނީ ބޭންކް ތެރެއިން ކަމަށް އޭނާ ތުހުމަތު ކުރެއެވެ. މީހުން ބުރަ މަސައްކަތުން ހޯދާ ފައިސާ މިފަދަ ފޭރުންތަކުން އަތުލައިގަތުމަކީ އިންތިހާއަށް އޭނާ ހިތާމަ ކުރާ ކަމެކެވެ.

ނަސީރުބޭގެ ދަރިފުޅު، އަދި އިންނަމާދޫ ކައުންސިލް މެމްބަރު އައިމިނަތު ސަމާހާ ވިދާޅުވިގޮތުގައި ބޭންކާއި ފުލުހުންނަށް މި މައްސަލަ ހުށަހެޅި ނަމަވެސް މިހާތަނަށް އެއްވެސް ފައިސާއެއް އަނބުރާ ލިބިފައެއް ނުވެއެވެ. މިކަން ހިނގާދިޔަ ގޮތުން މިއީ ބޭންކްތަކުގެ ތެރެއިން ލިބޭ މައުލޫމާތުން ކުރާ ކަމެއް ކަމަށް ސަމާހާ ތުހުމަތު ކުރެއެވެ.

ނަމަވެސް މިފަދަ ފޭރުންތަކުގައި ބޭންކްތަކުގެ ބައިވެރިވުމެއް ވާ ކަމަށް މިހާތަނަށް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. އެފަދަ ތުހުމަތެއް ވެސް ކޮށްފައެއް ނުވެއެވެ.

ބޭންކު އެކައުންޓްތަކުގައި ހުންނަ ފައިސާ ވެރި މީހާއަށް ނޭނގި ފޭރުމަކީ ޒަމާންވީ މައްސަލައެކެވެ. މިފަހުން އަނެއްކާވެސް މިފަދަ މައްސަލަތައް މިވަނީ އިތުރުވެފައެވެ.

ފުލުހުންގެ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރު ހާހެއްހާ ސްކޭމްގެ މައްސަލަތައް އެ އިދާރާއަށް ވަނީ ހުށަހަޅައިފައެވެ. އެ މައްސަލަތަކުގައި ގެއްލުނު ފައިސާގެ އަދަދު ޖުމްލަ 23 މިލިއަނެއްހާ ރުފިޔާއަށް އަރައެވެ. މިއީ ކުޑަ އަދަދެއް ނޫނެވެ. އެކަމަކު ހިތާމައަކީ އެކަން ހުއްޓުވުމަށް މުއައްސަސާތަކަށް ކުރެވުނު އެކަށީގެންވާ ކަމެއް ނެތުމެވެ. އެންމެ ފަހުން މިކަމުން ގެއްލުނު ލިބުނު މީހުން އަމިއްލައަށް އިންސާފު ހޯދަން ނުކުންނަ ހިސާބަށް ކަންކަން ދިޔައީއެވެ. އެކަން އެ ކުރަނީ ސޯޝަލް މީޑިއާގައެވެ.

މިހާތަނަށް އެތައް ހާސް ސްކޭމެއް ހިންގައި އެތައް މިލިއަން ރުފިޔާއެއް ގެއްލިފައިވާއިރު ބޭންކްތަކުން ވެސް އަދި އިދާރާތަކުން ވެސް ބުނަނީ ގާތްގަނޑަކަށް އެއް ވާހަކައެކެވެ. އެއީ މީހުން ލިންކްތަކަށް ފިތާތީ ނުވަތަ ޖީމެއިލްގެ ޕާސްވޯޑްދޭތީ ސްކޭމްތައް ހިންގެނީ ކަމަށެވެ. ކުށްވެރިކޮށްލަނީ މީހާއެވެ. އެހެންކަމުން ދޭތެރެއަކުން ސަމާލުވުމަށް ގޮވާލާފައި ބަޔާނެއް ނުވަތަ ސޯޝަލް މީޑިއާގެ ޕޯސްޓެއް ނެރޭނެއެވެ. އެކަމަކު މިވަރުން ފުއްދާލެވޭކަށް ނެތެވެ. ނަސީރުބޭ ހުރި ހާލުގައި އެތައް ބަޔަކު އެބަތިއްބެވެ.

comment ކޮމެންޓް