ފަތުރުވެރިކަން ތަޖުރިބާކޮށްލުމަށް އިންޑިއާގެ ނޫސްްވެރިންތަކެއް ރާއްޖޭގައި

ރާއްޖޭގައި ތިބި އިންޑިއާ ނޫސްވެރިން --ފޮޓޯ/ އެމްއެމްޕީއާރްސީ

ރާއްޖޭގެ ފަތުރުވެރިކަން ތަޖުރިބާކޮށްލުމުގެ ގޮތުން އިންޑިއާގެ ނޫސްވެރިންގެ ޓީމެއް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ދައުވަތަކަށް ރާއްޖެ އައިސްފިއެވެ.

އެމްއެމްޕީއާރްސީން ބުނީ މި ދަތުރުގައި ބައިވެރިވާ ޓީމުގައި ހިމެނެނީ އިންޑަލްޖް އެކްސްޕްރެސް (އެންއައިއީ)، ދަ ސަންޑޭ ގާޑިއަން، އީޓީ ޓްރެވަލް ވޯލްޑް، ޑައިނިކް ޖަގްރާން ތަމްސީލުކުރާ ނޫސްވެރިންގެ އިތުރުން އިންޑިއާއި، އެމެރިކާއާއި ޔޫރަޕްގެ ނޫސްތަކަށް މަސައްކަތްކޮށްދޭ ފްރީލާންސް ލިޔުންތެރިން ކަމަށެވެ.

މި ޓީމު ރާއްޖެ އައީ ހޯމަ ދުވަހެވެ. މި ދަތުރު ނިންމާލާނީ އަންނަ އާދީއްތަ ދުވަހެވެ. މި ޓީމުގެ ފަސް ނޫސްވެރިންގެ ޓީމު ތިބެނީ އައުޓްރިގާ މޯލްޑިވްސް މާފުށިވަރު ރިސޯޓާއި، ސަން ސިޔާމް އިރުވެލީގައާއި، ވެސްޓް ސޭންޑްސް އުކުޅަސް، ރަންތަރި ގެސްޓްހައުސް އެންޑް ސްޕާ، އަދި ނާލަ ވެލި މޯލްޑިވްސްގައެވެ.

މި ޓީމުން ރާއްޖޭގެ މެހެމާންދާރީއާއި އަގުހެޔޮ ލަގްޒަރީ އޮޕްޝަންތަކާއި ރާއްޖޭގެ ތަފާތު ޚިދުމަތްތައް ތަޖުރިބާ ކުރާނެއެވެ.

އޭގެ ތެރޭގައި ރަށްރަށުގެ އައިލެންޑް ޓުއާތަކާއި ސްނޯކްލިންއަށް ދިއުމާއި، ވޭލް ޝާކާއި މަންޓާ އަދި ވެލާ ޕޮއިންޓްތަކަށް ޒިޔާރަތްކުރާނެއެވެ. މީގެ އިތުރުން ސަންސެޓް ކްރޫޒްތަކަށް ދިއުމާއި، ފިނޮޅުތައް ބަލައިލުމާއި، މުރަކަ އިންދާ އާލާކުރުމުގެ ޕްރޮގްރާމްތަކުގައި ބައިވެރިވާނެއެވެ.

އެމްއެމްޕީއާރްސީން ބުނީ މި ހަރަކާތަކީ، އިންޑިއާ މާކެޓަށް ގެންގުޅޭ ސްޓްރެޓަޖީގެ ދަށުން ކުރިއަށް ގެންދާ ހަރަކާތެއް ކަމަށެވެ.

މި ސްޓްރެޓަޖީ ބިނާކޮށްފައިވަނީ އިންޑިއާގެ މަގްބޫލު ސޯޝަލް މީޑިއާ، އޮންލައިން މީޑިއާ އަދި އެހެނިހެން ކަމާގުޅޭ ޕްލެޓްފޯމްތައް މެދުވެރިކޮށް ރާއްޖޭގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރުމަށް ކަމަށް ވެސް ބުންޏެވެ.

މީގެ އިތުރުން ސަނީ ސައިޑް އޮފް ލައިފްއިން ލިބެން ހުރި ތަފާތު އެކޮމޮޑޭޝަން އޮޕްޝަންތައް ޕްރޮމޯޓްކުރުމަކީ މި ދަތުރުގެ އެއް މަގްސަދެވެ.

އިންޑިއާއަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމެވެ.

މިދިޔަ ޑިސެމްބަރުގެ ނިޔަލަށް އިންޑިއާއިން ރާއްޖެއަށް 241،369 ފަތުރުވެރިން އައިސްފައިވާއިރު، މިއީ އަހަރުގެ މުޅި ޖުމްލަ އެރައިވަލްގެ 14.4 މާކެޓް ހިއްސާއެވެ.

comment ކޮމެންޓް