ބައިޑެެން ޔުކްރެއިނަށް ވަޑައިގަތީ ސިއްރިޔާތުގައި ނަމަވެސް ފަހުވަގުތު އެކަން ރަޝިއާއަށް އެންގެވި

ބައިޑެން ކިޔޭވްގައި ޒެލެންސްކީ އާ ބައްދަލުކުރައްވަނީ

ވޮޝިންޓަން (21 ފެބްރުއަރީ 2023): އެމެރިކާގެ ރައީސް ޖޯ ބައިޑަން އިއްޔެ ކުއްލި ގޮތަކަށް ޔުކްރޭންގެ ވެރިރަށް ކީޔެވްއަށް ވަޑައިގެން އެގައުމުގެ ރައީސް ވްލަދިމީރު ޒެލެންސްކީ އާ ބައްދަލުކުރެއްވީ ސިއްރިޔާތުގައި ކަމަށްވިޔަސް ޔުކްރެއިނަށް ވަޑައިގަތުމުގެ ދެތިން ގަޑީއިރުކުރިން އެކަން ރަޝިއާއަށް އެންގެވިކަމަށް ވައިޓް ހައުސް އިން ބުނެފިއެވެ.

ބައިޑަންގެ ދަތުރުފުޅާ ބެހޭގޮތުން ވައިޓް ހައުސްއިން ބުނެފައިވާގޮތުން ކިޔޭވްއަށް ބައިޑަން ވަޑައިގަންނަވާކަން ރަޝިއާއަށް އެންގީ ޔުކްރެއިނަކީ ރަޝިއާ ހަނގުރާމަކުރަމުންގެންދާ ގައުމަކަށްވާތީ ބައިޑެން ކުރައްވާ ދަތުރުފުޅުގެ ރައްކާތެރިކަން ޔަގީންކުރުމުގެ ބޭނުމުގައެވެ. އެހެންކަމުން އެއީ އޮޅިގެން ދެވިދާނެ ހަމަލާއަކުން ސަލާމަތްވުމުގެ ބޭނުމުގައި ކުރިކަމެއްކަމަށް ވައިޓްހައުސް އިންވަނީ ސިފަކޮށްފައެވެ.

ކިޔޭވްގައި ޒެލެންސްކީ އާ ބައްދަލުކުރައްވައި ބައިޑަން ވިދާޅުވީ އޭނާ ޔުކްރެއިނަށް ވަޑައިގެންނެވީ ޔުކްރެއިނުން އަމިއްލަ ނަފްސުގެ ދިފާއުގައި ރަޝިއާއާ ދެކޮޅަށް ކުރާހަނގުރާމައަށް ހިތްވަރުދިނުމަށް ކަމަށެވެ. ޒެލެންސްކީއާ އެކު ބޭއްވި ބައްދަލުކުރެއްވުމުގައި ބައިޑެންވަނީ ޔުކްރެއިނަށް 500 މިލިޔަން ޑޮލަރުގެ އެހީއާއި ޔުކްރެއިން ސިފައިންނަށް ބޭނުންވާ ބަރު ހަތިޔާރު ފޯރުކޮށްދޭނެކަމަށް ވައުދުވެ ވަޑައިގެންފައެވެ. މީގެއިތުރުން ދަތިކުރުމުގެ އިތުރުފިޔަވަޅުތައް ރަޝިއާއަށް އަޅާނެކަންވެސް ބައިޑެން ހާމަކުރެއްވިއެވެ.

ބައިޑެންއާ ކުރެއްވި މަޝްވަރާތަކުގައި ޒެލެންސްކީވަނީ ބައިޑެންގެ ދަތުރުފުޅުގެ ސަބަބުން ޔުކްރެއިނަށް އިތުރު ހިތްވަރެއް ލިބިގެން ހިނގައްޖެކަން ހާމަކުރައްވާފައެވެ. އަދި އެމެރިކާ ދޭ އެހީތަކަށް ޒެލެންސްކީ ޝުކުރު އަދާކުރެއްވިއެވެ.

މިއީ އެމެރިކާގެ ރައީސްކަމުގައި ހުންނަވައިގެން ބައިޑެން ޔުކްރެއިނަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. މީގެ ކުރިން ބައިޑެންވަނީ އޭނާ އަމިއްލަފުޅު ގޮތުންނާއި އެމެރިކާގެ ނައިބު ރައީސްކަމުގައި ހުންނަވައިގެން ހަ ފަހަރެއްގެ މަތިން ޔުކްރެއިނަށް ވަޑައިގެންފައެވެ.

ބައިޑެން ޔުކްރެއިނަށް ވަޑައިގެންނެވީ ޕޮލެންޑުގެ މަގުންނެވެ. ޕޮލެންޑަށް ވަޑައިގަތީ އެގައުމަށް ކުރަން ހަމަޖެހިފައިވާ ދަތުރުފުޅުގެ ދެދުވަސްކުރިންނެވެ. ޕޮލެންޑަށް ކުރައްވާ ދަތުރުފުޅުގައި ޔުކްރެއިނަށް ވަޑައިގަތުން ނުހިމެނޭކަމަށް ވައިޓް ހައުސްގެ ތަރުޖަމާނު ޖޯން ކާބީ ވަނީ ވިދާޅުވެފައެވެ. ބައިޑެން ޔުކްރެއިނަށް ވަޑައިގަންނަވާކަން އޭނާގެ އަރިސް ބޭފުޅުންނަށާއި ބޮޑީގާޑުންނަށްވެސް އެނގުނީކަމަށްވަނީ އެންމެފަހު ވަގުތުގައެވެ. އެހެންކަމުން ބައިޑެންގެ މިދަތުރުފުޅަކީ ސިއްރިޔާތުގައި ދުރާލައި ރާވައިގެން ޔުކްރެއިނަށް ކުރެއްވި ދަތުރުފުޅެއްކަން މިހާރުވަނީ ހާމަވެފައެވެ.

ބައިޑެންގެ ދަތުރުފުޅުގެ ސިއްރުކަން ހިފެހެއްޓުމުގެ ގޮތުން ބައިޑެން ދަތުރުކުރެއްވީ އެމެރިކާ ސިފައިންގެ ސީ 32 މަރުކާގެ މަތިންދާބޯޓެއްގައެވެ. ސީ 32 ގެ ބޯޓަކީ އެމެރިކާގެ ނައިބު ރައީސާއި ފަސްޓްލޭޑީ އަދި ޚާރިޖީ ވަޒީރުގެ ދަތުރުތަކަށް ޚާއްސަ ބޯޓެކެވެ. އެމެރިކާ ރައީސްގެ ދަތުރުފުޅުތަކުގައި ބޭނުންކުރައްވަނީ އެއާފޯސް ވަން މަތިންދާބޯޓެވެ.

ރަޝިއާއިންވަނީ ބައިޑެންގެ ދަތުރުފުޅަކީ ރަޝިއާއާ ދެކޮޅަށް އެމެރިކާ ހިންގާ އަސްކަރީ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ކަމެއްކަމަށް ސިފަކޮށްފައެވެ. ރަޝިއާގެ ޚާރިޖީ ވަޒީރު މާރިޔާ ޒަޚަރޫވާ ވިދާޅުވިގޮތުގައި އެމެރިކާ އުޅެނީ ޔުކްރެއިނަށް ހެޔޮއެދިގެނެއްނޫނެވެ. އެމެރިކާގެ މަގްސަދަކީ ރަޝިއާގެ ސަލާމަތަށް ނުރައްކާކޮށް އެމެރިކާގެ ހަންފެތުރުމުގައާއި ނޭޓޯ ފުޅާކުރުމުގައި ޔުކްރެއިންގެ ރައްޔިތުން ގުރުބާންކުރުމެވެ.

ޒެލެންސްކީގެ ހިމާޔަތުގައި އެމެރިކާ ގެންގުޅެނީ ޖޯޖިޔާގައި ވެރިކަމުގައި ކުރިން ހުންނެވި ރައީސް މިޚައިލް ސާކާޝްވެލީ ހިމާޔަތުގައިވެސް އެމެރިކާ ގެންގުޅުނު ރޭވުންތައް ކަމަށާއި އެމެރިކާގެ ރޭވުންތައް ޖޯޖިޔާގައި ނާކާމިޔާބުވި ގޮތަށް ޔުކްރެއިންގައިވެސް ނާކާމިޔާބު ވާނެކަމަށް ޒަޚަރޫވާ ވިދާޅުވިއެވެ.

comment ކޮމެންޓް