ހޫނު މޫސުމުގައި ކަރަންޓު ބޭނުންކުރުން އިތުރުވާނެތީ، އިންޑިއާގައި ކަރަންޓު އުފެއްދުން އިތުރުކުރަން އަންގައިފި

އިންޑިއާގެ ނިއުދިއްލީގައި ހުންނަ ކޮލުން ކަރަންޓު އުފައްދާ އިންޖީނުގެއެއް -- ފޮޓޯ/ ރޮއިޓާސް

އިންޑިއާގައި ހޫނު މޫސުމުގައި ކަރަންޓު ބޭނުން ކުރާ މިންވަރު އިތުރުވާނެތީ، އެ ގައުމުގައި ކަރަންޓު އުފައްދާ މިންވަރު އިތުރު ކުރަން ސަރުކާރުން އަންގައިފިއެވެ.

އިންޑިއާގެ އިލެކްޓްރިސިޓީ ގާނޫނުގެ ސެކްޝަން 11ގައި ވަނީ، ކަރަންޓު އުފައްދާ މިންވަރު އިތުރުކުރަން ބައެއް ހާލަތްތަކުގައި ސަރުކާރުން އެ ކުންފުނިތަކަށް އަމުރު ކުރެވޭނެ ކަމަށެވެ.

ރޮއިޓާސް ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އިންޑިއާގެ އިންޓާނަލް ޕަވާ މިނިސްޓްރީން ވަނީ އެގައުމަށް ބޯޓުދެލި އެތެރެކޮށްގެން ކަރަންޓު އުފައްދާ ކުންފުނިތަކަށް ނޯޓިސްއެއް ފޮނުވާފައެވެ.

އެ ނޯޓިސްގައި ވަނީ، އަންނަ މާޗް މަހުގެ މެދުތެރެއިން ފެށިގެން ޖޫން މަހުގެ މެދުތެރެއަށް އެގައުމުގައި ކަރަންޓު އުފައްދާ މިންވަރު އިތުރު ވާނެ ކަމަށެވެ. އެގޮތުން އެންމެ ގިނައިން ކަރަންޓު ބޭނުންކުރާނީ އޭޕްރިލް މަހު ކަމަށާއި އެ ދުވަސްވަރު ކަރަންޓު ބޭނުންކުރާ މިންވަރު 229 ގިގަވަޓްސްއަށް އަރާނެ ކަމަށް އެ ނޯޓިސްގައިވެއެވެ.

އެހެންކަމުން ކަރަންޓު އުފައްދާ ކުންފުނިތަކުން، ފުލް ކެޕޭސިޓީގައި ކަރަންޓު އުފެއްދުމަށް އެ ނޯޓިސްގައި އަންގާފައިވެއެވެ.

އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި އިންޑިއާގެ ގިނަ އިންޖީނުގެތައް ފަހަކަށް އައިސް ފުލް ކެޕޭސިޓީގައި ކަރަންޓު އުފައްދާފައެއް ނުވެއެވެ. އެއީ އެގައުމުގައި އުފައްދާ ބޯޓުދެލި ބޭނުންކޮށްގެން ކަރަންޓު އުފައްދާ ކުންފުނިތަކާ ވާދަކުރަން ދަތިވާތީ ކަމަށް އެ ނޫހުގައިވެއެވެ.

އިންޑިއާއަށް ބޯޓުދެލި އެތެރެކޮށްގެން ކަރަންޓު އުފައްދާ އިންޖީނުގެތައް ހިންގާ ކުންފުނިތަކުގެ ތެރޭގައި އަދާނީ ޕަވާ އާއި ޓާޓާ ޕަވާ ހިމެނެއެވެ. އެފަދަ އިންޖީނުގެތަކުން ޖުމްލަ 17 ގިގަވޮޓްގެ ކަރަންޓު އުފެއްދޭނެއެވެ.

އެ ކުންފުނިތަކުން އެ ނޯޓިސްއަށް އަމަލު ކުރަން ޖެހެނީ އަންނަ މަހުގެ 16އިން ފަށައިގެންނެވެ. މި މުއްދަތު ދީފައި ވަނީ އިތުރަށް ކަރަންޓު އުފައްދަން ބޭނުންވާ ބޯޓުދެލި އެތެރެކުރަން ވަގުތު ދިނުމުގެ ގޮތުންނެވެ.

އެ ގަވާއިދު ހިންގާނީ ޖޫން މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ.

comment ކޮމެންޓް