ކޯލިޝަން ހަދަން އެމްޑީޕީއާ މަޝްވަރާ ކުރަން އަދާލަތު ޕާޓީން ނިންމައިފި

އަދާލަތު ޕާޓީގެ ބައްދަލުވުމެއްގެ ތެރެއިން --- ފޮޓޯ/ އަދާލަތު ޕާޓީ

ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާ ކެނޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލީހަށް ތާއީދު ކުރުމުގެ ކުރިން އެމްޑީޕީއާ މަޝްވަރާ ކުރަން އަދާލަތު ޕާޓީން މިރޭ ނިންމައިފިއެވެ.

ރައީސް ޞާލިޙު ވަނީ މި އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އެ މަނިކުފާނަށް ތާއީދުކުރައްވަން ސަރުކާރު ހިންގާ ކޯލިޝަނުގައި ހިމެނޭ އަނެއް ތިން ޕާޓީ ކަމުގައިވާ ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އާއި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް)އަށް ދައުވަތު އަރުވާ ސިޓީ ފުޅެއް ފޮނުއްވާފައެވެ.

އެކަމާ ގުޅިގެން ގޮތެއް ނިންމުމަށް އަދާލަތު ޕާޓީން ބޭއްވި ކުއްލި ބައްދަލުވުމަކަށް ފަހު އެ ޕާޓީން ބުނެފައި ވަނީ ރައީސް ޞާލިޙަށް ތާއީދުކުރުމުގެ ކުރިން އެމްޑީޕީއާ އެކު އިތުރަށް މަޝްވަރާ ކުރަން ނިންމާފައިވާ ކަމަށެވެ.

އަދާލަތު ޕާޓީން ރައީސް ޞާލިޙަށް ތާއީދުކުރުމުގެ ކުރިން އިތުރު މަޝްވަރާތަކަށް ދާން ނިންމާފައިވާއިރު ރައީސް ޞާލިޙު ގެންދަވަނީ މިހާރު ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ ތާއީދު ހޯއްދެވުމުގެ މަސައްކަތް ކުރައްވަމުންނެވެ.

އެގޮތުން ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމާ ބައްދަލުކުރެއްވުމަށް އެ މަނިކުފާނުގެ ފަރާތުން ވަފުދެއް ވެސް ހޮނިހިރު ދުވަހުގެ ރޭ ވަނީ އދ. އަތޮޅު ސަން އައިލެންޑަށް ވަޑައިގެންފައެވެ.

އެ މަޝްވަރާތަކާ ގުޅިގެން ވެސް މާ ބޮޑު ތަފުސީލެއް ހާމަކޮށްފައި ނުވާއިރު، އެ މަޝްވަރާގައި ބައިވެރިވެވަޑައިގެންނެވި ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދާއިރާގެ މެންބަރު އަދި ރައީސްގެ ކޮއްކޯފުޅު އަލީ ނިޔާޒު ވަނީ މަޝްވަރާތައް ދިޔައީ ހީކުރި ވަރަށް ވުރެ ވެސް ރަނގަޅަށް ކަމަށާއި އުންމީދަކީ ޖުމްހޫރީ ޕާޓީއާއެކު ވެސް ކޯލިޝަން ހެދި މި އިންތިޚާބު އެއްބުރުން ކާމިޔާބު ކުރުން ކަމަށް ވިދާޅުވެފައެވެ.

ކޯލިޝަން ހެދުމުގެ މަސައްކަތް ރައީސް ޞާލިޙް ފައްޓަވާފައިވާއިރު، އެ މަނިކުފާނުގެ ވިސްނުންފުޅަކީ ގިނަ ޕާޓީތައް އެކުލެވޭ ކޯލިޝަނަކާއެކު މި ފަހަރުގެ އިންތިޚާބު ވެސް އެއްބުރުން ކާމިޔާބު ކުރުމެވެ.

comment ކޮމެންޓް