މިވީހާ ދުވަހު އެއީ ވެރިޔާގެ ބައިވެރިޔާއެވެ. އެއް އިރެއްގައި ވެސް ވެރިޔާއެއް ނޫނެވެ. އެއީ، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ސިޔާސީ ގޮތުން ކުރެވިފައި އޮތް ތަޖުރިބާއެވެ. ބޭނުންވި އެއް ހުވަފެން ކުލަނުވި ނަމަވެސް އެއީ ކާމިޔާބު ބޭފުޅެކެވެ.
ސިޔާސީ ދާއިރާގައި ގާސިމަކީ ދެރަ ބޭފުޅެއް ނޫނެވެ. މޮޅު ބޭފުޅެކެވެ. ކާމިޔާބު ލީޑަރެކެވެ.
އާ ގާނޫނު އަސާސީއާއެކު ރާއްޖޭގައި ގާއިމު ކުރެވުނު މަލްޓި ޕާޓީ ޑިމަކްރަސީގެ ތާރީޚުގައި އެންމެ ކާމިޔާބު އެކަކަށް އޭނާ ވާނެއެވެ. މިހާތަނަށް މި ރާއްޖޭގައި އެކުލަވާލި ކޮންމެ ސަރުކާރެއްގައި ވެސް އޭނާގެ ހިއްސާ އޮވެއެވެ. ގާސިމަށް ބައެއް ނާޅާ ވެރިކަން ކުރެވިފައެއް ނެތެވެ. ނުފޫޒެއް އޮތް، ގޮތެއްގައި ހުންނެވި ބޭފުޅެކެވެ. ފާއިތުވި ތިން ރިޔާސީ އިންތިޚާބުގައި ވެސް މޮޅުވީ އޭނާގެ މަދަދާއި އެހީތެރިކަން ލިބުނު ކެންޑިޑޭޓެވެ. މި ފަހަރު ވެސް ސިޔާސީ ވެރިން މަސައްކަތް އެ ކުރައްވަނީ އެ ހިސާބުތައް ޖަހައިގެންނެވެ.
ނިމިދިޔަ މަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރައްވައި، އެ ޕާޓީން ކޯލިޝަން ހެދުމުގެ ބާރު ލިބިވަޑައިގަތުމާއެކު ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ވެސް އެންމެ ފުރަތަމަ ވަފުދެއް ފޮނުއްވީ ގާސިމް އަރިހަށެވެ. އެއީ، ރިޔާސީ އިންތިޚާބަށް އޭނާ މުހިއްމުވާ މިންވަރެވެ.
އެ ޕްރައިމަރީން ނާކާމިޔާބުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ގާސިމް އަރިހަށް މަންދޫބުން ފޮނުއްވައިފައެވެ. އެ މަނިކުފާނު ބޭނުންވާ ސިޔާސީ ނަތީޖާއެއް ސާފުނުވި ނަމަވެސް، އެ ކަމެއް ހާސިލު ކުރައްވަން ވެސް ގާސިމް މުހިއްމީއެވެ. އެއީ، ރާއްޖޭގައި އޮތް އެންމެ ބޮޑު ޕާޓީގެ ލީޑަރުންނަށް އޭނާ މުހިއްމުވީ މިންވަރެވެ.
އެހެންވެ، އޭނާ އަކީ އަދިވެސް ރާއްޖޭގެ ސިޔާސީ މައިދާނަށް މުހިއްމު ބޭފުޅެކެވެ. ސިޔާސީ ހިސާބު ޖަހާއިރު މުހިއްމު އަދަދެކެވެ. އެކަމަކު، ފަހު އިންތިޚާބެއްގައި ވެސް ގާސިމް ހުންނަވާނީ ވެރިޔާގެ ބައިވެރިޔާގެ ގޮތުގައިތޯ މިއީ ސުވާލެކެވެ.
ގާސިމަށްވުރެ ދޮށީ ކެންޑިޑޭޓެއް ނެތް
މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހު އޮންނަ އިންތިޚާބަށް ޕާޓީތަކުން ކުޅިބައި އަތުރާއިރު، އެންމެ ކިލަނބުކޮށް ފެންނާން އޮތީ ޖުމްހޫރީ ޕާޓީއެވެ. މިހާތަނަށް ނިންމާފައި އޮތީ އެންމެ ނިންމުމެކެވެ. އެއީ، އިންތިޚާބުގައި އެ ޕާޓީން ވާދަކުރާނެ ކަމެވެ. އެ ނޫން އެއްވެސް، ނިންމުމެއް ނިންމައިފައެއް ނެތެވެ.
އެ ޕާޓީން ވަކި ކެންޑިޑޭޓެއް ނެރޭނީތޯ، ނުވަތަ ގުޅިފައިވާ އިއްތިހާދެއްގެ ކެންޑިޑޭޓެއް ނެރޭނީތޯ އަދި ނުނިންމައެވެ. އެކަން ނިންމާނީ މި މަހު 24،25 ގައި އޮންނަ އެ ޕާޓީގެ ކޮންގްރެހުންނެވެ.
މިހާތަނަށް މި އިންތިޚާބުގައި ވާދަކުރައްވާނެކަން އިއުލާނު ކުރައްވާފައިވަނީ:
- އެމްޑީޕީ - ރައީސް އިބްރާހިމް މުހައްމަދު ޞާލިހް
- ޕީޕީއެމް - ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް (މިނިވަންވެ ވަޑައިގެންފި ނަމަ)
- އެމްއެންޕީ - މުހައްމަދު ނާޒިމް
- އަމިއްލަ - އުމަރު ނަސީރު
މި ބޭބޭފުޅުންނަށް ވުރެ ސިޔާސީ ގޮތުން ގާސިމް މާ ދޮށްޓެވެ. އޭނާ ހުންނެވީ ވެރިކަމަށް ފައްކާވެފައެވެ. ތިންވަނަ، ފަހު އިންތިޚާބުގައި އޭނާ ކޮންމެހެން ވާދަކުރައްވަން ޖެހެއެވެ. އޭނާގެ ސަޕޯޓަރުން އެދެނީ އެގޮތެވެ. ދެން ތިއްބެވީ އޭނާގެ ފަހަތަށް އަރުއްވަން ޖެހޭނެ ބޭފުޅުންނެވެ. އެ ބޭފުޅުންގެ ފަހަތަށް ގާސިމް އަރަން ޖެހޭ ސަބަބެއް ނެތެވެ.
އަށާރަ ހާހެއްހާ މެންބަރުން ތިބޭ ޖުމްހޫރީ ޕާޓީގެ ތަރުޖަމާނު އަލީ ޞާލިހް ވިދާޅުވި ގޮތުގައި އެ ޕާޓީގެ އާންމު މެންބަރުންނާއި މުޅި ޕާޓީ ވެސް އެދެނީ ގާސިމް އިންތިޚާބުގައި ވާދަކުރެއްވުމަށެވެ. އެކަމަކު، ނިންމުމެއް ނިންމާނީ މި މަހު އޮންނަ އެ ޕާޓީގެ ކޮންގްރެސްގައެވެ.
"ޕާޓީގެ އަސާސީ ގަވާއިދުވެސް، ޕާޓީވެސް، ކައުންސިލް މެންބަރުން ވެސް، އާންމު މެންބަރުން ވެސް އެބަ އެދޭ [ގާސިމް ވާދަކުރައްވަން]، އެހެންނަމަވެސް ޕާޓީގެ ލީޑަރު އެ ވިދާޅުވަނީ ޕާޓީގެ ގައުމީ ޖަލްސާއަކުންނޭ ނިންމަވާނީ،" އޭނާ ވިދާޅުވިއެވެ.
ސަރުކާރުގެ ޒިންމާދާރު މިނިސްޓަރީތައް ހިންގެވުމާއި، ގާނޫނު އަސާސީ ހަދަން އެކުލަވައިލި ހާއްސަ މަޖިލީހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމާ މިއީ ގާސިމް އަދާކުރެއްވި މުހިއްމު މަސްޢޫލިއްޔަތެވެ. ޑިމަކްރަސީ ގެނައުމުގެ މަސައްކަތާ ހަމައިން މަންޒަރުން ނުގެއްލި ހުންނެވި ގާސިމަށް މި އިންތިޚާބު ހާއްސައެވެ. އެކަން އޭނާއަށް ވެސް އެނގޭނެތާއެވެ.
އެމްޑީޕީ ދެފަޅި: ގާސިމަށް އެއްފަޅި؟
އެކަތި ނުވެވޭ ވަރަށް އެމްޑީޕީ އޮތީ ބައިވެފައެވެ. ހަމަ ނޫނަސް ދެ ފަޅިވެފައެވެ. ނަޝީދާއި އެ މަނިކުފާނުގެ "ފިކުރެއްގެ ދިރުން" ހަރަކާތުގެ މެންބަރުންނަށް ރައީސް ޞާލިހް ކަމުނުދާއިރު، ރައީސަށް ތާއީދުކުރައްވާ މެންބަރުންނަށް އެއްގޮތަކަށް ނަޝީދެއް ވެސް ކަމަކު ނުދެއެވެ. ކުޑައިރުގެ ދެ އެކުވެރިން ތިއްބެވީ އެކުނުވެވޭ ވަރަށް ދުރުވެ، ރުޅި ހަދައިގެންނެވެ.
މިއީ ގާސިމަށް ލިބޭ މޮޅެކެވެ. ރާއްޖޭގައި އޮތް އެންމެ ބޮޑު ޕާޓީ ދެފަޅިވެ، ނަޝީދަށް ތާއީދު ކުރައްވާ އެތައް ހާސް މެންބަރުންނެއް ތިބީ ރައީސް ޞާލިހް ނޫން އެހެން ކޮންމެ ލީޑަރެއް ބަލައިގަންނަން ތައްޔާރަށެވެ. އިދިކޮޅު ލީޑަރު ޔާމީނަށް ތާއީދު ކުރުމަށް ވުރެ އެ ހަރަކާތުގެ މެންބަރުންނަށް ވެސް ފަސޭހަ ވާނީ ގާސިމާއެކު ކުރިއަށްދާށެވެ.
އެ ހަރަކާތަށް މެންބަރުންގެ ސޮއި ހޯދަން ނަޝީދު އުޅުއްވާއިރު، އެ މަނިކުފާނު އިންތިޚާބުގައި ގޮތެއް ނިންމަވާނީ އެ އަދަދުތަކަށް ބައްލަވައިފައެވެ. ފެންނަން އޮތް ތާއީދުން، ރިޔާސީ ރޭހުގައި ނަޝީދުގެ ނަންފުޅު އޮންނަ ތަނެއް ނުފެނެއެވެ.
އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވި ގޮތުގައި ނަޝީދު މިހާރު އެ ކުރައްވާ މަސައްކަތަކީ، އެ މަނިކުފާނު ވިދާޅުވި ގޮތެއް ހައްދަވާނެ މެންބަރުން ހޯދުމެވެ. ވީހާލެއްގައި ވާން އެ މަނިކުފާނާއެކު ތިއްބެވީ މުޅި ރާއްޖޭން ވެސް ކިތައް މީހުންތޯ "ފިކުރެއްގެ ދިރުން" ހަރަކާތުން ސާފުވެގެން ދާނެއެވެ.
"އެ ކުރައްވާ ކަމަކީ ރައީސް ނަޝީދު ވިދާޅުވާ ގޮތަކަށް އަމަލު ކުރައްވާނެ މެންބަރުންގެ ލިސްޓެއް ހޯއްދަވައިލައްވަނީ، ވިދާޅުވި ގޮތެއް ހައްދަވާނެ މެންބަރުން." އަސްލަމް ވިދާޅުވިއެވެ.
ހިސާބު އަދަދަށް ބައްލަވައިގެން އެފަދަ ނިންމެވުންތައް ނިންމަވައި ނަޝީދު މި އިންތިޚާބާ މެދު ގޮތެއް ނިންމާނީ އެ މަނިކުފާނުގެ ހަރަކާތަށް ލިބޭ ތާއީދުން ނަންބަރު ޖައްސަވައިގެންނެވެ. މި އިންތިޚާބުގައި ނަޝީދު ގާސިމްގެ ފަހަތަށް ނާރާނޭ ނުދެންނެވޭނެއެވެ. ޔަގީން ކަމާއެކު ރައީސް ޞާލިހާއި ޔާމީންގެ ފަހަތްޕުޅަށް ނާރުއްވާނެ ކަމަށް ވިދާޅުވި ނަޝީދު ގެންދަވަނީ އިންތިޚާބަށް ނުކުތުމަށް އެކިއެކި ގޮތްގޮތުން ގާސިމަށް ވިސްނައިދެމުންނެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި ވެރިކަމުގެ ހުވަފެން ދެކޭ ގާސިމަށް މި އަހަރުގެ ރިޔާސީ އިންތިޚާބަކީ "ރަނުގެ ފުރުސަތެ"ކެވެ. އަދި، ރައީސާއެކު ކޯލިޝަނެއް ހައްދަވައިގެން ގާސިމް ވާދަނުކުރައްވާނެކަން ސަތޭކަ ޕަސެންޓު ޔަގީންވާ ކަމަށް ނަޝީދު ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.
"އިބޫ ފަހަތަށް ގާސިމް އަރާނެ އެއް ގޮތެއް ވެސް ނެތް... ތިޔަ ބޭފުޅުން ރައީސް އިބޫއަށް އޮޅުވާލައި ވާވެއްދީ. ތިޔަ ބޭފުޅުން ސަނާ ކިޔަސް މީހުން ދެކޭ ގޮތް ވަރަށް ތަފާތު. އަދި، މިއީ ގާސިމްގެ ރަނުގެ ފުރުސަތު." އެ މަނިކުފާނު ވިދާޅުވިއެވެ.
ސިޔާސީ ގޮތުން އެއްޗެއް ހަލާކު ކޮށްލަން އެންމެ މޮޅު އުކުޅަކީ އެ އެއްޗެއް ތެރެ ހަރާބު ކޮށްލުމެވެ. މިއީ ނަޝީދު އަބަދުމެ ގެންގުޅުއްވި ސިޔާސަތެކެވެ. ރައީސް ޞާލިހާ ދެކޮޅުވެރިވުމަށް ފަހު، އެންމެ ފުރަތަމަ މަސައްކަތް ކުރެއްވީ ސަރުކާރު ބައިބައި ކޮށްލެވޭނެ މަގަކުންނެވެ. އެގޮތުން، ރިޔާސީ ރޭހަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ނެރެން އެ މަނިކުފާނު މަސައްކަތް ކުރެއްވިއެވެ. އެކިއެކި ގޮތްގޮތުން އޭނާއަށް އެ ދައުވަތު އެރުވިއެވެ. ޝާހިދު އެކަން ގަބޫލުނުކުރެއްވީއެވެ.
އެކަން ނާކާމިޔާބުވެ، ޕްރައިމަރީ ވެސް ނާކާމިޔާބުވުމުން ދެން އެ މަނިކުފާނު މިހާރު މަސައްކަތް ކުރައްވަނީ ކޯލިޝަންގެ އެންމެ މުހިއްމު ޕާޓްނަރު ގާސިމަށް ލޮބީ ކުރައްވައިގެން، އޭނާ އިންތިޚާބަށް ނެރޭށެވެ. ރައީސް ބަލިކުރަން ނަޝީދު ގެންގުޅުއްވާ ފޯމިއުލާ އަކީ އެއީއެވެ.
މި ގޮތަށް ކަން ކުރައްވައި، ފުރަތަމަ ބުރުގައި ވާދަކުރައްވައިގެން ގާސިމަށް ލިބޭނެ ދެރައެއް ނެތެވެ.
ފުރަތަމަ ބުރުގައި ކޯލިޝަން ނުހަދައިން ގެއްލުމެއް ނެތް
މިހާތަނަށް ބޭއްވި ތިން އިންތިޚާބުން ދެ އިންތިޚާބުގައި ގާސިމް ވާދަކުރެއްވިއެވެ. އަދަދުތައް ދެރައެއް ނޫނެވެ. އޭރު އޭނާއަށް ވެރިކަމަށް އެއްވެސް "ޗާންސެއް" ނެތެވެ. އެކަމަކު، މި ފަހަރު ތަފާތެވެ. މި ފަހަރު ހަމަ އެހެން ފަހަރުތަކަށް ވުރެ މާ ފުރުސަތު ބޮޑެވެ.
ގާސިމްގެ މާޒީ ނަތީޖާ:
- 2008 ފުރަތަމަ ބުރު - 27،056 ވޯޓު
- 2013 ފުރަތަމަ ބުރު - 48،131 ވޯޓު
ނަޝީދުގެ ތާއީދާއެކު ނުކުންނަވައިފި ނަމަ މި ފަހަރުގެ އިންތިޚާބުގައި ގާސިމަށް ދެވަނަ ބުރަކަށް ދެވުމުގެ ފުރުސަތެއް އެބަ އޮތެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް ވެސް ނެތް، އަދާލަތާއި އެމްއާރުއެމުން ރައީސް ޞާލިހަށް ތާއީދު ކުރެއްވި ނަމަވެސް، ނަޝީދާއި ގާސިމާ ނުލާ ރައީސަށް މި އިންތިޚާބު ކާމިޔާބެއް ނުވާނެއެވެ.
ވެރިކަމުގެ ބާރުވެރިކަމާއި ޕާޓީގެ ބާރުވެރިކަމާ ލިބި ހުންނަވާ ރައީސަށް އެމްޑީޕީ ތެރޭން 30،000 ވޯޓު ހަމައެއް ނުކުރެއްވުނެވެ. އެއްވެސް ބާރުވެރިކަމެއް ނެތި ނުކުންނެވި ނަޝީދު 15،000އަށްވުރެ ގިނަ ވޯޓު ހޯއްދެވިއެވެ.
މި ރިޔާސީ އިންތިޚާބުގައި 250،000 އެއްހާ މީހުން ވޯޓުލާނެ ކަމަށް އަންދާޒާ ކުރެވެއެވެ. އެހެންވެ، ވެރިކަމަށް ވަޑައިގަތުމަށް 130،000 އަށްވުރެ ގިނަ ވޯޓު ކޮންމެހެން ވެސް ބޭނުންވާނެއެވެ. ޕާޓީ ތެރޭން ލިބިވަޑައިގަތް 25،000 ވޯޓާއެކު ރައީސް ޞާލިހަށް އަދި އިތުރު 100،000 ވޯޓު އާންމު އިންތިޚާބަށް ބޭނުންވާނެއެވެ.
ހަމައެކަނި އަދާލަތާއި އެމްއާރުއެމާއެކު ނަމެއްގައި ކޯލިޝަނެއް ހައްދަވައިގެން އެ އަދަދު ހަމައެއް ނުކުރެއްވޭނެއެވެ. ހާއްސަކޮށް، ނަޝީދު އިދިކޮޅަށް އަރުއްވައިފި ނަމަ، ރައީސަށް އޮތީ މި އިންތިޚާބުގައި އުނދަގޫ ދަތުރެކެވެ.
މި ހިސާބުން އޮތް ސުވާލަކީ ގާސިމަށް މި ހިސާބުތަކުގެ ފައިދާ ނެންގެވިދާނެ ތޯއެވެ. ހަގީގަތަށް ދަންނަވާނަމަ، އެނގޭނީ އިންތިޚާބުންނެވެ. ފުރަތަމަ ބުރެއް ނިމުމުންނެވެ. މިއީ އޭނާއަށް ގެއްލުމެއް ނެތް ފޯމިއުލާއެކެވެ. ރައީސް ޞާލިހް ނޫން ގޮތެއް ހޯއްދަވަން އުޅުއްވާ ނަޝީދު ވެސް އެދިލައްވާނެ ގޮތެވެ. އިންތިޚާބުގެ ފުރަތަމަ ބުރުގައި ނާކާމިޔާބު ވެވަޑައިގެންފި ނަމަ، ދެވަނަ ބުރެއްގައި ކޯލިޝަނެއް ވެސް ހެއްދެވޭނެއެވެ.
އެހެންވެ، 15 އަހަރު ވެރިޔާގެ ބައިވެރިޔާގެ ގޮތުގައި ހުންނެވި ގާސިމަށް މި ފަހަރުގެ ރިޔާސީ އިންތިޚާބަކީ ރަނުގެ ފުރުސަތެކެވެ. އެންމެ ފަހުން، އޭނާ ވެސް ވެރިޔާއަށް ވާން އޮތް މަގެކެވެ. އޭނާ މި ފުރުސަތު ނަގާލައިފާނެ ކަމަކަށް ނުފެނެއެވެ. އިންތިޚާބުގައި ގާސިމް ވާދަކުރައްވާނެއެވެ.