ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވެރިކަމަށް ގެނައުމަށް އެޕާޓީގެ އާންމު މެންބަރުންނާއި އެކްޓިވިސްޓުން ރިޔާސީ ކެމްޕޭން ފަށައިފިއެވެ.
ސެޕްޓެމްބަރު އަށްވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބުގެ ފޯރިގަދަވާއިރު، އެ އިންތިޚާބަށް ގާސިމަށް ތާއީދު ހޯދުމަށް ޖުމްހޫރީ ޕާޓީގެ ބައެއް ކައުންސިލް މެންބަރުން މަސައްކަތް ފައްޓަވައިފިއެވެ. "ގާސިމް2023" ހޭޝްޓެގާއި "ހޯޕް ފޯ ދަ ނޭޝަން" ހޭޝްޓެގާއެކު އެޕާޓީގެ ކައުންސިލް މެންބަރުން ގެންދަވަނީ ޓްވީޓު ކުރައްވަމުންނެވެ.
އެކަމަކު، ގާސިމް އިންތިޚާބުގައި ވާދަކުރައްވާނެކަން އޭނާ ވެސް އަދި ޕާޓީން ވެސް އަދި ރަސްމީކޮށް އިއުލާނުކޮށްފައެއް ނުވެއެވެ.
ރާއްޖޭގައި މިވަގުތު އޮތް ތިންވަނައަށް އެންމެ މީހުން ގިނަ ސިޔާސީ ޕާޓީ، ޖޭޕީގައި 18،000އެއްހާ މެންބަރުން ތިބެއެވެ. ރިޔާސީ އިންތިޚާބާ ގުޅޭ އެޕާޓީގެ ނިންމުންތައް ނިންމާނީ ދެން ބާއްވާ ގައުމީ މަޖިލީހުގެ ޖަލްސާއިން ފާސްކުރާ އެ ޕާޓީގެ ކައުންސިލުންނެވެ.
އެޕާޓީގެ ތަރުޖަމާނު އަލީ ޞާލިހް މިއަދު "ސަން"އަށް ވިދާޅުވީ އެޕާޓީން ރިޔާސީ އިންތިޚާބާމެދު ގޮތެއް ނިންމާނީ އަންނަ މަހު ބާއްވާ ގައުމީ މަޖިލީހުގެ ޖަލްސާއިން ކަމަށެވެ. މިހާތަނަށް އެޕާޓީން ރިޔާސީ އިންތިޚާބާ ބެހޭ ގޮތުން ރަސްމީ އެއްވެސް ނިންމުމެއް ނިންމާފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"ޕާޓީގެ އަސާސީ ގަވާއިދުވެސް، ޕާޓީވެސް، ކައުންސިލް މެންބަރުން ވެސް، އާންމު މެންބަރުން ވެސް އެބަ އެދޭ [ގާސިމް ވާދަކުރައްވަން]، އެހެންނަމަވެސް ޕާޓީގެ ލީޑަރު އެވިދާޅުވަނީ ޕާޓީގެ ގައުމީ ޖަލްސާއަކުންނޭ ނިންމަވާނީ" އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މުޅި ޕާޓީ އެއްކޮށް ވެސް އެދެނީ ގާސިމް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ކަމަށެވެ. އެކަމަކު، އެ ނިންމުން ނިންމާނީ ޕާޓީގެ ކައުންސިލުން ކަމަށް އަލީ ޞާލިހް ވިދާޅުވިއެވެ.
އާ ގާނޫނުއަސާސީ ތަސްދީގުކުރި ފަހުން ބޭއްވި ތިން އިންތިޚާބުގެ ތެރެއިން 2008 އަދި 2013ގެ ރިޔާސީ އިންތިޚާބުގައި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ވާދަކުރެއްވިއެވެ. ނަމަވެސް، ދެވަނަ ބުރަށް ދިއުމަށް ބޭނުންވާ ވަރަށް ދެ އިންތިޚާބުގައި ވެސް ވޯޓު ލިބިފައެއް ނުވެއެވެ.
މިގޮތުން 2013ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ގާސިމަށް 49،131 ވޯޓު ލިބިވަޑައިގަތެވެ.
އެކަމަކު އެ ހުރިހާ ރިޔާސީ އިންތިޚާބެއްގެ ދެވަނަ ބުރުގައި ވެސް ކޯލިޝަން ހެދުމަށް އެންމެ މުހިއްމު ޕާޓީއަކީ ޖުމްހޫރީ ޕާޓީއެވެ. އާ ގާނޫނޫ އަސާސީގެ ދަށުން އުފެދުނު ތިން ސަރުކާރު ވެސް އުފެދުނީ ޖޭޕީގެ ހިއްސާވާ ކޯލިޝަނަކުންނެވެ.