ފައިސާތައް ލޫޓުވާލާއިރު އިދާރާތައް ގަދަ ނިދީގައި!

ފޭރުން އާއްމުވެ، ހައްދުފަހަނަ އެޅިއިރު ވެސް ނުހުއްޓުވޭ-- ސަން ގްރެފިކްސް

އޭނާ ފޭސްބުކަށް ވަންނަވަރަށް ވުރެން ގިނައިން މިހާރު އިންޓަނެޓް ބޭންކިން އެޕްލިކޭޝަނަށް ވަދެވެއެވެ. އިރުއިރު ކޮޅާ ބަލާލެވެނީ އެކައުންޓުން އެއްވެސް ފައިސާއެއް މަދުވެފައިވޭތޯއެވެ. ފޭރުންތައް ގިނަވެ އޭނާގެ ހިތުގައި ބިރުވެރިކަން އުފެދި ބައްޔަކަށްވާ ހިސާބަށް ކަންތައް ވަނީ ގޮސްފައެވެ.

"އަބަދު މި އިވެނީ ނޭނގި ހުއްޓާ އެކައުންޓުން ފައިސާ ގެއްލުނު ވާހަކަ. މުޅި އުމުރުގައި މިހާ މަސައްކަތް ކޮށްގެން ހޯދި ފައިސާ ކޮޅު ގެއްލިއްޖެއްޔާ މަ މޮޔަ ވެސް ވެދާނު. އެހެންވެ ހަމަ ހުވާ މަށަށް ހަމަ އިރުއިރު ކޮޅުން އެކައުންޓް ޗެކް ކުރެވެނީ،" ރިސޯޓެއްގައި މަސައްކަތް ކުރާ އަޙްމަދު ސައިފް ކިޔައިދިނެވެ.

މީގެ 40 އަހަރު ކުރިން ބެންކިން ނިޒާމް ރާއްޖެއަށް ތައާރަފް ކުރިއިރު އޭރުގެ ސަރުކާރުން ރައްޔިތުންނަށް ވިސްނައި ދިނީ ގޭގައި ފޮށިފޮއްޓާއި ބާލީސް ދަށުގައި ފައިސާ ބެހެއްޓުމަކީ ރައްކާތެރި ކަމެއް ނޫން ކަމެވެ. އޭރު ބެންކިން ނިޒާމާ ދޭތެރޭ މީހުން އިތުބާރު ނެތުމުން ބެންކް ތަކަށް ފައިސާ ލުމަށް ދެކޮޅު ހެދިއެވެ. ނަމަވެސް ސަރުކާރުން ވިސްނައި ދިނީ ގޭގައި ހުއްޓާ ފޮށި ފަޅައިގެން ފައިސާ ކޮޅު ވަގަށް ނަގާފާނެ ކަމެވެ. އެހެންކަމުން ބެންކަށް އިތުބާރު ކުރިތާ ސާޅީހަކަށް އަހަރު ތެރޭގައި މިހާރު މިދިމާވީ އެހެން މައްސަލައެކެވެ. އެ ނިޒާމާ ދޭތެރޭ އޮތް އިތުބާރު ގެއްލެނީއެވެ.

މި ހާލުގައި އުޅެނީ އެންމެ މީހެއް ދެ މީހެއް ނޫނެވެ. ސޯޝަލް މީޑިއާއަށް ބަލާލުމުން މިހާރު މި ނޫން ވާހަކައެއް ނުފެނެއެވެ. ކޮންމެވެސް މީހަކު އޭނާގެ އެކައުންޓުން ނޭނގި އެތައް ހާސް ރުފިޔާއެއް ނުވަތަ ޑޮލަރެއް ގެއްލިގެން ލިޔެފައި ހުންނަ ޕޯސްޓްތައް އިންތިހާއަށް ގިނައެވެ. ބުރަ މަސައްކަތުން އެއްކުރި ފައިސާތައް ގެއްލި އެ ތިބީ މޮޅީގެ ސާލެއް ލެވިގެންނެވެ.

"ޓްވިޓާއަށް ވަދެވޭ ވަރެއް ނޫން. ހަމަ ބެންކުން ފައިސާ ގެއްލޭ ވާހަކަ ނޫން ވާހަކައެއް ނުފެނޭ. ބިރުގަނޭ މިހާރު،" އަޙްމަދު ސަދޫފް އޭނާގެ ކަންބޮޑުވުން ހިއްސާ ކުރަމުން ބުންޏެވެ.

ގެއްލެނީ ސަތޭކަ ރުފިޔާއެއް ނުވަތަ ދެތިން ހާސް ރުފިޔާއެއް ނޫނެވެ. އެއްކުރި ފައިސާ ކޮޅު އެއްކޮށެވެ. ލައްކައިން ވެސް ބައެއް ފަހަރު މިލިއަނުން ވެސް ގެއްލިފައި އެބަހުއްޓެވެ. މިއީ ކިހާބޮޑު ގެއްލުމެއް ތޯއެވެ. މިވަރު ވެގެންދިޔައިރު ދާއިމީ ހަލެއް ނެތެވެ. މި ސްކޭމްތައް ހިންގަން ފެށީ އިއްޔެއަކު މިއަދަކު ނޫނެވެ. އެތައް އަހަރެއް ވެއްޖެއެވެ. ފުލުހުންގެ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރު ހާހެއްހާ ސްކޭމްގެ މައްސަލަތައް އެ އިދާރާއަށް ވަނީ ހުށަހަޅައިފައެވެ. އެ މައްސަލަތަކުގައި ގެއްލުނު ފައިސާގެ އަދަދު ޖުމްލަ 23 މިލިއަނެއްހާ ރުފިޔާއަށް އަރައެވެ. މިއީ ކުޑަ އަދަދެއް ނޫނެވެ. އެކަމަކު ހިތާމައަކީ އެކަން ހުއްޓުވުމަށް މުއައްސަސާތަކަށް ކުރެވުނު އެކަށީގެންވާ ކަމެއް ނެތުމެވެ. އެންމެ ފަހުން މިކަމުން ގެއްލުނު ލިބުނު މީހުން އަމިއްލައަށް އިންސާފު ހޯދަން ނުކުންނަ ހިސާބަށް ކަންކަން ދިޔައީއެވެ. އެކަން އެ ކުރަނީ ސޯޝަލް މީޑިއާގައެވެ.

ސަމާލުވާށޭ ބުނެ ފުއްދޭކަށް ނެތް!

މިހާތަނަށް އެތައް ހާސް ސްކޭމެއް ހިންގައި އެތައް މިލިއަން ރުފިޔާއެއް ގެއްލިފައިވާއިރު ބޭންކްތަކުން ވެސް އަދި އިދާރާތަކުން ވެސް ބުނަނީ ގާތްގަނޑަކަށް އެއް ވާހަކައެކެވެ. އެއީ މީހުން ލިންކްތަކަށް ފިތާތީ ނުވަތަ ޖީމެއިލްގެ ޕާސްވޯޑްދޭތީ ސްކޭމްތައް ހިންގެނީ ކަމަށެވެ. ކުށްވެރިކޮށްލަނީ މީހާއެވެ. އެހެންކަމުން ދޭތެރެއަކުން ސަމާލުވުމަށް ގޮވާލާފައި ބަޔާނެއް ނުވަތަ ސޯޝަލް މީޑިއާގެ ޕޯސްޓެއް ނެރޭނެއެވެ. އެކަމަކު މިވަރުން ފުއްދާލެވޭކަށް ނެތެވެ.

"ބޭންކްތަކުން ގަބޫލު ކުރަން ޖެހޭ އެ ބެންކްތަކުގެ ހުރިހާ ކަސްޓަމަރުންނަކީ ޕީއެޗްޑީ ނަންގަވައިގެން ތިއްބެވި ބޭފުޅުން ނޫންކަން. އަދި ހޭލުންތެރިކަން ދަށް ބޭފުޅުން ވެސް އުޅޭނެކަން. ފޭސްބުކުން ދޭތެރެއަކުން އަޅުގަނޑަށް ވެސް މެސެޖްކުރޭ ތި އެފްބީ އެކައުންޓްގެ ސެކިއުރިޓީ ދަށޭ. ޓޫ ފެކްޓާ ވެރިފިކޭޝަން ބޭނުންކުރާށޭ ސެކިއުރިޓީ ވަރުގަދަ ކުރަން. ކީއްވެތޯ ބެންކް ތަކަށް އެކަން ނުވާންވީ." ރާއްޖޭގެ އަމިއްލަ ކުންފުންޏެއްގެ ސީއީއޯއަކު ނަން ނުޖަހަން ޝަރުތުކޮށް ވިދާޅުވިއެވެ.

ބޭންކްގެ ތެރެއިން ކަސްޓަރުންގެ ޒާތީ މައުލޫމާތު ލީކް ވާ ކަމަށް ވެސް ތުހުމަތު ކުރެއެވެ. އަދި ބެންކްތަކުގެ ބައެއް މުވައްޒަފުން ސްކޭމްތަކުގައި ބައިވެރިވާ ކަމަށް ވެސް ތުހުމަތު ކުރެއެވެ. މިފަދަ އެތައް ތުހުމަތެކެވެ.

އެކަމާ ގުޅޭގޮތުން ބޭންކް އޮފް މޯލްޑިވްސް އިން ބުނީ ކަސްޓަމަރުންގެ ކާޑުގެ ނުވަތަ ކަސްޓަމަރެއްގެ އެއްވެސް އެހެން މައުލޫމާތެއް ބޭންކް ތެރެއިން އާންމުވެފައި ނުވާ ކަމަށެވެ.

"އެހެން ނަމަވެސް ބައެއްފަހަރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މާޗަންޓުންނާއި އީކޮމާސް މާޗަންޓުންގެ ފަރާތުން ކާޑުގެ މައުލޫމާތުތައް ހާމަކޮށްފައި ހުރޭ. މިގޮތުން އޯގަނައިޒް ކޮށްގެން މާޗަންޓުންގެ ޕޭމަންޓް ސިސްޓަމަށް ވަގަށް ވަދެ ކާޑު މައުލޫމާތު ނަގާ. މިފަދަ ގޮތަށް ކާޑުގެ މައުލޫމާތު އާންމުވާ ހާލަތްތަކުގައި މުޅި ދުނިޔެއަށް ބަލާއިރު އެތައް މިލިއަން ކަސްޓަމަރުންނަށް މީގެ އަސަރުކުރޭ،" ބީއެމްއެލްއިން ބުންޏެވެ.

ބެންކުން ބުނީ ކަސްޓަމަރުން ރައްކާތެރިކުރުމަކީ ބޭންކުން އެންމެ އިސްކަންދޭ ކަމަކަށް ވީހިނދު، ބޭންކުން އަންނަނީ ކާޑުގެ ރައްކާތެރިކަން ކަށަވަރުކޮށް އަދި ކާޑުގެ މައުލޫމާތު ހާމަވެދާނެފަދަ އަމަލެއް ހިނގަމުންދޭތޯ އަބަދުވެސް މޮނިޓާކުރަމުން ކަމަށެވެ.

މަރުކަޒީ ބެންކް، އެމްއެމްއޭއަށް ބަލާއިރު ވެސް މި މައްސަލާގައި އާއްމުން ހޭލުންތެރި ކުރުވުމަށް ސޯޝަލް މީޑިއާ މެދުވެރިކޮށް މަސައްކަތް ކުރާތަން ފެނެއެވެ. ނަމަވެސް އާއްމުންނަކަށް އެވަރަކުން ނުފުދެއެވެ. ޓްވިޓާގައި ހިޔާލު ފާޅުކޮށްފައިވާ މީހުން ގޮވާލަނީ ބޭންކްތަކާ މެދު ކުރެވޭ ތުހުމަތުތައް އެމްއެމްއޭއިން ބަލައި ދިނުމަށެވެ.

"ބޭންކްތެރެއިން މައުލޫމާތު ލީކް ވަނީ ކަމަށް ނޫނީ ބައެއް މުވައްޒަފުން ގުޅިގެން އެކަން ކުރަނީ ކަމަށް ބުނާއިރު އެމްއެމްއޭއިން އެކްޝަންއެއް ނެގުން ވަރަށް މުހިންމު. މި މައްސަލަ މިހާ ބޮޑުވެ ވައިބާ ގުރޫޕުތަކުން ހައްލު ހޯދަން މަސައްކަތް ފަށާ ހިސާބަށް ދިޔައީމަ އެމްއެމްއޭއިން ކަމުގެ ތެރެއަށް ރަނގަޅަށް ވަންނަން ޖެހޭ،" މީހަކު އޭނާގެ ހިޔާލު ފާޅު ކުރަމުން ބުންޏެވެ.

މި ކަމާ ގުޅޭގޮތުން އެމްއެމްއޭގެ ބަހެއް ހޯދަން އުޅެ ވަނީ އަދި ލިބޭގޮތް ނުވެފައެވެ.

ޖަލުން ކުރާކަށް އެނގޭ، ނުހުއްޓުވެނީ ކީއްވެ؟

އެކިއެކި ލިންކްތައް ފޮނުވައިގެންނާއި އެކިއެކި އިދާރާތަކުގެ ނަމުގައި މީހުންނަށް ގުޅައިގެން ފޭރުމުގެ ގިނަ ހަރަކާތްތައް ހިންގަނީ ޖަލުގެ ތެރެއިންކަން އެއީ ފުލުހުން ވެސް ހާމަކޮށްފައިވާ ކަމެކެވެ. އެގޮތުން ފުލުހުންނަށް ހުށަހެޅޭ ސްކޭމް މައްސަލަތަކުގެ ތެރެއިން 90 ޕަސެންޓް ކޯލް އަންނަނީ ޖަލުން ކަމަށް ފުލުހުން ބުނެއެވެ. މިކަން އެނގޭތާ ވެސް އެތައް އަހަރެއް ވެއްޖެއެވެ. އެކަމަކު އަދިވެސް ނުހުއްޓެއެވެ.

އެކިއެކި މައްސަލަތަކުގެ ތުހުމަތުގަޔާއި ހުކުމްތަކުގައި ޖަލުގައި ބަންދުކޮށްފައި ތިބޭ މީހުންގެ އަތަށް ފޯން ލިބުމަކީ ކުށެކެވެ. ނަމަވެސް ކަރެކްޝަންސްގެ އޮފިސަރުން މެދުވެރިކޮށާއި އެހެން ގޮތްގޮތުން ވެސް ގައިދީން ފޯނުތައް ޖަލަށް ވައްދައެވެ. އެކަމެއް ވެސް ނުހުއްޓެއެވެ. ޖަލުގައި ތިބެ ސްކޭމްތައް ހިންގަނީ ވަރަށް މޮޅަށެވެ. ވާނީވެސް އެހެންނެވެ. ޖަލުގައި ކަމެއް ނެތި އެހެން ތިބޭއިރު މޮޅަށް ކުށްކުރަން ރާވަން އެތައް ވަގުތެއް ކުށްވެރިންނަށް ލިބެއެވެ. އެހެންވެ އެ މީހުން ގުޅައިގެން ދައްކާ ވާހަކަތަކުގައި ވަރަށް ބޮޑަށް އަސްލުކަން ސިފަވެއެވެ. މި ހުރިހާ ކަމެއް އިދާރާތަކަށް އެނގެއެވެ. އެކަމަކު ނުހުއްޓުވެއެވެ.

ޖަލަށް ފޯން ވެއްދުން ނުހުއްޓުވުމަކީ ފުރަތަމަ ކަމަކަށް ކަރެކްޝަނަލް ސާވިސް ފެއިލްވުމެވެ. ދެން އަނެއް ކަމަކީ ޖަލުގެ ތެރޭގައި ފޯނު ކުރުން ނުހުއްޓުވި އޮތުމެވެ. ފޯންތަކަށް ރޭންޖް ނުލިބޭ ގޮތަށް ޖޭމަރު ހަރުކުރުމަކީ މިއަދުގެ ދުނިޔޭގައި ވަރަށް ފަސޭހަ ކަމެކެވެ. އޭރަށް އަތުގައި ފޯން އޮތްނަމަވެސް ޖަލުގެ ތެރެއަށް ރޭންޖެއް ނުލިބޭނެއެވެ. އެހެންކަމުން ޖަލުގެ ތެރެއިން އެކުރާ ސްކޭމް ކޯލްތައް އެއްފަހަރުން ހުއްޓުނީއެވެ. ނަމަވެސް އެކި ފަހަރު އެކި ސަބަބުތައް ދައްކައި ޖޭމަރު ހަރުކުރަން ކަރެކްޝަންސްއިން އުޅޭތަނެއް ނުފެނެއެވެ.

އެކަމާ ގުޅޭގޮތުން ސުވާލު ކުރުމުން ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލް އައިމިނަތު ޔުޝްރީން ވިދާޅުވީ އެ ސާވިސްއިން މިހާރު އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން ފްރޯޑް ކޭސްތައް މަދުވާ ކަމަށް ފުލުހުން އަންގާފައިވާ ކަމަށެވެ. އަދި އިތުރަށް ވެސް އެކަން ހައްލު ކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

ޖޭމަރު ހަރުކުރަން ކަރެކްޝަނަލްއިން ބޭނުން ނުވަނީ ކީއްވެގެންތޯ ސުވާލު ކުރުމުން ޔުޝްރީން ވިދާޅުވީ އެއީ ބެސްޓް ސޮލިއުޝަން ނޫން ކަމަށް މުއާސަލާތީ ހިދުމަތް ދޭ ފަރާތްތަކުން ވެސް ބުނާ ކަމަށެވެ.

އެކައުންޓްތަކުން ފައިސާ ހުއްދަ ނެތި އެހެން އެކައުންޓްތަކަށް ފޮނުވުމާއި އޮޅުވާލައިގެން އޮންލައިންކޮށް ވިޔަފާރި ކުރުން ފަދަ ވަގު ހަރަކާތްތައް ފުލުހުންނަށް ނުހުއްޓުވޭ ސަބަބަކީ ވެސް ހައިރާންވާން ޖެހޭ ކަމެކެވެ. މިއަދުގެ ދުނިޔޭގައި އިންޓަނެޓް މެދުވެރިކޮށް އަންނަ ކޮންމެ ސިގްނަލެއް އަންނަ ތަނާއި ފޮނުވިއިރެއް ބަލާލެވެއެވެ. އެކަމަކު ފޭރޭ މީހުން މަދު ފަހަރަކު ނޫނީ އަތުލައިގަނެވޭ ތަނެއް ނުފެނެއެވެ.

އެކައުންޓްތަކުން ފައިސާ ފޭރުމުން އެ މައްސަލަ ފުލުހުންނަށް ހުށަހަޅާ ހިސާބުން ނުދަންނަ ނަމްބަރުތަކުން ގުޅައި އިންޒާރުތައް ދިނުމަކީ ވެސް ހިނގާފައި ހުރިކަންކަމެވެ.

ދެން އޮތީ މިފަދަ މައްސަލަތައް ސީރިއަސްކޮށް ނަގާތަން ނުފެނުމެވެ. ރާއްޖޭގެ އެންމެން ކަހަލަ ގޮތަކަށް އިންޓަނެޓް ބޭނުން ކުރަމުން އަންނައިރު އަދިވެސް ސައިބާގެ ކުށްތައް ހުއްޓުވުމަށް އެންމެ އެކަށީގެންވާ ގާނޫނުތަކެއް ނުހެދެއެވެ. މިހާ ބޮޑު ގެއްލުމެއް އާއްމުންނަށްވާއިރު ގާނޫނާއި ގަވައިދު ނެތުމާއި އެކަން ތަންފީޒު ނުވާތީ މައްސަލަ ސީރިއަސްކޮށް ނުނަގާކަން ހާމަވެއެވެ.

މުޅި އުމުރު ދުވަހު ކުރި ބުރަ މަސައްކަތުން ހޯދި ފައިސާ ގެއްލި އެތައް ހާސް ބަޔަކު ތިބިއިރު އޭގެ ތެރެއިން ގިނަ މީހުންނަށް އިންސާފެއް ނުލިބެއެވެ. ގެއްލުނު ފައިސާއެއް ނުލިބެއެވެ. އާއްމުންވެސް ސަމާލުވާން ޖެހެއެވެ. ލިންކް ތަކަށް ފިތުމާއި ޒާތީ މައުލޫމާތު ދިނުން ހުއްޓާލަން ޖެހެއެވެ. ހަމައެހެންމެ މުއައްސަސާތަކުން ވެސް ނިދިން ހޭލަން ޖެހެއެވެ. ސްކޭމްތަކުގައި ޖެހި ގެއްލުނު އެތައް މިލިއަން ރުފިޔާއެއް އަނބުރާ ނުހޯދި ވުމަކީ މުއައްސަސާތައް ގަދަ ނިދީގައި ތިބި ކަމުގެ ހެއްކެކެވެ.

comment ކޮމެންޓް