އިންޑިއާ އެމްބަސީގައި ހުޅުޖަހަން ގޮވާލި އައްބާސްއަށް ދައުވާކޮށްފި

އައްބާސް އާދިލް ރިޒާ ----

ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުގައި ހުޅުޖަހަން ގޮވާލި މައްސަލައިގައި އިދިކޮޅު ޕީޕީއެމްގެ އެކްޓިވިސްޓް އައްބާސް އާދިލް ރިޒާގެ މައްޗަށް ދައުވާކޮށްފިއެވެ.

ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އައްބާސްގެ މައްޗަށް ދައުވާ އުފުލާފައި ވަނީ ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުގައި ހުޅުޖެހުމަށް ގޮވާލާފައި ވާތީއާއި، މާލޭގެ އެކި ތަންތަނުގައި ހުޅުޖަހައި ހަމަނުޖެހުން ހިންގުމަށް ހިތްވަރު ދީފައިވާތީ ކަމަށް އެ އޮފީހުން ބުންޏެވެ.

ފުލުހުން އައްބާސްގެ މައްސަލަ ބަލަން ފެށީ ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވުމަށް ފަހު 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ އަށްވަނަ ދުވަހު ހިންގި ހަމަނުޖެހުމުގައި އައްޑޫގައި ހުޅުޖެހީ އިންޑިއާގެ އޯޑަރަށް ކަމަށް ވިދާޅުވެ އެކަމުގެ ބަދަލު ހިފުމަށް ގޮވާލައި އޭނާ ޓްވީޓު ކުރެއްވުމުންނެވެ.

އެ ޓްވީޓުގައި އޭނާ ވިދާޅުވީ އެކަމުގެ ބަދަލު އަދި އޮތީ ނުހިފި ކަމަށާއި، ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުގައި ހުޅުޖަހައި އެކަމުގެ ބަދަލު ހިފަން ފަށަން ޖެހޭ ކަމަށެވެ.

ޕީޖީ އޮފީހުން އިތުރަށް ބުނި ގޮތުގައި، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އުފުލި މަނީލޯންޑަރިންގެ ދައުވާގެ ޝަރީއަތް ކުރިއަށް ދިޔަ ގޮތާމެދު ހިތްހަމަ ނުޖެހުން ފާޅުކޮށް، މާލޭގެ އެކި ތަންތަނުގައި ހުޅުޖަހައި ހަމަނުޖެހުން ހިންގުމަށް ސޯޝަލް މީޑިއާ ޕްލެޓްފޯމް "ކްލަބް ހައުސް" ގައި އައްބާސް ވާހަކަ ދައްކާފައިވެއެވެ.

އައްބާސް އާދިލް ރިޒާއަށް ކުރަނީ ދިވެހިރާއްޖޭގެ ގާނޫނުލް އުގޫބާތުގެ ދަށުން ފަނާކޮށްފާނެ ކަމުގެ ބިރު ދެއްކުމުގެ ދައުވާއެވެ. މި ދައުވާ އޭނާގެ މައްޗަށް ސާބިތުވެއްޖެ ނަމަ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

އައްބާސްއަކީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި ރައީސް އޮފީހުގެ ތަރުޖަމާނުކަން ކުރެއްވި ބޭފުޅެކެވެ. އަދި ރައީސް ޔާމީންގެ ވެރިކަމުގައި އޭނާ ވަނީ ކަސްޓަމްސްގެ ކޮމިޝަނަރުކަމާއި ރާއްޖެއިން މެލޭޝިޔާއަށް ކަނޑައަޅާފައި ހުންނަވާ ޓްރޭޑް ރެޕްރަޒެންޓޭޓިވްގެ މަގާމު އަދާކުރައްވާފައެވެ.

comment ކޮމެންޓް