އެމްއެމްސީން ސްކޫލް ކުދިންނަށް ހިންގާ ޖާނަލިޒަމް ޕްރޮގްރާމް ފަށައިފި

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ހިންގާ ސްޓޫޑަންޓް ޖާނަލިޒަމް ޕްރޮގްރާމްގެ ތެރެއިން --- ފޮޓޯ:އެމްއެމްސީ

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ހިންގާ ސްޓޫޑަންޓް ޖާނަލިޒަމް ޕްރޮގްރާމް މިއަދު ފަށައިފިއެވެ.

މި ޕްރޮގްރާމްއަކީ އެމްއެމްސީ އާއި ސުކޫލްތަކުގެ މީޑިއާ ކުލަބްތަކާއި ސުކޫލްތަކުން ނޫސްވެރިކަމުގެ ދާއިރާއަށް ޝައުގުވެރިކަން ހުންނަ ކުދިންނަށް މީޑިއާ ކައުންސިލުން ކުރިއަށްގެންދާ ޕްރޮގްރާމްއެކެވެ.

މީޑީއާ ކައުންސިލުން ބުނީ ސްޓޫޑަންޓް ޖާރނަލިޒަމް ޕްރޮގްރާމްގެ މައިގަނޑު މަގްސަދަކީ ރާއްޖޭގައި ނޫސްވެރިކަން ކުރަން ބޭނުންވާ ވަރަށް ޝައުގުވެރި އާ ޖީލެއް ބިނާކުރުން ކަމަށެވެ. އަދި ތާރީހަށް ބަލާލި ނަމަވެސް ރާއްޖޭގައި މިހާތަނަށް އުފެދިފައި ތިބި ނޫސްވެރިންނަކީ ސުކޫލް ދައުރުން ފެށިގެން ނޫސްވެރިކަން ކުރަމުން އައި މީހުންނަށް ވީ ހިނދު، މައުންސިލުގެ ބޭނުމަކީ ކުރިން އަމަލު ކުރި ގޮތަށް ސުކޫލް ދައުރުން ފެށިގެން އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ތަމްރީން ދިނުން ކަމަށް އެ ކައުންސިލުން ވަނީ ބުނެފައެވެ.

ހަމައެހެންމެ ސުކޫލް ކުދިން ނޫސްވެރިކަމަށް ޝައުގުވެރިކަން ފާޅު ކުރުމާއެކު އެ ކުދިންނަށް ނޫސްވެރިކަމަކީ ކޮބައިކަމާއި ނޫސްވެރިކަމުގެ ދާއިރާގައި ކުރާ މަސައްކަތްތަކަށް ބޮޑަށް ހޭލުންތެރި ކުރުވާ، ކުދިންގެ ޝައުގުވެރިކަން އުފެއްދުމަކީ މި ޕްރޮގްރާމް ހިންގުމުގެ މަގްސަދުތަކުގެ ތެރޭގައި ހިމެނޭކަމެކެވެ.

ސްޓޫޑަންޓް ޖާނަލިޒަމް ޕްރޮގްރާމް ފެށުމުގެ ގޮތުން މިއަދު ބޭއްވި ފުރަތަމަ ތަމްރީނު ސެޝަންގައި އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ގްރޭޑް 11 އަދި 12 ގެ 25 ދަރިވަރަކު ބައިވެރިވެފައިވާއިރު، ކުރިއަށް އޮތް ތަނުގައި މާލޭގެ އިތުރުން ރާއްޖޭގެ ހުރިހާ ރަށަކަށް ދަތުރުކޮށްގެން ވެސް ރަށްރަށުގެ ސްކޫލްތަކުގެ ދަރިވަރުން ޓްރެއިން ކުރުމަށް މި ޕްރޮގްރާމް ހިންގުމަށް ރާވާފައިވާ ކަމަށް ވެސް އެމްއެމްސީން މައުލޫމާތު ދެއެވެ.

މި ޕްރޮގްރާމްގައި ނޫސްވެރިކަމަކީ ކޮބައިކަމާއި ފޮޓޯ ޖާނަލިޒަމް އާއި ސްޓޯރީ ޓެލިންނާއި ނޫސްވެރިކަމުގެ އެތިކްސް ދަރިވަރުންނަށް ކިޔައިދޭނެއެވެ. އަދި، ވީޑިއޯ އާއި ގްރެފިކްސް ކަހަލަ ނޫސްވެރިކަމާ ގުޅޭ ތަފާތު ދާއިރާތަކުން ދަރިވަރުން ތަމްރީނުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

އޭގެ އިތުރުން ޕްރޮގްރާމްގެ ދަށުން ރާއްޖޭގައި ހިންގާ ޓީވީ، ރޭޑިއޯ އަދި އޮންލައިން ނިއުސްރޫމްތަކަށް ދަރިވަރުން ގެންގޮސް، އެ ތަންތަނުގައި މަސައްކަތް ކުރިއަށް ގެންދާ ގޮތް ބަލައިލުމުގެ ފުރުސަތު ވެސް ދަރިވަރުންނަށް ލިބިގެން ދާނެއެވެ.

comment ކޮމެންޓް