ޑީޕޯޓްކޮށްލި އިންޑިއާ މީހާގެ މައްސަލަ ކޯޓުގައި އޮތްކަމަށް ޕީޖީއިން ނުބުނޭ: އިމިގްރޭޝަން

އިމިގްރޭޝަން -- ފޮޓޯ: ޕީއެސްއެމް

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ދައުވާކޮށްފައިވާ އިންޑިއާ މީހާ ޑީޕޯޓްކޮށްލީ އޭނާގެ މައްސަލަ ރާއްޖޭގެ އެއްވެސް ކޯޓެއްގައި އިސްތިއުނާފު ކޮށްފައިވާކަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އަންގާފައި ނުވާތީ ކަމަށް އިމިގްރޭޝަން ޑިޕާޓްމެންޓުން ބުނެފިއެވެ.

ޖިންސީ ނިޔަތެއް އޮވެގެން ކުޑަކުއްޖެއްގެ ގައިގައި އަތްލި ކަމަށް ދައުވާ އުފުލާފައިވާ އިންޑިއާ ރައްޔިތެއް ކަމަށްވާ ރަމޭޝް ސެލްވަމޮނީ ވަނީ މިދިޔަ ޑިސެމްބަރު މަހުގެ އަށް ވަނަ ދުވަހު ރާއްޖެއިން ޑީޕޯޓްކޮށްލާފައެވެ.

އޭނާ ޑީޕޯޓްކޮށްފައި ވަނީ، އޭނާގެ މައްޗަށް ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމުމުން ދައުލަތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވަނިކޮށެވެ. އެހެންކަމުން، ހައި ކޯޓުން މިހާރު ވަނީ އެ މައްސަލަ ބޭރުކޮށްލާފައެވެ.

މިކަމާ ގުޅިގެން އިމިގްރޭޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ މީހާއަކީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ގެނެސްފައިވާ މީހެއް ކަމަށެވެ.

މިދިޔަ ޑިސެމްބަރު މަހު އޭނާ ޑީޕޯޓްކޮށްލުމާ ހަމައަށްވެސް އޭނާގެ މައްސަލަ ހައި ކޯޓުގައި އޮތްކަން ޕީޖީ އޮފީހުން ރަސްމީކޮށް އިމިގްރޭޝަނަށް އަންގާފައިނުވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން އޭނާ ފުރުން މަނާކުރުމުގެ އަމުރެއް ވެސް ކޯޓަކުން ނެރެފައިނުވާ ކަމަށް އެ ބަޔާނުގައިވެއެވެ.

މިކަމާ ގުޅިގެން ޕީޖީ އޮފީހުން "ސަން"އަށް ބުނީ ރަސްމީ ލިޔެކިޔުމަކުން އަންގާފައި ނުވި ނަމަވެސް އަނގަބަހުން އެކަން އަންގާފައި ވާނެކަމަށެވެ. ނަމަވެސް އެ މީހާ ޑީޕޯޓްކޮށްލުމުން ދެން އޭނާއަށް ރާއްޖެއަށް ނޭރޭނެ ކަމަށާއި އޭނާގެ އެއްވެސް ނުރައްކަލެއް ދެން ކުރިމަތި ނުވާނޭ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

comment ކޮމެންޓް