ވިލިމާލޭ ބަހުގެ ޚިދުމަތުން އަގު ނަގަން ފެށި ފަހުން 16،000 މީހުން ދަތުރު ކޮށްފި

ވިލިމާލޭގައި ބަހުގެ ޚިދުމަތުން އަގު ނަގަން ފެށި ފަހުން 16،000 އަށް ވުރެ ގިނަ މީހުން ބަސް ދަތުރު ކުރި --- ފޮޓޯ/ އެމްޓީސީސީ

ވިލިމާލޭގައި ދޭން ފެށި އެމްޓީސީސީގެ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) އިލެކްޓްރިކް ބަހުގެ ޚިދުމަތުން އަގު ނަގަން ފެށި ފަހުން މިއަދަށް ދެ ހަފުތާ ވެފައިވާއިރު މި މުއްދަތުގެ ތެރޭގައި 16،000އަށް ވުރެ ގިނަ މީހުން ބަސް ދަތުރު ކުރި ކަމަށް ތަފާސް ހިސާބުން ދައްކައިފިއެވެ.

ވިލިމާލޭގެ ބަހުގެ ޚިދުމަތުން އަގު ނަގަން ފަށާފައިވަނީ މި މަހުގެ ތިން ވަނަ ދުވަހުން ފެށިގެންނެވެ. އެގޮތުން ކޮންމެ ބަސް ދަތުރަކަށް ފަސް ރުފިޔާ މިހާރު ނަގައެވެ.

އެމްޓީސީސީން "ސަން"އާ ހިއްސާކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން އަގު ނަގަން ފެށި ފަހުން މިދިޔަ ބުދަ ދުވަހާ ހަމައަށް ޖުމުލަ 16،537 މީހުން ވަނީ ބަސް ދަތުރުކޮށްފައެވެ.

ވިލިމާލޭގައި ބަހުގެ ޚިދުމަތުން އަގު ނަގަން ފެށި ފަހުން 16،000 އަށް ވުރެ ގިނަ މީހުން ބަސް ދަތުރު ކުރި --- ފޮޓޯ/ އެމްޓީސީސީ

މި މަހުގެ ތިން ވަނަ ދުވަހު އަގު ނަގަން ފެށި ފަހުން މިދިޔަ ބުދަ ދުވަހާ ހަމައަށް މީހުން ބަސް ދަތުރު ކުރި ވަރު:

  • މި މަހުގެ ތިން ވަނަ ދުވަހު: 1،280 މީހުން
  • މި މަހުގެ ހަތަރު ވަނަ ދުވަހު:1،162 މީހުން
  • މި މަހުގެ ފަސް ވަނަ ދުވަހު: 1،649 މީހުން
  • މި މަހުގެ ހަ ވަނަ ދުވަހު: 998 މީހުން
  • މި މަހުގެ ހަތް ވަނަ ދުވަހު: 1،675 މީހުން
  • މި މަހުގެ އަށް ވަނަ ދުވަހު: 1،557 މީހުން
  • މި މަހުގެ ނުވަ ވަނަ ދުވަހު: 1،378 މީހުން
  • މި މަހުގެ 10 ވަނަ ދުވަހު: 1،267 މީހުން
  • މި މަހުގެ 11 ވަނަ ދުވަހު: 1،304 މީހުން
  • މި މަހުގެ 12 ވަނަ ދުވަހު: 1،583 މީހުން
  • މި މަހުގެ 13 ވަނަ ދުވަހު: 1،450 މީހުން
  • މި މަހުގެ 14 ވަނަ ދުވަހު: 1،234 މީހުން

ބަސް ދަތުރުތައް އެންމެ ފުރަތަމަ ފެށައި ހިލޭ އެ ޚިދުމަތް ދިން ދެ ހަފުތާގައި ޖުމުލަ 36،172 މީހުން ވަނީ ބަސް ދަތުރުކޮށްފައެވެ.

މިހާރު އަގު ނަގައިގެން ދަތުރުކުރަން ފެށި ނަމަވެސް 65 އަހަރުން މަތީގެ މީހުންނަށާއި ތިން އަހަރުން ދަށުގެ ކުޑަކުދިންނަށް އައިޑީކާޑު ދައްކައިގެން އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެންސްޕާއިން ދޫކޮށްފައިވާ ކާޑު ދައްކައިގެން ހިލޭ ދަތުރުކުރެވޭނެއެވެ.

ވިލިމާލޭގައި އިލެކްޓްރިކް ބަހުގެ ޚިދުމަތަށް ހަ ބަސް ބޭނުން ކުރާއިރު އެމްޓީސީސީން ބުނި ގޮތުގައި މީގެން ކޮންމެ ބަހެއްގައި 11 މީހުންނަށް އިށީނދެގެން ތިބެވޭނޭހެން ސީޓު ހަރުކޮށްފައި ހުންނާނެއެވެ. އަދި ހަތަރު މީހުންނަށް ކޮޅަށް ތިބެވޭނެ ޖާގައާއެކު ޖުމްލަ 15 މީހުންނަށް އެއްފަހަރާ މީގެން ބަހެއްގައި ދަތުރުކުރެވޭނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

އާރުޓީއެލް ވިލިމާލެ ބަހުގެ ޚިދުމަތް ކޮންމެ ދުވަހަކު 24 ގަޑިއިރު ލިބޭނެއެވެ. ބަހުގެ ޚިދުމަތް ކޮންމެ ބަސް ހުއްޓިއަކުން ވެސް ފަސް މިނިޓާއި 10 މިނިޓާ ދޭތެރޭގެ ވަގުތުކޮޅެއްގައި ލިބޭނެއެވެ.

ވިލިމާލޭގައި ބަހުގެ ޚިދުމަތުން އަގު ނަގަން ފެށި ފަހުން 16،000 އަށް ވުރެ ގިނަ މީހުން ބަސް ދަތުރު ކުރި --- ފޮޓޯ/ އެމްޓީސީސީ

ބަސް ދަތުރުކުރާ ރޫޓުތައް ކަނޑައަޅާފައި ވަނީ ރައްޔިތުން އެންމެ ގިނައިން ދާންޖެހޭ ސަރަހައްދުތައް ދެނެގަތުމަށްފަހު ކަމަށް އެމްޓީސީސީން ބުންޏެވެ. އެގޮތުން ސްކޫލުތަކާއި، ހޮސްޕިޓަލާއި، ފެރީ ޓާމިނަލް އަދި ބީޗުތައް ހިމެނެއެވެ.

އެމްޓީސީސީން ވިލިމާލޭގައި ބަހުގެ ޚިދުމަތް ދޭން ފަށާފައިވަނީ، އެ ރަށުގައި އިލެކްޓްރިކް ބަގީގެ ޚިދުމަތް މި މަހުގެ ކުރީކޮޅު ފެށުމަށް ތައްޔާރުވަމުން އަންނަކަން މާލޭ ސިޓީ ކައުންސިލުން އިއުލާންކުރި ފަހުންނެވެ.

އެހެންކަމުން މާލޭ ސިޓީ ކައުންސިލުން ވަނީ އެމްޓީސީސީން ވިލިމާލޭގައި ބަހުގެ ޚިދުމަތް ފެށުމުން އެކަމާ ނުރުހުން ފާޅުކޮށް، ބަހުގެ ޚިދުމަތް ފެށި ނަމަވެސް އެ ކައުންސިލުން ދޭން ނިންމައިފައިވާ އިލެކްޓްރިކް ބަގީގެ ޚިދުމަތް ދޭނެ ކަމަށް ބުނެފައެވެ.

ވިލިމާލޭގައި މީގެކުރިން އަމިއްލަ ބައެއް ފަރާތްތަކުން ބަގީގެ ދަތުރުތައް ކުރިނަމަވެސް، ބެޓްރީ ސައިކަލްތައް ގިނަވެ، ބަގީގެ ޚިދުމަތް ވަނީ ހުއްޓުމަކަށް އައިސްފައެވެ.

ވިލިމާލޭގައި އެކަށޭނަ ބަގީގެ ޚިދުމަތެއް ކުރިން ނެތުމަކީ، އެރަށަށް އެކި ބޭނުންތަކުގައި ޒިޔާރަތްކުރާ މީހުންނާއި، ހުކުރާއި ހޮނިހިރު ދުވަހު އެރަށަށް ދަތުރުދާ ވަރަށް ގިނަ އާއިލާތަކެއްގެ ޝަކުވާއެކެވެ.

comment ކޮމެންޓް