އިއާދަކުރުވަނިވި ހަކަތަ ބޭނުންކޮށްގެން ބޯފެން އުފެއްދުމުގެ ނިޒާމެއް ގުޅީފަޅުގައި ގާއިމްކުރަނީ

އިއާދަކުރުވަނިވި ހަކަތަ ބޭނުންކޮށްގެން ސާފު ރައްކާތެރި ބޯފެން އުފެއްދުމުގެ ނިޒާމެއް ގުޅީފަޅުގައި ގާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ އެމްޑަބްލިއުއެސްސީ

އެމްޑަބްލިއުއެސްސީން ކުރިއަށްގެންދާ އިއާދަކުރުވަނިވި ހަކަތަ ބޭނުންކޮށްގެން ސާފު ރައްކާތެރި ބޯފެން އުފެއްދުމުގެ ނިޒާމެއް ގުޅީފަޅުގައި ގާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި އެމްޑަބްލިއުއެސްސީއާއެކު ސޮއިކޮށްފައިވަނީ، ޖަޕާނުގެ ހިޓާޗީ ޒޯސެން ކޯޕަރޭޝަނާއި ރިނިއުބަލް އެނާޖީ މޯލްޑިވްސްއެވެ.

މީރުމާގައި އިއްޔެ ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ އެންވަޔަރަންމަންޓް މިނިސްޓަރު އާމިނަތު ޝައުނާ އާއި ޖަޕާނު ސަރުކާރުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ޓަކެއުޗީ މިޑޮރީއެވެ.

މި އެއްބަސްވުމުގައި އެމްޑަބްލިޔުއެސްސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހުއެވެ. ހިޓާޗީ ޒޯސެން ކޯޕަރޭޝަންގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު މިޔާގީ ޓައިޔޯއެވެ. އަދި ރިނިއުބަލް އެނާޖީ މޯލްޑިވްސްގެ ފަރާތުން ސޮއި ކުރެއްވީ ޗެއާމަން ޑރ. އިބްރާހިމް ނާޝިދެވެ.

މި އެއްބަސްވުމުގެ ދަށުން ގުޅީފަޅުގައި އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ފެން އުފެއްދުމުގެ ނިޒާމު ގާއިމްކުރުމާއި، ނިޒާމު ހިންގުން ހިމެނެއެވެ.

މި މަޝްރޫއުގެ ދަށުން ދުވާލަކު 500 ކިޔުބިކް މީޓަރުގެ ފެން އުފެއްދުމުގެ ގާބިލުކަން ލިބިފައިވާ އާރްއޯ ޕްލާންޓެއް ބަހައްޓާނެއެވެ. އަދި 500 ކިލޯވޯޓްގެ ސޯލާ ޕީވީ ސިސްޓަމެއް ބެހެއްޓުމުގެ އިތުރުން 1،450 ކިލޯވޯޓް ޕަވާގެ ބެޓެރީ އެނާޖީ ސްޓޯރޭޖް ސިސްޓަމެއް އިންސްޓޯލް ކުރާނެއެވެ.

އިއާދަކުރަނިވި ހަކަތަ މެދުވެރިކޮށް ސާފު ރައްކާތެރި ބޯފެން އުފެއްދުމުގެ މިމަޝްރޫޢުއަކީ ޖަޕާނުގެ ސަރުކާރާއި ގްލޯބަލް އެންވަޔަރަންމަންޓް ސެންޓާ ފައުންޑޭޝަނާއި ހިޓާޗީ ޒޯޝެން އަދި ރިނިއުބަލް އެނާޖީ މޯލްޑިވްސްއިން ފަންޑްކޮށްގެން ކުރިއަށްގެންދާ މަޝްރޫޢުއެކެވެ.

އެމްޑަބްލިޔުއެސްސީގެ އަމާޒަކީ މިމަޝްރޫޢުގެ ސަބަބުން އެ ކުންފުނިން ދެމުން ގެންދާ ޔޫޓިލިޓީ ޚިދުމަތް ފޯރިކޮށްދިނުމާއި އޮޕަރޭޝަންތަކުގައި އިޢާދަކުރެވޭ ހަކަތަ ބޭނުންކުރެވޭ މިންވަރު އިތުރު ކުރުމެވެ. އަދި ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ތިމާވެއްޓާ ރައްޓެހި ޓެކްނޮލޮޖީ ތަޢާރަފްކޮށް އީޖާއީ ކުންފުންޏަކަށްވުމެވެެ.

ސަރުކާރުގެ އަމާޒަކީ 2030 ވަނަ އަހަރުގެ ކުރިން "ކާބަން ނެޓް ޒީރޯ އެމިޝަންސް" އަށް ހެދުމެވެ.

އެގޮތުން ސަރުކާރުން އަންނަނީ އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން ގިނަ އިންވެސްޓްމަންޓްތަކެއް ގާއިމްކުރަމުންނެވެ.

comment ކޮމެންޓް