ސުޓޫޑެންޓް ލޯނަށް ކުރިމަތިލުމުގެ ފުރުސަތަ މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަނުން ހުޅުވާލައިފިއެވެ.
އެކަން އިއުލާނު ކޮށްފައިވަނީ އެ މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ޙަސަންއެވެ.
އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިބްރާހިމް ހަސަން ވިދާޅުވީ, މިއަދު ހުޅުވާލާފައި ވަނީ ރާއްޖެ އާއި ރާއްޖެއިން ބޭރުން މަތީ ތައުލީމު ހޯދުމަށް ލޯނަށް އެދުމުގެ 720 ފުރުސަތު ކަމަށެވެ.
"ކުރީ އަހަރަކޭ އެއްގޮތަށް މި އަހަރު ވެސް މި 720 ފުރުސަތު މި ހުޅުވާލަނީ އިދާރީ ފީގެ ގޮތުގައި އެއް ޕަސެންޓް ޗާޖު ކުރުމާއެކު. ދަރިވަރުން ލޯނު ނަގާއިރު ޖުމްލަ ލޯނަށް އަރާވަރު ދަރިވަރުންނަށް އެނގޭނެ. އެ އަދަދު ފަހުން ބަދަލެއް ނުވާނެ," މިނިސްޓަރު ވިދާޅުވިއެވެ.
ސްޓޫޑެންޓް ލޯނަށް އެދި ހުށަހަޅަން ޖެހޭނީ އޮންލައިންކޮށެވެ. ފޯމް ހުށަހެޅުމަށް އޮންލައިން ޕޯޓަލް ތައްޔާރުކޮށްދިނުމުގައި ނޭޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޮލަޖީ(އެންސީއައިޓީ) އިން ވެދިން އެހީތެރިކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.
"މިއަހަރު ވެސް އަޅުގަނޑުމެން ލޯނު މިދެނީ އަޅުގަނޑުމެން އެކުލަވާލާފައިވާ ޓްރެއިނިން ނީޑް ރިކުއާމެންޓްއަށް ފެތޭ ގޮތަށް ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާ އަދި ގައުމަށް މީހުން ބިނާކުރުމަށް ބޭނުންވާ އެކި ދާއިރާތަކަށް މަގުފަހިކޮށްދިނުމަށް," މިނިސްޓަރު ވިދާޅުވިއެވެ.
ވޭތުވެދިޔަ އަހަރުތަކުގައި ޑިމާންޑް އެންމެ ބޮޑު ދާއިރާތަކަށް ޖާގަ އިތުރުކޮށްފައިވާކަން ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ, ޕައިލެޓް ޓްރެއިނިން ހަދަން ބޭނުންވާ މީހުންނަށް 60 ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. މިދިޔަ އަހަރު އެ ދާއިރާއަށް ހުޅުވާލާފައިވަނީ 10 ފުރުސަތެވެ.
ޑިގްރީ ފެންވަރަށް އެމްބީބީއެސް ހެދުމަށް ރާއްޖެއިން ބޭރުން 55 ފުރުސަތު ހުޅުވާލާފައިވާއިރު މާސްޓާސް ފެންވަރުގައި ޕޯސްޓް ގްރެޖުއޭޓް މެޑިސިން ހެދުމަށް ރާއްޖެއިން ބޭރުން 20 ފުރުސަތު ވަނީ ހުޅުވާލާފައެވެ.
"އަޅުގަނޑުމެން މި ދާއިރާތަކުން ފުރުސަތުތައް އިތުރުމިކުރީ ވޭތުވެދިޔަ އަހަރުގެ ތަޖުރިބާއަށް ބަލާފަ އާދަޔާ ޚިލާފަށް ގިނަ ދަރިވަރުން މިދާއިރާތަކުން ލޯނު ހޯދަން ބޭނުންވާތީ," މިނިސްޓަރު ވިދާޅުވިއެވެ.
އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑި ހަމަވާނީ އަންނަ މަހުގެ 15 ވަނަ ދުވަހުގެ 13:30 އަށެވެ.