ފުލުހުންގެ ބެލުމުގެ ދަށުގައި ހުންނަ އެއްވެސް ހެއްކެއް އެ އިދާރާގެ ތެރެއިން ލީކުނުވާނެކަމުގެ ފުރިހަމަ ޔަގީންކަން ފުލުހުން ދީފިއެވެ.
ފުލުހުން މިފަދައިން ޔަގީންކަން ދީފައިވަނީ ފުލުހުންނަށް ތުހުމަތުތަކެއްކޮށް ފިލްމީ ތަރި އާމިނަތު ރިޝްފާ ކޮށްފައިވާ ފޭސްބުކް ޕޯސްޓަކާ ގުޅިގެންނެވެ.
ފުލުހުން ބުނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަ ހެކި ބެލެހެއްޓުމުގައި އަމަލުކުރަނީ ގާނޫނާ އެއްގޮތަށް، ދުނިޔޭގެ އެހެން ގައުމުތަކުގެ ބެސްޓް ޕްރެކްޓިސްއާ އެއްގޮތަށްކަމަށެވެ.
"ފޮރެންސިކްގެ ބެލުމުގެ ދަށަށް ގެނެވޭ ހެއްކެއްގައި ހުންނަ އެއްވެސް މައުލޫމާތެއް ލީކު ނުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން މި ޚިދުމަތަށް އޮވޭ," ފުލުހުން ބުންޏެވެ.
އަދި ފޮރެންސިކް ލެބޯޓްރީގެ މަސައްކަތްތައް ތަރުތީބުކޮށްފައި ހުންނާނީ ޒާތީ މައުލޫމާތު އާންމު ނުވާނެހެން ކަމަށް ވެސް ފުލުހުން ބުންޏެވެ.
ރިޝްފާގެ ފޭސްބުކް ޕޯސްޓުގައިވަނީ މިދިޔަ ނޮވެމްބަރު މަހުން ޑިސެމްބަރާ ހަމައަށް ކޯޓު އަމުރެއްގެ ދަށުން އޭނާގެ ފޯނު އޮތީ ފުލުހުންގެ ބެލުމުގެ ދަށުގައިކަމަށެވެ. އަދި ފޯނުގެ ޕާސްވޯޑު ވެސް ފުލުހުންގެ ފޮރެންސިކް ޓީމުގެ ތިން އޮފިސަރަކަށް ހިއްސާކުރިކަމަށް ވެސް އޭނާ ބުންޏެވެ.
އެހެެންނަމަވެސް އެ ފޯނުގައި ހުރި އޭނާގެ ޒާތީ ފޮޓޯތަކެއް ފުލުހުންގެ ތެރެއިން ލީކުކުރިކަމުގެ ތުހުމަތުކޮށް، މިހާރު އެ ފޮޓޯތައް ސޯޝަލް މީޑިއާގައާއި އެކި ވެބްސައިޓުތަކުގައި ދައުރުކުރަމުން އަންނަކަމަށް އޭނާވަނީ ބުނެފައެވެ.
އޭގެ ސަބަބުން އޭނާއަށް ކުރިމަތިވި ގެއްލުމުގެ ޒިންމާ ނަގާނީ ކާކުތޯ ވެސްވަނީ ސުވާލު އުފައްދައިފައެވެ. ހަމައެއާއެކު ފުލުސް ޔުނީފޯމުގެ ބާރު ބޭނުންކޮށް އެ ފަދަ ކަންކަން ކުރާނަމަ އެ ބަޔަކަށް އިތުބާރުކުރާނީ ކިހިނެއްތޯ ވެސް ވަނީ ސުވާލު އުފައްދައިފައެވެ.