ވެލާނާ އެއާޕޯޓުގެ ޖެޓް އޭޕްރޮން ބޮޑު ކުރުމުގެ މަސައްކަތް ކުރިއަށް

ވެލާނާ އެއާޕޯޓުގައި ޖެޓުތަކެއް-- ފޮޓޯ/އެމްއޭސީއެލް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޖެޓް އޭޕްރޮން ބޮޑު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމްއޭސީއެލް އިން ބުނެފިއެވެ.

"ސަން" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެމްއޭސީއެލްގެ ކޮމިއުނިކޭޝަންސް މެނޭޖާ ޝަމްއާން ޝާކިރު ވިދާޅުވީ އެއާޕޯޓުގެ އޭޕްރޮން ބޮޑު ކުރުމުގެ މަސައްކަތް އެމްޓީސީސީ އާ ހަވާލުކޮށްގެން ކުރިއަށް ދާ ކަމަށެވެ.

"ވިންޓާ ސީޒަނުގައި ޖެޓުތައް ޕާކު ކުރުމަށް ވަރަށް ބޮޑު ޑިމާންޑެއް އޮވޭ. ވަރަށް ބައިވަރު ޖެޓުތައް ރާއްޖެއަށް އުދުހޭ. އެހެން ވީމާ ރައްކާތެރިކަމާއި ސަލާމަތްތެރިކަމާ އެކު އެ އެއްޗެހިތައް ބެލެހެއްޓުމަކީ އެމްއޭސީއެލްގެ ޒިންމާއެއް،" ޝަމްއާން ވިދާޅުވިއެވެ.

ޝަމްއާން ވިދާޅުވީ އެއާޕޯޓުގެ އޭޕްރޮންގެ މަސައްކަތް އެއާޕޯޓުގެ ދެކުނު ފަރާތުގެ އިތުރުން، އުތުރު ފަރާތުގައި ވެސް ކުރިއަށް ދާ ކަމަށެވެ. އަދި މި މަސައްކަތް ނިމުމުން މިހާރަށް ވުރެ ދެ ގުނަ ގިނަ ޖެޓު އެއާޕޯޓުގައި ޕާކު ކުރެވޭނެ ކަމަށް ޝަމްއާން ވިދާޅުވިއެވެ.

ޝަމްއާން ވިދާޅުވީ އެއާޕޯޓުގެ ޖާގަ އޮތް ވަރަކުން ޖެޓް ޕާކިންއަށް އެޕްރޮން ބޮޑު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ފިނި މޫސުން، ހޫނު މޫސުން އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ޕީކް ސީޒަނާ ދިމާކޮށް ރާއްޖެއަށް އަންނަ ޖެޓުތަކުގެ އަދަދުތައް ބޮޑުތަނުން އިތުރުވެއެވެ. މީގެ ސަބަބުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސާ ޖެޓުތައް ޕާކު ކުރާނެ ޖާގަ ނެތުމުގެ ސަބަބުން، ގިނަ ފަހަރު ފޮނުވަނީ ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ނުވަތަ މާފަރު އިންޓަނޭޝަނަލް އެއާޕޯޓަށެވެ.

އަދި ކުރިން ބޭނުން ކުރަމުން އައި ރަންވޭ ބަންދުކުރުމާ އެކު، އެ ރަންވޭގެ ދެކުނު ފަރާތް ޖެޓު ޕާކިންއަށް އެމްއޭސީއެލް އިން އައީ ބޭނުން ކުރަމުންނެވެ. އެހެން ކަމުން އާ މަޝްރޫއާއެކު، އެއާޕޯޓުގައި ޖެޓު ޕާކިންއަށް ބޮޑު ހައްލެއް ލިބޭނެއެވެ.

comment ކޮމެންޓް