ރައީސްގެ ސްކޮލާޝިޕް ހާސިލުކުރި ހުޔާމްއާ ބައްދަލުކުރައްވާ ހިތްވަރު ދެއްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ސްކޮލާޝިޕް ހާސިލުކުރި ހުޔާމްއަށް ހިތްވަރު ދެއްވަނީ --

ދެހާސް އެކާވީސް ވަނަ އަހަރު ޝަހާދާ ސާނަވިއްޔާ ނިންމައި، ރައީސުލްޖުމްހޫރިއްޔާގެ ސްކޮލާޝިޕް ހާސިލްކުރި ދަރިވަރު ގދ. ތިނަދޫ، މާކޮޅު، ފާތިމަތު ހުޔާމް ޚަލީލާ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ބައްދަލުކުރައްވައި ހިތްވަރު ދެއްވައިފިއެވެ.

ހުޔާމްއަށް ހިތްވަރު ދެއްވީ ރައީސްގެ ސްކޮލާޝިޕް ހަމަޖެހުނުކަމުގެ ލިޔުމާއި އިނާމު އޭނާއާ ހަވާލުކުރުމަށް މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

މިއަދުގެ މި ބައްދަލުކުރެއްވުމުގައި ހުޔާމްގެ މިކާމިޔާބީ އާއި ގުޅިގެން އޭނާގެ އާއިލާއަށާއި، ސުކޫލް، އަލްމަދްރަސަތުލް ޢަރަބިއްުޔަތުލް އިސްލާމިއްޔާއަށް ރައީސް މަރުޙަބާ އާއި ތަހުނިޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ސްކޮލާޝިޕް ލިބުނުކަމުގެ ލިޔުން ހަވާލުކޮށްދެއްވުން ---

އެމަނިކުފާނުގެ ވާހަކަފުޅުގައި، ޔުނިވާސިޓީ ތައުލީމުގެ މަރުޙަލާގައި ވެސް މޮޅު ކާމިޔާބީއެއް ހޯދައި، ދިވެހި ޤައުމުގެ ތަރައްޤީއަށާއި ކުރިއެރުމަށް އިޚުލާސްތެރި ޚިދުމަތްތަކެއް ކޮށްދިނުމަށް އެދިވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ސްކޮލާޝިޕް ލިބުނުކަމުގެ ލިޔުން ހަވާލުކޮށްދެއްވުމުގެ ރަސްމިއްޔާތު ---

ފާޠިމަތު ހުޔާމް ޚަލީލް ވަނީ، ޝަހާދާ ސާނަވިއްޔާ އިމްތިހާނުގައި ބައިވެރިވި މާއްދާތަކުގެ ތެރެއިން، 13 މާއްދާއިން އޭ ސްޓާ ހޯއްދަވާފައެވެ. އާކިޓެކްޗާގެ ދާއިރާއިން ކުރިޔަށް ދިޔުމަށް ގަސްދު ކުރާ ހުޔާމް، މަތީ ތައުލީމް ހާސިލު ކުރުމަށް ނިންމަވާފައި ވަނީ، މެލޭޝިޔާގެ "އިންފްރާސްޓްރަކްޗާ ޔުނިވަސިޓީ ކުއާލާލަމްޕޫރް"އިން، "ބެޗްލާ އޮފް ސައިންސް އިން އާކިޓެކްޗާ ސްޓަޑީޒް" އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ސްކޮލާޝިޕް ލިބުނުކަމުގެ ލިޔުން ހަވާލުކޮށްދެއްވުމުގެ ރަސްމިއްޔާތު ---

ހުޔާމަށް ރައީސުލްޖުމްހޫރިއްޔާގެ ސްކޮލާޝިޕް ހަމަޖެހުނު ކަމުގެ ލިޔުން ހަވާލުކުރެއްވުމަށް ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަންގެ އިތުރުން، ހުޔާމްގެ މަންމަ އާއި އަލްމަދަރްސަތުލްޢަރަބިއްޔަތުލް އިސްލާމިއްޔާގެ ޑެޕިއުޓީ ޕްރިންސިޕަލް އައިޝަތު އަޒްމާ ބައިވެރިވެވަޑައިގެންނެވިއެވެ.

comment ކޮމެންޓް