ގޯލްޑެން ފުޓްސަލް ޗެލެންޖު 2023 ގައި ގދ. އަތޮޅުގެ ބުރުގައި މަޑެވެލި ބަލިކޮށް ހޯޑެއްދޫން މުބާރާތުގެ ދެވަނަ މޮޅު ހޯދިއިރު ތިނަދޫ ކައިރިން މޮޅުވެ ގައްދޫއިން އުންމީދު އާކޮށްފިއެވެ.
ރޭ ހުޅުމާލެ ރެހެނދި ފުޓްސަލް ދަނޑުގައި މަޑަވެއްޔާއި ހޯޑެއްދޫ ބައްދަލުކުރި މެޗު ނިމުނީ 3-1 ގެ ނަތީޖާއަކުން ހޯޑެއްދޫ މޮޅުވެގެންނެވެ. އެ މެޗުގައި ހޯޑެއްދޫގެ ގޯލުތައް ޖެހީ އާދަމް ލަރީފްއާއި އަހުމަދު ޝާނިއު އަބްދުލް ޣަނީގެ އިތުރުން ސާއިން އަސްލަމެވެ. މަޑަވެލިން ޖެހި ގޯލަކީ ހޯޑެއްދޫގެ ސާއިން އަތުން ބައިކޮޅަށް ވަން ގޯލެކެވެ.
އެ އަތޮޅުގެ ދެވަނަ މެޗުގައި ރޭ ބައްދަލުކޮށްފައިވަނީ ގައްދޫއާއި ތިނަދޫއެވެ. އެ މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ގައްދޫއިންނެވެ. ގައްދޫއިން އެ މެޗުގައި ޖެހި ދެ ގޯލު ވެސް ޖަހައިފައިވަނީ އާލިމް އަބްދުލް އަޒީޒެވެ. ތިނަދޫގެ ހަމައެކަނި ގޯލު ޖެހީ ހުސައިން ރަޝީދެވެ.
ހޯޑެއްދޫ ވަނީ އެ އަތޮޅުގެ ފުރަތަމަ ބުރުގައި މިދިޔަ ބުރާސްފަތި ދުވަހު ތިނަދޫއަތުން އެ ޓީމުގެ ފުރަތަމަ މޮޅު ހޯދައިފައެވެ. އެ މެޗު ހޯޑެއްދޫއިން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ. އަދި އެ ބުރުގައި ގައްދޫ ވަނީ ގާދޫ އަތުން 3-1 ގެ ނަތީޖާއަކުން ބަލިވެފައެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖަކީ މީހުން ދިރިއުޅޭ ކޮންމެ ރަށަކުން ވެސް އެރަށަކަށް ނިސްބަތްވާ އެއް ޓީމަށް ހުޅުވާލައިގެން ކުރިއަށްގެންދާ މުބާރާތެކެވެ. ނަމަވެސް މާލެއާއި ފުވައްމުލަކުގެ ކޮންމެ އަވަށަކުން ޓީމެއް ބައިވެރިކުރުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފައެވެ.
މިއަހަރުގެ ގޯލްޑެން ފުޓްސަލް ޗެލެންޖުގައި 102 ޓީމު ވަނީ ބައިވެރިވެފައެވެ. އެ މުބާރާތުގައި މި އަހަރު 242 މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ.
މިފަހަރުގެ މުބާރާތްވެސް ކުރިއަށްދާނީ ކުރިންވެސް މުބާރާތް ކުރިއަށް ގެންދިޔަ އުސޫލުންނެވެ. ފުރަތަމަ އެ އަތޮޅެއް ނިސްބަތްވާ އަތޮޅު ބުރެއް ކުޅެން ޖެހޭއިރު އެ ބުރުން އެންމެ މޮޅު ޓީމުތައް ވާދަކުރަން ޖެހޭނީ ޒޯން ބުރުގައެވެ. ޒޯން ބުރުން އެންމެ މޮޅު 16 ޓީމު ދެން ވާދަކުރަން ޖެހޭނީ މުބަރާތުގެ ގަދަ 16ގައެވެ. އަދި އެ ބުރުން ކާމިޔާބު ހޯދާ ޓީމުތައް ކުއާޓާ، ސެމީ އަދި ފައިނަލް ކުޅެ މުބަރާތުގެ އެންމެ މޮޅު ޓީމެއް ހޮވޭނެއެވެ. އެ މުބާރާތުގެ ހުރިހާ މެޗެއް ކުޅޭނީ ހުޅުމާލެ ރެހެންދި ޓާފު ދަނޑުގައެވެ.
މިއަހަރު ކުޅޭ ގޯލްޑެން ފުޓްސަލް ޗެލެންޖުގެ ބްރޯޑްކާސްޓިން ޕާޓްނަރެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ސަން ސިޔާމް މީޑިއާއެވެ.