ދިރުވާލައިގެން މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ބަޔަކު މަޑުކޮށްލައިގެން ފޮޓޯ: އިމިގްރޭޝަން

ދިރުވާލައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ލަޓްވިއާ ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، ދިރުވާލައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު 49 އަހަރުގެ ލަޓްވިއާ ފިރިހެނަކު މިއަދު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

އެ މީހާ ހައްޔަރު ކުރީ ދިވެހި ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އިމިގްރޭޝަން އާއި މޯލްޑިވްސް ކަސްޓަމްސްގެ އެހީތެރިކަމާއެކުއެވެ.

އޭނާ ދިރުވާލައިގެން ހުރި މަސްތުވާތަކެތި ނެގުމުގެ މަސައްކަތް މިހާރު ކުރަމުންދާއިރު، އެކަމާ ގުޅޭ އިތުރުއެއްވެސް މައުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

މި މަހުގެ އަށް ވަނަ ދުވަހު ވެސް ރާއްޖެ އައި ސްވިޒަލޭންޑްގެ 59 އަހަރުގެ ފިރިހެނެއްގެ ލަގެޖުން 2.2 ކިލޯ ކޮކެއިން ވަނީ ފެނިފައެވެ. އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަސް ޖަހާފައެވެ.

މަސްތުވާތަކެތި ޓްރެފިކް ކުރުމަށް ޓްރާންސިޓް ޕޮއިންޓެއްގެ ގޮތުގައި ރާއްޖެ ބޭނުންކުރާ ނުވަތަ ބޭނުންކޮށްފާނެ މީހެއްކަމުގެ އިންޓެލިޖެންސް މައުލޫމާތު ލިބިއްޖެ ނަމަ އެ މީހަކު ރާއްޖެ އެތެރެވިޔަނުދީ އަނބުރާ ފޮނުވާލުމުގެ ބާރު އިމިގްރޭޝަނަށް ލިބޭގޮތަށް މިދިޔަ މަހުގެ 26 ވަނަ ދުވަހު ގަވައިދެއް ވަނީ އާއްމުކޮށްފައެވެ.

comment ކޮމެންޓް