އިނގިރޭސިވިލާތުގެ ފެޝަން އިންޑަސްޓްރީން އިގުތިސާދަށް 26 ބިލިއަން ޑޮލަރު ލިބޭ: ސުނާކް

ފޮޓޯ/ ލަންޑަން ފެޝަން ވީކް

އިނގެރޭސިވިލާތުގެ ފެޝަން އިންޑަސްޓްރީން އެ ގައުމުގެ އިގުތިސާދަށް ގާތްގަނޑަކަށް 26 ބިލިއަން ޑޮލަރު ލިބޭ ކަމަށް އެގައުމުގެ ބޮޑުވަޒީރު ރިޝީ ސުނާކް ވިދާޅުވެއްޖެއެވެ.

ލަންޑަން ފެޝަން ވީކް އިއްޔެ ފެށުމާ ގުޅިގެން ސުނާކް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އިނގިރޭސިވިލާތުގެ ފެޝަން އިންޑަސްޓްރީގައި ނުވަ ލައްކަ މީހުން މަސައްކަތް ކުރާ ކަމަށާއި އެ ދާއިރާއިން ގައުމަށް ބޮޑު އާމްދަނީއެއް ވެސް ލިބޭ ކަމަށެވެ.

ސުނާކް ވިދާޅުވީ ޒަމާނާއެކު ފެޝަނަށް ބަދަލު އައި ނަމަވެސް އެ ދާއިރާގެ ލީޑަރެއްގެ ގޮތުގައި އެގައުމު ދެމިއޮންނާނެ ކަމަށެވެ.

"ފެޝަން އިންޑަސްޓްރީގެ މުހިންމު ބައެއް ބްރޭންޑުތައް ނިސްބަތް ވަނީ އިނގިރޭސިވިލާތަށް، އޭގެތެރޭގައި ބާބަރީ އާއި ސްޓެލާ މެކާޓްނީ ހިމެނޭ،" ސުނާކް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ އިނގިރޭސިވިލާތުގައި އުފައްދާ ތަކެއްޗަށް މުޅި ދުނިޔެއިން ވެސް ތަރުހީބު ލިބޭ ކަމަށާއި އެހެންކަމުން އެފަދަ އުފެއްދުންތައް ގިނަ އަދަދަކަށް އެކްސްޕޯޓުވެސް ކުރާ ކަމަށެވެ. އެގޮތުން އެގައުމުގައި ހިންގާ 8،200 ފެޝަން ވިޔަފާރީގެ އުފެއްދުންތަކަކީ އޭގެ ފެންވަރާއި ތަފާތު ޑިޒައިނަށް މަޝްހޫރު ވިޔަފާރިތައް ކަމަށް ސުނާކް ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަކީ ފެޝަންއާ ބެހޭ ތައުލީމު ފޯރުކޮށްދިނުމުގައި ވެސް ދުނިޔޭގެ ލީޑަރުން. މި ދާއިރާގައި ދުނިޔޭގެ އެންމެ މަތީ ފެންވަރުގެ ޔުނިވާސިޓީތަކުގެ ތެރޭގައި އިނގިރޭސި ހަ ޔުނިވާސިޓީއެއް ހިމެނޭ،" ސުނާކް ވިދާޅުވިއެވެ.

އަންނަ ހުކުރު ދުވަހުން އަންނަ އަންގާރަ ދުވަހަށް ކުރިއަށްގެންދާ މިއަހަރުގެ ލަންޑަން ފެޝަން ވީކްގައި ދެ ޖިންސުގެ ހެދުންތައް ދައްކާނެއެވެ. އެ ހަރަކާތުގައި ބައިވެރިވާ ބްރޭންޑުތަކުގެ ތެރޭގައި އެކްސެސަރައިޒް، އޯލް ސެއިންޓްސް، ޑީސަލް، ޑޫން، ފްރެންޗް ކަނެކްޝަން، ހޫގޯ ބޮސް، މައިކަލް ކޯސް، ސްވަރޮވްސްކީ، އާބަން އައުޓްފިޓާސް ފަދަ ބްރޭންޑްތައް ހިމެނެއެވެ.

އެ ހަރަކާތަށް ދުނިޔޭގެ އެކި ގައުމުތަކުން މަޝްހޫރު ތަރިންނާއި މުއްސަނދިން ލަންޑަނަށް ޒިޔާރަތްކުރެއެވެ.

comment ކޮމެންޓް