ހުވަދު އަތޮޅުގެ ރަށްތަކަށް ޚާއްސަކޮށް ބާއްވާ ފުރަތަމަ ޓޫރިޒަމް ސެމިނާ ބާއްވައިފި

ގދ. ވާދޫގައި ބޭއްވި ޓޫރިޒަމް ސެމިނާގެ ބައިވެރިން --- ފޮޓޯ/ ހެޓް

ހުވަދު އަތޮޅުގެ ރަށްތަކަށް ޚާއްސަކޮށް ބާއްވާ ފުރަތަމަ ޓޫރިޒަމް ސެމިނާ ގދ. ވާދޫގައި ބާއްވައިފިއެވެ.

މި ސިމްޕޯސިއަމްއަކީ ފަތުރުވެރިކަމާ ބެހޭ މުހިންމު މައުލޫމާތު ފޯރުކޮށްދީ ދެމެހެއްޓެނިވި ގޮތެއްގައި ލޯކަލް ޓުއަރިޒަމް ހުވަދު އަތޮޅުގެ ރަށްތަކުގައި ކުރިއެރުވުމަށް ހުވަދޫ އެސޯސިއޭޝަން ފޯ ޓުއަރިޒަމް (ހެޓް) އާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީއާއި ހެރިޓޭޖް މިނިސްޓްރީ އާއި ގދ. ވާދޫ ކައުންސިލް އިދާރާ ގުޅިގެން ބާއްވާފައިވާ ސިމްޕޯސިއަމްއެކެވެ.

މިމަހުގެ ނުވަ ވަނަ ދުވަހު ފެށިގެން ދިޔަ މި ޓޫރިޒަމް ސިމްޕޯސިއަމް ބާއްވާފައިވަނީ ތިން ދުވަހުގެ މުއްދަތަކަށެވެ. މި ސިމްޕޯސިއަމްގައި ޖުމްލަ 40 މީހުންނާއި ދަރިވަރުން ބައިވެރިވިއެވެ.

މި ސިމްޕޯސިއަމްގެ އެންމެ ބޮޑު މަގްސަދަކީ ހުވަދު އަތޮޅުގެ ރަށްތަކުގައި ފަތުރުވެރިކަމުގެ ދާއިރާ ދެމެހެއްޓެނިވިގޮތެއްގައި ބިނާކުރުމަށް ބާރު އަޅައި މި ދާއިރާގެ ސަބަބުން ކުރާ ރަނގަޅު ނުވަތަ ނޭދެވޭ އަސަރުތައް ދެނެގަނެ ރައްޔިތުން ހޭލުންތެރިކުރުވުމެވެ.

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ލެކްޗަރާއިންގެ އިތުރުން ހެރިޓޭޖް މިނިސްޓްރީގެ ބޭފުޅުން ވަނީ މި ސިމްޕޯސިއަމްގައި ބައިވެރިވެވަޑައިގެންފައެވެ.

ހުވަދޫ އެސޯސިއޭޝަން ފޯ ޓޫރިޒަމްގެ އެގްޒެކެޓިވް ޑިރެކްޓަރު ހޫދު އިބްރާހީމް މިއަދު 'ސަން' އަށް ވިދާޅުވީ ވާދޫގައި ކުރިއަށްދިޔަ ސިމްޕޯސިއަމްގައި ރަށު ކައުންސިލާއި ފެނަކަ މުވައްޒަފުންނާއި އެހެނިހެން އިދާރާތަކުގެ އިތުރުން ސްކޫލް ދަރިވަރުން ބައިވެރިވެފަވާ ކަމަށެވެ.

އަދި މިއީ މިގޮތަށް އެ އަތޮޅުގައި ބޭއްވި އެންމެ ފުރަތަމަ ސިމްޕޯސިއަމްއަށް ވުމާ އެކު ވަރަށް ބޮޑު ތަރުހީބަކާ އެއްބާރުލުމެއް ލިބިފައިވާ ކަމަށް ހޫދު ވިދާޅުވިއެވެ.

ހޫދު ވިދާޅުވީ ހުވަދު އަތޮޅުގެ ރަށްތަކަށް ބަހާލައިގެން މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި މި ސެމިނާތައް ކުރިއަށް ގެންދިއުމަށް ރާވާފައިވާ ކަމަށެވެ. އަދި ކޮންމެ ރަށެއްގައި މި ސެމިނާތައް ބާއްވާނީ އެރަށަކާ އެންމެ ގުޅުން ހުރި ކަމެއްގެ މައްޗަށް ކަމަށެވެ. އަދި އެންމެ އަވަހަށް އެ އަތޮޅުން ގައްދުއާ ތިނަދޫގައި މި ސެމިނާ ބޭއްވުމުގެ މަސައްކަތް ކުރަމުންދާކަމަށް ހޫދު ވިދާޅުވިއެވެ.

ތިން ދުވަހަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މި ސިމްޕޯސިއަމްގައި ވާދޫގެ 40 ހެރިޓޭޖް ސައިޓެއް ވަނީ ބަލާ ދިރާސާކޮށްފައެވެ. އަދި އެމްއެންޔޫ އިން ވަނީ މިސިމްޕޯސިއަމް ގައި ޕްރެސެންޓޭޝަންތައް ހުށަހަޅާފައެވެ. އަދި ޚާއްސަ ޕެނަލް ޑިސްކަޝަންއެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

މި ސިޕްމޯސިއަމް އަކީ ހުވަދު އަތޮޅުގެ ރަށްތަކަށް ޚާއްސަކޮށްގެން ބާއްވާފައިވާ މިފަދަ ފުރަތަމަ ޕްރޮގްރާމަށް ވާތީ ހުވަދު އަތޮޅުގެ ރައްޔިތުން ވެސް ވަނީ ބައިވެރިވެފައެވެ.

comment ކޮމެންޓް