ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަކީ އެމްޑީޕީގެ މި ސަރުކާރުގެ އެންމެ މުހިންމު ވައުދެވެ. މި ވައުދު ރައީސް އިބްރާހީމް މުހައްމަދު ޞާލިހު ފުއްދަވައިދެއްވީ، މިދިޔަ އަހަރުގެ މޭ މަހުއެވެ.
އެއާއެކު ގިނަ ދުވަސްތަކަކަށް ޓީޗަރުން ކުރި އިންތިޒާރު ނިމުމަކަށް އައެވެ.
ޓީޗަރުންނަށް އެ މީހުން ކުރާ ބުރަ މަސައްކަތުގެ އުޖޫރަ ދިނުމުގެ މަގުސަދުގައި އެކަން ސަރުކާރުން ކޮށްދިން ނަމަވެސް ތައުލީމީ ފެންވަރަށް އަންނަ ބަދަލުތަކާއެކު އާ މުސާރައަކަށް ހިޖުރަކުރުމުގައި މައްސަލަތައް އަންނަނީ ފެންމަތިވަމުންނެވެ.
މައްސަލައަކީ ކޮބާ؟
ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން އިއްޔެ ބޭއްވި ބައްދަލުވުމުގައިވަނީ މި ކަމުގެ މައްޗަށް ވާހަކަދައްކައި އެ މައްސަލަ ވަނީ ބަލައިފައެވެ. ޕޭ ކޮމިޝަނާއި ސިވިލް ސާވިސް ކޮމިޝަނުން ބައްދަލުވުމުގައި ބައިވެރިވެފައި ވެސް ވެއެވެ.
އެ ކޮމިޓީގެ މުގައްރިރު އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވިގޮތުގައި އަދިވެސް ޓީޗަރުންގެ މުސާރައިގައި ކަންބޮޑުވާން ޖެހޭ ގިނަ ކަންތައްތަކެއް އެބަހުއްޓެވެ. އަދި އެ ކަމުގެ ޝަކުވާ އާއި ކަންބޮޑުވުންތައް އަދިވެސް ލިބެމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
"މިސާލަކަށް ޑިގްރީ ހެދީމާ ޓީޗަރުންނަށް ލިބޭ ކުރިއެރުން، މި ކަންކަމުގެ މައުލޫމާތު ތި ބޭފުޅުންނަށް އަޅުގަނޑުމެންނަށް އެ ދެވޭނީ ބޮޑަށް އެ ހުރި ގޮތެއް. އަޅުގަނޑުމެން ކަންބޮޑުވާ ގޮތަކަށް އެ ބޭފުޅުންގެ ފަރާތުން އަޅުގަނޑުމެންނަށް މައުލޫމަތު ލިބެނީ،" ރޮޒައިނާ ފާހަގަކުރެއްވިއެވެ.
އަސްލު މައްސަލައަކީ ޑިގްރީ ހާސިލްކުރާ ޓީޗަރަކު އޭނާ ހުރި ސްކޫލުގައި ހުރެ ޑިގްރީ ކިޔަވައި ނިންމައިފި ނަމަ ވަކި މުއްދަތެއްގެ ތަޖުރިބާ ލިބެންދެން އޭނާގެ މުސާރަ ޑިގްރީ ހޯލްޑަރެއްގެ ފެންވަރަށް ބޮޑު ނުވުމެވެ. އެހެން ނަމަވެސް އެހެން ސްކޫލަކަށް ވަޒީފާއަށް ހުށަހަޅައި ހޮވިއްޖެ ނަމަ ވަގުތުން ޑިގްރީ ފެންވަރުގެ މުސާރައެއް އެ މީހަކަށް ލިބެއެވެ. މިއީ ގަބޫލުކުރަން ދަތި ގޮތެއް ކަމަށް ގިނަ ބަޔަކު ފާހަގަކުރެއެވެ.
"މި ދައްކަނީ އޭނާގެ ކިޔަވައިގެން ހުންނަ ލެވަލް އެއަށްވުރެ މައްޗަށް ދިޔައީމަ އޭނާ ސީނިއީ އިންގްލިޝް ޓީޗަރަކަށް ހަދަނީކީއެއް ނޫން. ނުވަތަ އޭނާ ލީޑިން ޓީޗަރަކަށް ބަދަލުވާ ވާހަކައެއް ނޫން މި ދައްކަނީ. އަޅުގަނޑުމެން މި ދައްކަނީ ކިޔަވައިގެން އެ މައްޗަށް ދިޔައީމަ ކީއްވެގެންތޯއޭ އަނެއް ސްކޫލުގައި ހުންނަ ޓީޗަރުގެ މުސާރަ އޭނާ ވެސް ޑިގްރީ ހެދީމަ އަނެއް ސްކޫލުގައި ހުންނަ ޑިގްރީ ޓީޗަރަށް ނުލިބެންވީ. އޭނާ އެހެން ސްކޫލަކަށް އަނެއްކާ އެ ކަން ކުރަން ދާން ޖެހެނީ،" ރޮޒައިނާ ފާހަގަކުރެއްވިއެވެ.
އެކަމަށް ޖަވާބު ދެއްވަމުން ސިވިލް ސާވިސް ކޮމިޝަންގެ ނައިބު ރައީސް އިބްރާހިމް ރަޝީދު ވިދާޅުވީ އެ މައްސަލަ ތަކުރާރުކޮށް އެ ކޮމިޝަނަށް ހުށަހަޅަމުން އަންނަ ކަމަށެވެ. އެ ކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީއާއެކު ބައްދަލުވުންތަކެއް ބޭއްވުނުކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ޕޭ ކޮމިޝަނާއެކު ވެސް ބައްދަލުވުމެއް ބޭއްވިކަމަށް ވިދާޅުވިއެވެ.
"ދެން މީގައި މި ނިކުންނަ އެންމެ ބޮޑު އިޝޫއަކަށް މި އަންނަނީ ޑިޕްލޮމާގައި މިހާރު އެ އޮތް ރޭންކް އެކެއްގައި އެ ތިއްބަވާ ޓީޗަރުން ޑިގްރީ ހެއްދެވީމާ އެ ބޭފުޅުންގެ ލެވަލް ދެއަކަށް ޕްރޮމޯޓް ނުވާ މައްސަލަ. މިއީ ކުރީގެ އޮނިގަނޑުތަކުގައި އޮންނަ ސިފައެއް. އެހެންނަމަވެސް ފަހުގެ އޮނިގަނޑުގައި ކޮންމެވެސް ވަރަކަށް އެ ބަދަލު ވެސް އައިސްފައި ހުންނާނީ،" އޭނާ ވިދާޅުވިއެވެ.
އެހެން ނަމަވެސް އާ އޮނިގަނޑަށް އަމަލުކުރަން ފެށިފަހުން ޑިގްރީ ހާސިލްކުރާ ޓީޗަރުން މުސާރަ ބޮޑު ކުރުމަށް، ދެ އަހަރުވަރު މަޑުކުރަން ޖެހެއެވެ. އެކަމަކު އެއީ އެއް ސްކޫލެއްގައި މަސައްކަތްކުރާ ނަމައެވެ. އިސްތިއުފާ ދީ، އަލުން ކުރިމަތިލައިފި ނަމަ އާ މުސާރަ ލިބެއެވެ.
މި މައްސަލައިގައި ސިވިލް ސާވިސަސް ކޮމިޝަނަށް ގެނެސްދެވޭނެ އެއްވެއް ހައްލެއް ނެތް ކަމަށް އެ ކޮމިޝަނުން ބުނެއެވެ. އެއީ ޕޭ ކޮމިޝަނުން ވަކި އުސޫލަކުން ކުރާ ކަމަކަށްވުމުން އެ ކަމާ ސިވިލް ސާވިސް ކޮމިޝަނުން އެއްވެސް އެއްޗެއް ނުބުނާނެކަމަށް އެ ކޮމިޝަނުން ބުނެއެވެ.
މިކަމަށް ޕޭ ކޮމިޝަނުން ދޭ ލަފަޔަކީ ސްކޫލަތުގައި ހުންނަ ހުސް މަގާމުތަކަށް ކުރިމަތިލައި، އެ މަގާމަށް ހޮވިގެން އެ ކަން ހައްލުކުރަން މަސައްކަތް ކުރުމެވެ.
ޓީޗަރުންނަށް މީގެ ކުރިން ލިބެމުން އައި މުސާރައާއި މިހާރު ލިބޭނެ މުސާރަ
- ރޭންކު 1- ކުރިން ލިބެމުން ދިޔައީ އެވްރެޖުކޮށް، 10،889ގެ މުސާރައެއް. ގެނެވުނު ބަދަލާއެކު 13،266 ރުފިޔާގެ މުސާރައެއް ލިބޭނެ
- ރޭންކު 2- ކުރިން ލިބެމުން ދިޔައީ އެވްރެޖުކޮށް، 13،089ގެ މުސާރައެއް. ގެނެވުނު ބަދަލާއެކު 19،467 ރުފިޔާގެ މުސާރައެއް ލިބޭނެ
- ރޭންކު 3- ކުރިން ލިބެމުން ދިޔައީ އެވްރެޖުކޮށް، 15،135ގެ މުސާރައެއް. ގެނެވުނު ބަދަލާއެކު 20،895 ރުފިޔާގެ މުސާރައެއް ލިބޭނެ
ޓީޗަރުންގެ އުދާސް ގިނަ
މި ކަމާ ގުޅިގެން އެންމެ ގިނަ އުދާސްތަކެއް އުފެދިފައިވަނީ ޓީޗަރުންގެ މެދުގައެވެ. އެ ގޮތުން މި ނޫހާ ވާހަކަދައްކަމުން ޓީޗަރަކު ބުނިގޮތުގައި މިއީ އެ ޓީޗަރުންނަށް ލިބޭނެ ވަރަށް ބޮޑު ޑީމޯޓިވޭޝަނެކެވެ.
ތައުލީމީ ސެޓްފިކެޓާ އެއްހަމަ މުސާރައެއް ބޭނުންނަމަ ޖެހެނީ ގިނަ ދުވަސްތަކެއް ވަންދެން ވަޒީފާ އަދާކުރި ތަނުން އެހެން ތަނަކަށް ބަދަލުވާށެވެ. މިފަދަ ގިނަ ޓީޗަރުންތަކެއް މިހާރު ވެސް އެބައުޅެއެވެ.
އޭގެ ތެރެއިން ބައެއް ޓީޗަރުން ވަނީ އެ މީހުން ދެކޭ ގޮތް ކިޔައިދީފައެވެ.
"މިއީ ވަރަށް ދެކޮޅު ނުޖެހޭ ގޮތެއް. ޑިގްރީ ނިމުނީމާ ކޮންމެ ސްކޫލެއްގައި ވަޒީފާގައި ހުއްޓަސް އެ މީހަކަށް ބޮޑުވާ މިންވަރުން މުސާރަ ދެވެންވާނެ. ދެ ތިން އަހަރު މަޑުކޮށްގެން ތިބެވޭ ކަހަލަ ކަންކަމެއް ނޫން މިއީ. އެ ކަމަކު މިހާރު އުޅޭ ތަނުން އެހެން ތަނަކަށް ކެނޑިގެން ގޮސް އާ ވަޒީފާގައި އެއްވެސް މަޑުކުރުމެއް ނެތި މުސާރަ މި ލިބެނީ. މީ ވަރަށް ތަފާތު ގޮތެއް ދެއްތޯ،" އެ ޓީޗަރު ކިޔައިދިނެވެ.
ނަމަވެސް މުސާރަ ބޮޑުކުރުމުގައި ވަކި ގޮތެއް ހަމަޖައްސައި ކޮންމެވެސް އެއް އުސޫލަކުން އަމަލުކޮށް މައްސަލަތައް ނައްތައިލެވޭނެކަމަށް ވެސް ޓީޗަރަކު ބުންޏެވެ.
"މިހާރު ދެން އެހެން ނޫނީ ހެދިދާނެ ގޮތެއް ދޯ މިއީ، ޑިގްރީ ކިޔެވީމާ، އޭނާ ވަޒީފާ އަދާކުރާ ތަނުގައި އިތުރު ދެ އަހަރު ތަޖުރިބާ ހާސިލްކުރުމުން މުސާރަ މަތިވާނޭ. ހަމަ އެ މުއްދަތުގައި އެހެން ސްކޫލަކަށް ދިޔަ ނަމަވެސް މުސާރަ ބޮޑުވާނީ ދެ އަހަރު ހަމަވީމައޭ. އޭރުން އެހެން ސްކޫލަކަށް ހަމައެކަނި ބޮޑު މުސާރައަށް ބަދަލުވާން ދާ ދިއުން ހުއްޓޭނެ. ދެން އޮތް ގޮތަކީ ދެ އަހަރުގެ ތަޖުރިބާ ހޯދަން މަޑުކުރަން ޖެހޭ ޖެހުން އުވާލުން. ޑިގްރީ ނިމޭ ތަނުން މުސާރަ ބޮޑުވުން،" މި ނޫހާ ވާހަކަދެއްކި އިތުރު ޓީޗަރަކު އޭނާގެ ޚިޔާލު ހާމަކޮށްދިނެވެ.
މުސާރައިގެ މި މައްސަލަ ހައްލުކޮށްދިނުމަކީ ޓީޗަރުންގެ ވެސް އެންމެ ބޮޑު އެދުމެވެ. މިއީ ތަޖުރިބާއާ ގުޅިފައި އޮންނަންވީ ކަމެއް ނޫންކަމަށް ޓީޗަރުން ބުނެއެވެ. ތައުލީމީ ސެޓްފިކެޓާ ގުޅިފައިވާ ކަމެއްގައި ތައުލީމީ ފެންވަރު މަތިވުމުން މުސާރައަށް އިތުރުވާ މިންވަރު ލިބުމަކީ އެ މީހުން އެންމެ ބޮޑަށް އެދޭ އެދުމެވެ. އެ ކަމުގައި ވަކި މުއްދަތަކަށް ބެލުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ނޫންކަމަށް ވެސް ޓީޗަރުން ދެކެއެވެ.